Roadha Mihaaru
މެންބަރުންގެ އަދަދާ ގުޅޭ މައްސަލަ 25 ގައި ފަށަނީ

މަޖިލިސް މެންބަރުންގެ އަދަދާ ގުޅޭ މައްސަލައިގެ އަޑުއެހުން މި މަހު 25 ގައި ފަށަނީ

15 ފެބުރުއަރީ 2024

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މި މަހު 25 ވަނަ ދުވަހު ފަށަން ތާވަލްކޮށްފި އެވެ.

އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ މަހު އެވެ. އެ މައްސަލަ ބަލައިގަންނަން މި މަހުގެ ފަސް ވަނަ ދުވަހު ކޯޓުން ނިންމައި އެ މައްސަލައިގައި ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ އެޖެންޑާކޮށްފައިވަނީ 25 ވަނަ ދުވަހުގެ ހެނދުނު 10:45 އަށް ކަމަށެވެ.

އާ ސަރުކާރުގެ މަގާމުތަކަށް އައްޔަންކުރެއްވުމުން މަޖިލީހުގެ ހަތް މެމްބަރަކު އިސްތިއުފާ ދެއްވާފައި ވާއިރު، އާ މެމްބަރުން އިންތިހާބުކުރާނެ މުއްދަތު ނެތުމުން މަޖިލީހުގެ ގަވާއިދަށް މިދިޔަ އަހަރު އިސްލާހު ގެނައީ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާތައް ނުހިމަނައި މެމްބަރުންގެ އަދަދު ގުނާ ގޮތަށެވެ. އެއާ އެކު މަޖިލީހުގެ މި ދައުރުގެ ޖުމްލަ މެންބަރުންގެ އަދަދު 87 އިން 80 އަށް ދަށްވެ އެވެ. އޭރަށް މަޖިލީހުގެ ޖަލްސާތަކުގެ ކޯރަމްގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ.

އޭޖީން ހުށަހެޅީ މި ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާއަށް އިތުރުކޮށްފައިވާ ތިން މާއްދާގައި މަޖިލީހުގެ ޖުމްލަ މެންބަރުން އިބާރާތްކޮށްފައިވާ ގޮތް ގާނޫނު އަސާސީއާ ހިލާފުކަމަށް ބުނެ އެ ތިން މާއްދާ ބާތިލްކުރުމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި 'މަޖިލީހުގެ ޖުމްލަ މެންބަރުން' މި އިބާރާތަށް އެ މަޖިލީހުން މިހާރު ދީފައިވާ މާނަކުރުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ އަދަދެއް ކަމަށް ބަޔާންކޮށްފައިވާތީ، މިއީ ގާނޫނުއަސާސީގެ 71 ވަނަ މާއްދާގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ހިލާފު މާނަކުރުމެކެވެ." އޭޖީން އޭރު ބުނެފައިވެ އެވެ.

މި މައްސަލަ ކޯޓުން ނިންމަންދެން، މެންބަރުންގެ އަދަދާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުން ވަނީ އެ އަމުރަށް އަމަލުނުކުރަން ފާސްކޮށްފަ އެވެ.