Roadha Mihaaru
ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ:ސައީދު

ސަރުކާރުން އައިއެމްއެފްގެ ޕްރޮގްރާމަކަށް ނުދާނެ: ސައީދު

16 ފެބުރުއަރީ 2024

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ދިވެހި ސަރުކާރުން ބައިވެރި ނުވާނެ ކަމަށާއި ރާއްޖޭގެ މާލީ މައްސަލަތައް ހައްލު ކުރާނީ ރާއްޖެ އިން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ދިވެހި ސަރުކާރުން ބައިވެރި ނުވާނެ ކަމަށާއި ރާއްޖޭގެ މާލީ މައްސަލަތައް ހައްލު ކުރާނީ ރާއްޖެ އިން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖެ އަށް މާލީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި އެހެންވެ އައިއެމްއެފުގެ ޕްރޮގްރާމެއްގައި ބައިވެރިވާން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މިރޭ ފަތުރަން ފެށި ވާހަކަތަކާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުންނެވެ.

ސައީދު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހަރަދުތައް ކުރީ ވަރަށް ދޯހަޅި ގޮތަކަށް ކަމަށެވެ. އެކަމަކު، އެ ކަންކަން ހަމަޔަކަށް އަޅުވަން ރިފޯމުގެ މަސައްކަތްތައް ކުރާނީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގައި އިތުރު ބައެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ރާއްޖެ ވަކި ބައެއްގެ ޕްރޮގްރާމެއްގައި ބައިވެރިއެއް ނުވާނެ. އަދި އައިއެމްއެފް ޕްރޮގްރާމެއްގައި ވެސް ބައިވެރި ނުވާނެ. ކުރާ ހުރިހާ ކަމެއް ކުރާނީ ރާއްޖެއިން،" އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ސައީދު

ސައީދު ވިދާޅުވި ގޮތުގައި، މާލީ އުނދަގޫ ހާލަތުން އަރައިގަނެ ކުރިއަށް ދާން ފިޔަވަޅުތައް އަޅާތީ، އިގްތިސާދު ދާނީ ކުރިއަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު 5.5 ޕަސެންޓުގައި ކުރިއަށް ދާއިރު، ރާއްޖެ އަންނަ ޓޫރިސްޓުން ވެސް އިތުރުވަމުން އަންނަ ކަމަށެވެ. އެހެންވެ، އިގްތިސާދު ހަމަޔަކަށް އެޅުވޭނެ ކަމުގެ ޔަގީންކަން މި ސަރުކާރަށް އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ ދަރަނި މި ވަގުތު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ. ދަރަނީގެ އިތުރުން، މާލީ ހާލަތު ހަމަޔަކަށް އެޅުވޭނީ، ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅައިގެން ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވަ އެވެ. އެހެންވެ، މި އަހަރުގެ ބަޖެޓުގައި ވެސް ވަނީ ސަބްސިޑީ ރިޕޯމު ކުރުމަށް މުހިއްމު ފިޔަވަޅުތައް އެޅުމަށް ޕްލޭން ކޮށްފަ އެވެ.