Roadha Mihaaru
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!

މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!

21 އެޕްރީލް 2024

ވިހި ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ތިން ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ވިހި ވަނަ ރައްޔިތުން މަޖިލީހަށް ވާދަކުރެއްވި އަންހެން ކެންޑިޑޭޓުންގެ ތެރެއިން ސަރުކާރުގެ ތިން ކެންޑިޑޭޓުން ގޮނޑި ކާމިޔާބު ކުރައްވައިފި އެވެ.

ސަރުކާރު ހިންގާ ކޯލިޝަން، ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލީހުގެ އިންތިހާބަށް ވާދަކުރެއްވީ ވެސް އެންމެ ތިން އަންހެން ކެންޑިޑޭޓުންނެވެ.

އެއީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އަސްމާ ރަޝީދު (އަސްމާއްތަ) އަދި ހުރާ ދާއިރާ އަށް ސަރުކާރުގެ ތާއީދާ އެކު ނުކުންނެވި އަނާރާ ނައީމެވެ.

މި އިންތިހާބުގައި 41 އަންހެން ބޭފުޅަކު ވާދަކުރެއްވި އެވެ. އޭގެ ތެރޭގައި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ ހުރިހާ ބޭފުޅުންނަށް ވެސް ލިބުނީ ނާކާމިޔާބެވެ.

ފ. އަތޮޅު ތައުލީމީ މަރުކަޒުގައި ބެހެއްޓި ވޯޓުފޮށީގެ ނަތީޖާ ދައްކާ ގޮތުގައި، ސައުދާ އަށް ވަނީ 251 ވޯޓު ލިބިފަ އެވެ. އަހުމަދު ރަޝީދަށް ލިބުނީ 167 ވޯޓެވެ.

ނިލަންދޫ ދާއިރާގައި ހިމެނޭ ފ. ދަރަނބޫދުގައި ބެހެއްޓި ވޯޓު ފޮށިން ސައުދާ އަށް ލިބުނީ 193 ވޯޓެވެ. އަދި އަހުމަދު ރަޝީދަށް ލިބުނީ 53 ވޯޓެވެ. މިއީ އެންމެ ގިނައިން ވޯޓު ލައިފައިވާ ދެ ފޮއްޓެވެ. އެހެން ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އަދި އާންމުކޮށް އިއުލާން ނުކުރިޔަސް، އޮބްޒާވަރުން ބުނަނީ ދެން ހުރި ވޯޓު ފޮށިތަކުން ސައުދާ އަށް ސާފު އަގުލަބިއްޔަތެއް ލިބިފައިވާ ކަމަށެވެ.

އަށް ކެންޑިޑޭޓުން ވާދަކުރެއްވި މާފަންނު މެދު ދާއިރާ އަސްމާ އަށް މިހާތަނަށް 692 ވޯޓު ލިބިވަޑައިގެންފައި ވެ އެވެ.

މަޖިލިސް އިންތިހާބުގައި ގިނަ ގޮނޑިތައް އަންހެނުންނަށް ހޯދައިދިނުމަށް ވަކާލާތުކުރައްވައި، އިންތިހާބުވެއްޖެ ނަމަ ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ހިނގަމުންދާ 19ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް/ޕީއެންސީގެ އަންހެން މެމްބަރެއް ނެތެވެ. މިވަގުތު މަޖިލީހުގައި ތިއްބެވީ އިދިކޮޅު އެމްޑީޕީގެ ތިން އަންހެން މެމްބަރުންނާއި ދަ ޑިމޮކްރެޓްސްގެ އެއް އަންހެން މެމްބަރެކެވެ. އެ މެމްބަރުން އިންތިހާބުގައި ވާދަ ކުރެއްވި ނަމަވެސް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.