Roadha Mihaaru
"ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި"

ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓުގައި: އައިއެމްއެފް

13 މެއި 2024

ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 5.2 ޕަސެންޓުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އިގްތިސާދު މިއަހަރު ކުރިއަރާނީ 5.2 ޕަސެންޓުގައި ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ލަފާކޮށްފި އެވެ.

އައިއެމްއެފްގެ އާޓިކަލް ފޯ ރިޕޯޓުގައިވާ ގޮތުން މިއަހަރު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ މިލިއަނަށް އަރާނެ އެވެ. ޓޫރިސްޓުން އިތުރުވުމުގެ ސަބަބުން ޓޫރިޒަމް ސެކްޓަރު ކުރިއަށް ގޮސް، އޭގެ ސަބަބުން އެހެން އިންޑަސްޓްރީއަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓްގައި ވެ އެވެ.

އައިއެމްއެފް އިން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ހުޅުވުމުން އިތުރަށް ރާއްޖޭގެ އިގްތިސާދު ކުރިއަށް އަރާނެ ކަމަށެވެ.

އައިއެމްއެފް އިން ބުނީ، ސަބްސިޑީ ރިފޯމް ކުރުމުގެ ސަބަބުން އިންފްލޭޝަން 3.8 ޕަސެންޓަށް އަރާނެ ކަމަށެވެ. އަދި އަންނަ އަހަރު އިންފްލޭޝަން ތިން ޕަސެންޓަށް އެރުމުގެ ފުރުސަތު އެބަ އޮތް ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ކަނޑައަޅާފައިވަނީ ސަބްސިޑީ ރިފޯމުތައް އަންނަ ޖުލައި މަހުން ފެށިގެން ތަންފީޒު ކުރުމަށެވެ. ސަބްސިޑީ ޓާގެޓުކޮށް، އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ބަޖެޓުގައި ވަނީ 600 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ. އާ ސަބްސިޑީ ރީފޯމާ އެކު، ސަބްސިޑީ އަށް ކުރާ ހޭދައިން 2.5 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ބަޖެޓުގައި ވެ އެވެ.

ސަބްސިޑީއާ އެކު ހަރަދުތައް ކުޑަކުރުމުން ބަޖެޓު ޑެފިސިޓް 1.9 ޕަސެންޓަށް ކުޑަ ކުރެވޭނެ ކަމަށް ވެސް އައިއެމްއެފް އިން ބުނެފައިވެ އެވެ.

އައިއެމްއެފް އިން ބުނީ، އާ ސަރުކާރުން ސަބްސިޑީ ރިފޯމްކޮށް، ހަރަދުތައް ކުޑަ ކުރުމުގެ ވިސްނުން ހުރުމަކީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުމަށް އޮތް ބޮޑު އުންމީދެއް ކަމަށެވެ.

މި އަހަރު ރާއްޖޭގެ އިގްތިސާދު 5.2 ޕަސެންޓަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރާ އިރު ދާދި ފަހުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ވަނީ ރާއްޖެ ކުރިއަރާނެ ސްޕީޑު 4.7 ޕަސެންޓަށް ކުޑަކޮށްފަ އެވެ.