Roadha Mihaaru
ކާޑުތަކުގެ ޑޮލަރު ލިމިޓު 90 ޕަސެންޓަށް ކުޑަކުރަނީ

ބީއެމްއެލް އިން ކާޑުތަކުގެ ޑޮލަރު ލިމިޓު ގާތްގަނޑަކަށް 90 ޕަސެންޓު ކުޑަކުރަނީ

12 ފެބުރުއަރީ 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޑޮލަރުން ކަނޑާ އަދަދު 90 ޕަސެންޓާ ހަމައަށް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ޑޮލަރުން ކަނޑާ އަދަދު 90 ޕަސެންޓާ ހަމައަށް ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަން އެނގިއްޖެ އެވެ.

"މިހާރު" އާ މައުލޫމާތު ހިއްސާ ކުރެއްވި އެ ބޭންކުގެ އިސްބޭފުޅަކު ވިދާޅުވީ، ޑޮލަރުގެ ތާށިކަން އިންތިހާ އަށް ބޮޑުވުމުން މިހާރު ޑޮލަރުން ކެނޑޭ އަދަދު ވަރަށް ބޮޑަށް ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ކާޑުގެ ޑޮލަރު ލިމިޓު ކުޑަކުރާނެ އަދަދު އަދި ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެލެވެނީ ގާތްގަނޑަކަށް 90 ޕަސެންޓަށް ޑޮލަރު ލިމިޓު ކުޑަކުރާނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ކާޑުގެ ޑޮލަރު ލިމިޓުން 90 ޕަސެންޓު ކަނޑާލައިފި ނަމަ ޑެބިޓް ކާޑުތަކުގެ ތެރެއިން ރާއްޖޭގައި ބޭނުން ކުރެވޭ ކާޑުތަކުގެ ލިމިޓު 25 ޑޮލަރަށް، ރާއްޖެ އިން ބޭރުގައި އުޅޭ މީހުން ޑެބިޓް ކާޑުން 75 ޑޮލަރަށް އަދި ކްރެޑިޓް ކާޑުގެ ލިމިޓު ވެސް 75 ޑޮލަރަށް ކުޑަ ވާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އިން ބުނީ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބޭ އަދަދެއްގެ މައްޗަށް ކަމަށެވެ. ބޭންކުން ބުނީ ބޭރު ފައިސާ ލިބުމުގައި ބޭންކަށް ދިމާވާ ދަތިތަކާ ގުޅިގެން ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖާ ކުރަމުން އަންނަ ކަމަށެވެ.

ބޭންކުން ކާޑު ލިމިޓު ކުޑަކުރަން ނިންމީ، ޑޮލަރު ލިބުން ދަތިވާތީ އެވެ.

ކޮވިޑާ ގުޅިގެން އޮންލައިން ޓްރާންސެކްޝަންތައް ބޭނުންކުރާ ވަރު ލިމިޓު ކުރުމަށް ފަހު، ބީއެމްއެލް އިން އަންނަނީ ބޭނުންކުރާ ލިމިޓު ރިވައިޒްކޮށް، އިތުރު ކުރަމުންނެވެ. އެންމެ ފަހުން ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވަނީ 2021 ވަނަ އަހަރު އެވެ. ކްރެޑިޓް ކާޑު ބޭނުން ކޮށްގެން އޮންލައިން މުއާމަލާތުތައް ހިންގޭ ލިމިޓު އެ އަހަރު 750 ޑޮލަރަށް ބަދަލުކުރި އެވެ. ޑެބިޓް ކާޑު ބޭނުންކޮށްގެން އަދިވެސް ބޭރުގެ މުއާމަލާތުތައް ހިންގެނީ މަހަކު 250 ޑޮލަރާ ހަމައަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ވިދާޅުވީ، ކްރެޑިޓް ކާޑު ލިމިޓެެއް ނެތި ބޭރުގެ މުއާމަލާތުތައް ހިންގޭނެ ގޮތެއް ފަހިކުރަން ބޭނުންވާ ކަމަށާއި އެކަމަކު މި ވަގުތު އެކަން އޮތީ ކުރެވޭނެ ކަހަލަ ގޮތަކަށް ކަމަށެވެ.

"ޑޮލަރުގެ ކަޅު ބާޒާރު ހުއްޓި، ރަސްމީކޮށް ޑޮލަރު ސިސްޓަމަށް ވަންނަން ފެށުމުން ނޫން ގޮތަކަށް އެކަން ކޮންޓްރޯލެއް ނުވާނެ،" ވިދާޅުވި އެވެ.