Roadha Mihaaru
އިންތިހާބުގައި ވާދަކުރަން 400އެއްހާ ފޯމު ހުށަހަޅައިފި

މަޖިލިސް އިންތިހާބުގައި ވާދަކުރަން އީސީއަށް 400 އެއްހާ ފޯމު ހުށަހަޅައިފި

14 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، 400 އެއްހާ ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ވަގުތު ހަމަވިއިރު، 400 އެއްހާ ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް، އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމަށް މިއަދު މެންދުރު 2:00 އާ ހަމައަށް ވަގުތު ދިން ކަމަށެވެ. އެ މުއްދަތުގެ ތެރޭގައި 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެއީ މިހާތަނަށް ފޯމު ހުށަހެޅި ކެންޑިޑޭޓުންނަށް ވާތީ، އޭގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީން ބާތިލްކުރާނެ އެވެ. އެހެންވެ، އެ އަދަދަށް ބަދަލު އައުމުގެ ފުރުސަތު އެބައޮތެވެ.

ހަބީބް ވިދާޅުވީ އިއްޔެ ހުށަހެޅި ފޯމުތަކަށް މިއަދު ޖަވާބު ދީ ނިމޭނެ ކަމަށެވެ. މިއަދު ހުށަހެޅި ފޯމުތަކަށް މާދަމާގެ ނިޔަލަށް ޖަވާބު ދީ ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ފޯމުތައް ޕްރޮސެސްކުރަމުން އަންނާތީ، އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ދާއިރާ އަދި އެންމެ މަދު ކެންޑިޑޭޓުން ވާދަކުރާ ދާއިރާއެއް އަދި ސާފެއްނުވެ އެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.