މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
13 ޑިސެމްބަރ 2025
މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންތަކެއް ބައިވެރިވެގެން، ރާއްޖެ އަށް ގަވާއިދާ ހިލާފަށް ބިދޭސީން ގެނެސް އެތައް މިލިއަން ރުފިޔާއެއްގެ މާލީ މަންފާ ހޯދަމުންދިޔަ ފުޅާ ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ބައިވެރިވި ބިދޭސީ މީހާގެ މައްޗަށް ދެ އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.
ދިވެހިންގެ ބަޔަކު ވެސް ބައިވެރިވާ މި ނެޓްވޯކުގެ ތެރެއިން ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ، ފޮޅައި ސާފު ކުރުމުގެ މަސައްކަތަށް ރާއްޖެ ގެނެސްފައިވާ ޝަހާދަތު ހުސެއިން ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް، އޭނާ ރާއްޖޭގައި ދިޔައީ ގަވާއިދާ ހިލާފަށް އެމްޕްލޯއިމަންޓް އެޖެންސީއެއް ހިންގަމުންނެވެ.
މި މައްސަލާގައި ޝަހާދަތުގެ މައްޗަށް ދައުލަތުން ފަސް ދައުވާއެއް ކުރި އެވެ. އެއީ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ދިނުމުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އަދި އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދެ ދައުވާ އެވެ.
ޝަހާދަތުގެ މައްޗަށް ކުރި ދައުވާގައިވާ ގޮތުން އޭނާ ވަނީ ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ރެކްރޫޓްކޮށް، ވޯކް ވިސާ ހަމަޖައްސަން ބޭނުންވާ ސިސްޓަމް ގަވާއިދާ ހިލާފަށް ބޭނުންކޮށްފަ އެވެ. އަދި ވަޒީފާދޭ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ މަންދޫބެއްގެ ގޮތުގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވެފައިވާ ކަމަށް ވެސް ދައުވާގައި ބުންޏެވެ.
އޭނާ ވަނީ ބިދޭސީންނަށް މަސައްކަތް ކުރުމުގެ ކޯޓާ ހަމަޖައްސައިދީ، އެކަމުން ގިނަ އަދަދެއްގެ ފައިސާ ހޯދައިފަ އެވެ. އެ ފައިސާތައް ޝަހާދަތުގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކަށް ޖަމާކޮށްފަ އެވެ. އެގޮތުން ޖުމްލަ 8 މިލއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ދައުވާގައިވެ އެވެ.
މި މައްސަލަގައި ޝަހާދަތުގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިއުތިރާފުވެ، ދައުލަތާ އެކު އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ބުނުމާ އެކު، އަދަބުތައް ލުއިވާ ގޮތަށް ދައުލަތުން ހެދި އެއްބަސްވުން ޝަރީއަތުން ބަލައިގަނެ، އެގޮތަށް އަދަބު ކަނޑައަޅަން ނިންމި އެވެ.
އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން ތިން ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އެހެންވެ، އޭނާގެ މައްޗަށް މިހާރު އޮތީ މަނީލޯންޑްރިން އާއި ރިޝްވަތު ދިނުމުގެ ދައުވާ އެވެ.
މަނީ ލޯންޑްރިންގެ ދައުވާއަކީ ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމާ އެކު 10،000ރ. އާއި 100،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ކުށެކެވެ. ނަމަވެސް، ޝަހާދަތު އިއުތިރާފުވެފައިވާތީ އެއްބަސްވެފައިވަނީ އޭނާގެ މައްޗަށް ދެ އަހަރާއި ހަ މަހުގެ މުއްދަތަށް ޖަލަށްލުމާ އެކު 53،400 ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.
ރިޝްވަތު ދިނުމުގެ ދައުވާއަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނަ ކުށެކެވެ. ނަމަވެސް، އެއްބަސްވެފައިވަނީ ޝަހާދަތުގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމަކާ އެކު 21،600 ރުފިޔާގެ ޖޫރިމަނާއަކަށެވެ.
