Roadha Mihaaru
ދޮގު ޚަބަރު ފަތުރާތީ ފިޔަވަޅު އަޅަން އުސޫލެއް ހަދަނީ

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލަން އުސޫލެއް ހަދަނީ

15 ފެބުރުއަރީ 2024

ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ތިން މީޑިއާއަކުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެހެންވެ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރަޖިސްޓްރީ ނުކޮށް ރާއްޖޭގައި ހިންގަމުން އަންނަ ތިން މީޑިއާއަކުން ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަން ފާހަގަކުރެވޭ ކަމަށާއި އެހެންވެ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް ކަމާ ގުޅޭ އުސޫލެއް ހަދަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މައުލޫމާތު ސާފުނުކޮށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ މައްސަލައިގައި މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނީ މީޑިއާގެ ގޮތުގައި ރަޖިސްޓްރީނުކޮށް ހިންގާ، "ދިޔަވަރު" އާއި "ކުރުސީ" އަދި "ދޮންއަމާ" ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ފަތުރާ ކަމަށް ބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަ ކަމަށެވެ.

އެމްއެމްސީން ބުނީ މީޑިއާ ކައުންސިލުގެ ގަވައިދުގެ 36 ވަނަ މާއްދާގައި، މައުލޫމާތާއި ހިޔާލާއި ހަބަރު ފެތުރުމަށްޓަކައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި ނުކޮށް ހިންގާ ވެބްސައިޓުތަކަކީ ވެސް "މީޑިއާ" ކަމަށް މާނަކުރާތީ އެ ތަންތަން މޮނިޓާކުރުން އެ ކައުންސިލުގެ މެންޑޭޓުގައި ހިމެނޭ ކަމަށެވެ.

އެ ކައުންސިލުން ބުނީ އެމްއެމްސީން އަބަދުވެސް ބާރުއަޅަނީ ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާމިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމަށެވެ. އެހެންވިޔަސް ކަމުގެ ހަގީގަތް ނުބަލައި، ދޮގު މައުލޫމާތު ފެތުރުން ބަލައިނުގަނެވޭނެ ކަމަށް ވެސް މީޑިއާ ކައުންސިލުން ބުންޏެވެ.

"އެހެންނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ މިކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.

މީޑިއާ ކައުންސިލުން ބުނީ ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލާ ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމައުއަށް ކުރާ ކަމަށާއި މުހިއްމު މައްސަލަތަކުގެ ހަގީގީ މައުލޫމާތު މީހުންނަށް ސާފުނުވާ ކަމަށެވެ.

އެހެންވެ، އެ ޝަކުވާ ލިބިގެން އެ ވެބްސައިޓުތައް ބެލިއިރު ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެކަމުގައި ކައުންސިލުގެ ނިންމުންތައް ހާމަކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނައިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މޮ ކައުންސިލުގެ ގިނަ މެމްބަރުން ދެކެމެވެ. އެހެންވެ ކައުންސިލުން ވަނީ ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކައި ކަމާ ގުޅޭ އުސޫލެއް ހަދަން ފާސްކޮށްފައި،"

މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ މަސައްކަތް ކުރި އޮތް ދުވަސްތަކުގައި ކުރާނީ މީޑިއާތަކާއި ކަމާ ގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުވައްސަސާތަކާއި އާންމުންގެ ހިޔާލާ ވެސް އެކުގަ އެވެ.

ކައުންސިލުން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އެކަން ކުރަން އިލްތިމާސްކޮށްފަ އެވެ. އަދި ދޮގު މައުލޫމާތުތައް ފެތުރުން ތަކުރާރުކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަަމަށް ވެސް ބުންޏެވެ.

ރަޖިސްޓްރީނުކޮށް ހިންގާ އެ ވެބްސައިޓުތަކުގެ މައްސަލަ އެމްއެމްސީން ބަލަން ފެށިއިރު މި ސަރުކާރަށް ފާޑުކިޔުން ބޮޑުވެ، އޭގެ ތެރެއިން ދެ ވެބްސައިޓު ބްލޮކް ވެސް ކުރި އެވެ. އެކަމަކު ފާޑުކިޔުން ބޮޑުވެ ފަހުން ވަނީ ދެ ވެބްސައިޓު ވެސް ދޫކޮށްލައިފަ އެވެ.