Roadha Mihaaru
އާމްދަނީ އިތުރުވިޔަސް ޑޮލަރުން ދެއްކި އަދަދު ދަށަށް

އާމްދަނީ އިތުރުވިޔަސް ޑޮލަރުން ދެއްކި އަދަދު ދަށަށް

13 ފެބުރުއަރީ 2024

މިދިޔަ މަހު ޓެކްސް އިދާރާ، މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރުވިޔަސް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ މަހު ޓެކްސް އިދާރާ، މީރާއަށް އާމްދަނީގެ ގޮތުގައި ލިބުނު އަދަދު ކުރީ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރުވިޔަސް ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ ދަށަށް ހިނގައްޖެ އެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖެނުއަރީ މަހު ޑޮލަރުން ލިބުނީ 90 މިލިއަނެވެ. އެއީ މިދިޔަ އަހަރު އެ މަހު ލިބުނު ވަރަށް ވުރެ 10 މިލިއަން ޑޮލަރު މަދު އަދަދެކެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި ޑޮލަރުން 100 މިލިއަން ލިބުނެވެ.

މީރާއަށް ޑޮލަރުން ލިބުނު އާމްދަނީ ދަށްވީ ޓީޖީއެސްޓީގެ ގޮތުގައި ޑޮލަރުން ލިބުނު އަދަދު މަދުވުމުންނެވެ. ޓީޖީއެސްޓީގެ ގޮތުގައި މިދިޔަ ޖެނުއަރީ މަހު ޑޮލަރުން ލިބުނީ، 62 މިލިއަނެވެ. މިދިޔަ އަހަރު ޓީޖީއެސްޓީން ދައުލަތަށް 80 މިލިއަން ޑޮލަރު ލިބުނެވެ. ޑޮލަރުން ލިބުނު ޓެކްސް މަދުވިއިރު، މި އަހަރު ދިވެހި ރުފިޔާއިން ޓީޖީއެސްޓީއެއް ނުދައްކަ އެވެ.

އޭގެ އިތުރުން އިންކަމް ޓެކްސްގެ ގޮތުގައި 16 މިލިއަން ޑޮލަރު ލިބުނެވެ. އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި ވެސް ހަ މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

ޑޮލަރުން ލިބުނު އާމްދަނީ ދަށްވި ނަމަވެސް، ދައުލަތަށް ޖުމްލަ އާމްދަނީ މިދިޔަ މަހު އިތުރެވެ. މިދިޔަ މަހު ވަނީ 3.2 ބިލިއަން ރުފިޔާ ލިބިފަ އެވެ. އެއީ ކުރީ އަހަރުގެ ޖެނުއަރީއާ އަޅާބަލާއިރު 152 މިލިއަން އިތުރު އަދަދެކެވެ. މިދިޔަ މަހުގެ ޓެކްސްގެ ގޮތުގައި ރުފިޔާއިން ލިބުނު އަދަދު 1.9 ބިލިއަން ރުފިޔާއަށް އަރަ އެވެ.

ޖެނުއަރީ މަހަކީ އެންމެ ބޮޑު އަދަދެއްގެ ޓެކްސް އާމްދަނީ ވަންނަ މަހެވެ. މިދިޔަ މަހުގެ އާމްދަނީ އަކީ މީރާއަށް އެއް މަސް ތެރޭ އެންމެ ބޮޑު އަދަދެއް އާމްދަނީގެ ގޮތުގައި ދެއްކި މަހެވެ.