މި މައްސަލަގައި މި އަހަރު ކުރީކޮޅު ޝަހާދަތު ހައްޔަރުކުރިއިރު އޭނާ ބަންދުގައި ހުންނަތާ 10 މަހާއި 17 ދުވަސް ވަނީ ވެފަ އެވެ. އެހެންވެ، ޝަހާދަތު ތަންފީޒު ކުރަން ޖަލު ހުކުމުން އެ މުއްދަތު ވަނީ އުނިކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން ޝަހާދަތުގެ މައްޗަށް ތަންފީޒު ކުރަން ޖެހޭ ޖަލު ހުކުމުގެ މުއްދަތުގެ ގޮތުގައި އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި 12 ދުވަހެވެ. ޖޫރިމަނާގެ ގޮތުގައި ޖުމްލަ 75،000 ރުފިޔާ ހަ މަސް ތެރޭގައި ދައްކަން އޭނާގެ މައްޗަށް އެންގި އެވެ.
ޝަހާދަތުގެ މައްޗަށް އުފުލި މަނީލޯންޑްރިންގެ ދައުވާގައި އޭނާ ގަވާއިދާ ހިލާފަށް ހޯދައި ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ 8 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވެ އެވެ. ނަމަވެސް، އިއުތިރާފު އެއްބަސްވުމުގައި އެކަމާ މެދު ވަކި ގޮތެއް ނެތްއިރު، މައްސަލަ ނިންމުމުގައި ވެސް އެ ފައިސާއާ މެދު ވަކި ގޮތެއް ކަނޑައަޅާފައެއް ނުވެ އެވެ.
މި މައްސަލައިގެ ތަހުގީގަަށް ފަހު ފުލުހުން ބުނެފައިވާ ގޮތުން ހައްޔަރު ކުރުމާ ހަމައަށް ޝަހާދަތު ދިރިއުޅެމުން ދިޔައީ މަހަކު 18،000ރ. ކުއްޔަށް ދެ ކޮޓަރީގެ އެޕާޓްމެންޓެއްގަ އެވެ. ޝަހާދަތު ގެންގުޅޭ މޯބައިލް ފޯނު އަދި ލެޕްޓޮޕުގައި އެކި ކުންފުނިތަކުގެ ރަޖިސްޓްރީ، ލޯގޯ އާއި ސްޓޭމްޕާއި ބިދޭސީން ހިމެނޭ ގޮތަށް އެކި މީހުން ސޮއި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
އަދި ވޯކް ޕާމިޓް ނެގުމަށް ކޯޓާ ނެގުމަށް ބޭނުންވާ ޑޮކިއުމެންޓާއި ބިދޭސީންގެ ޕާސްޕޯޓު ކޮޕީ އާއި ބައެއް ދިވެހިންގެ އައިޑީ ކާޑު ފޮޓޯ އޭނަގެ ލެޕްޓޮޕާއި ފޯނުން ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އޭގެ އިތުރުން ވޯކް ޕާމިޓް ސައިޓުތަކަށް ވަދެފައިވާ ކަމުގެ ވެބް ހިސްޓްރީ ވެސް ފެނިފައިވެ އެވެ.
އެ ތަކެތި ފެނުމުން ތަހުގީގަށް ހާމަވާ ކަމަކީ ޝަހާދަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ބިދޭސީން އެތެރެކޮށް އޭގެން މާލީ މަންފާ ހޯދާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އިތުރު ހަތަރު މަސާޖު ޕާލާއަކުން ފަސް މީހަކު ބަންދަށް
ވީޑިއޯ ފުލުހަށް ދޭން މިނިސްޓަރު އެދުނު:ހެކި
ގައިންގަޔަށްއަރާ ބައްޔެއް ހުރި މީހަކު ފިލައިގެން ހޯދަނީ
ޝަމްއާންގެ މައްޗަށް މަނީލޯންޑްރިންގެ ދައުވާ
ޝަމްއާނަށް ކުރާ ތުހުމަތު: މީހަކު ދޫކޮށްލަން 5 ލައްކަ
އިމިގްރޭޝަންގެ ބަންދުގައި ތިބި ބަޔަކު ކާނާ ވިހަވެއްޖެ
ހަށިވިއްކުމުގެ ވިޔަފާރިކުރި ބަޔަކު އަތުލައިގަނެފި
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި