ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
06 މާޗް 2025
ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އެ މައްސަލަ އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭނާ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ކޯޓުން އަންގާފައިވާ މުއްދަތުގައި ޖަވާބުދާރީވެފައިނުވާ ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ އެ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެ މުއްދަތު އިތުރު ކުރަން ވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ސިޓީގައި ވިދާޅުވެފައިވާ ގޮތުން 10 ދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހަށެވެ. ނަމަވެސް، މިފަދަ ދުވަސްތައް ގުނަނީ ބަންދު ދުވަސްތައް ނުލައި ކަމުން، 10 ދުވަސް ހަމަވަނީ އިއްޔެއަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެފަދަ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައި، އެ މައްސަލާގައި ޖަވާބު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް އަންގައި ދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ފޮނުއްވި ސިޓީގައި އަލީ ހުސައިން ވަނީ އެދިވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ ޝަރީއަތުގެ އެންމެ ފަހުން ތާވަލްކުރި އަޑުއެހުމެއް ފަށަން 15 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ..
ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، ސުޕްރީމް ކޯޓުން އޮތީ ދައުލަތުން އެދެމުންދިޔަ ގޮތާ ހިލާފަށް އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އޭގެފަހުން ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ.
ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގާ އޭސީސީން ޔަގީންކޮށްދިން ނަމަވެސް، މިހާތަނަށް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އޭގެފަހުން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ގުޅިފަޅު ހިއްކުން ހުއްޓުވި އަމުރު ސުޕްރީމް ކޯޓަށް
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ޖަލްސާއަށް ނުދާ މައްސަލައަށް ހައްލެއް ހޯދަންޖެހޭ:އޭޖީ
ދުސްތޫރީ މައްސަލައަކަށް ނުވާ ދުސްތޫރީ މައްސަލަ ހުރޭތަ؟
ގޮނޑި ގެއްލޭ އިސްލާހު ސައްހަކަމަށް ކަނޑައަޅަން އެދެފި
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ދުވަސްވަރު ސާފު: އުޝާމް
މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވިން: އޭޖީ
ގޮނޑީގެ މައްސަލާގައި ނިންމީ ޝަރީއަތް ކުރިއަށް ގެންދަން