Roadha Mihaaru
ކައުންސިލްތަކަށް 25 ފަޅުރަށެއް ދޫކޮށްލަނީ

ކައުންސިލްތަކަށް 25 ފަޅުރަށެއް ދޫކޮށްލަނީ

18 ފެބުރުއަރީ 2024

ރާއްޖޭގެ އެކި އަތޮޅުތަކުން 25 ފަޅުރަށެއް ކައުންސިލުތަކަށް ދޫކޮށްލަން ނިންމައި، އެ ފަޅުރަށްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެކި އަތޮޅުތަކުން 25 ފަޅުރަށެއް ކައުންސިލުތަކަށް ދޫކޮށްލަން ނިންމައި، އެ ފަޅުރަށްތައް ހޯދުމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ކައުންސިލުތަކަށް މި ފަޅުރަށްތައް ދޫކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގްތިސާދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކަމަށެވެ.

މިދިޔަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެ ގަވާއިދަކީ އިޖުތިމާއީ އެކި ބޭނުންތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރެވޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދެކެވެ.

އެ ގަވާއިދުގެ ދަށުން ދޫކުރާ ފަޅުރަށްތަކަކީ ރަށު ކައުންސިލެއް ނުވަތަ ސިޓީ ކައުންސިލެއްގެ އިހްތިސާސްގައި ނުހިމެނޭ ފަޅުރަށްރަށެވެ. އަދި އެ ރަށްތަކުގެ ތެރެއިން ކައުންސިލުތަކަށް ދޫކުރާނެ ރަށްތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ކައުންސިލްތަކަށް ދޫކުރަން ނިންމި ފަޅުރަށްތައް

• ހދ. ފަރިދޫ

• ހދ. ހިރިނައިދޫ

• ށ. ނަރުރިނބުދޫ

• ށ. މިގޫދޫ

• ނ. ދީފުރަމް

• ނ. އިނގުރައިދޫ

• ރ. ހިބޫދޫ

• ރ. ހުޅުދޫ

• ރ. ނެޔޮ

• ބ. މާއްޑޫ

• ބ. ދަކަންދޫ

• މ. މާހުރާ

• ފ. މަކުނެއެރި

• ދ. ފެންފުށި

• ދ. މިނިމަސްގަލި

• ތ. ފެންމީރުފުށި

• ތ. ކަކޮޅަސް

• ލ. ކަނޑަރު

• ލ. ބޮޑުމާބުޅަލި

• ގއ. ވިލިގަލާ

• ގއ. މުނަންދުވާ

• ގދ. މާނައިދޫ

• ގދ. އާކިރަހުއްޓާ

• ގދ. ވާރެޔަދުވާ

• ގދ. ލޮނުދޫ

ގަވާއިދުގައި ބުނެފައިވާ ގޮތުގައި، މި ފަޅުރަށްތައް ދޫކުރާނީ ބީލަމުގެ އުސޫލުން އާންމުކޮށް އިއުލާންކޮށްގެން، އެކަށީގެންވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ކައުންސިލަކަށެވެ. އަދި މި ރަށްތައް ދޫކުރާނީ ގިނަވެގެން 21 އަހަރަށް ކަމަށް އެ ގަވާއިދުގައި ބުނެފައިވެ އެވެ.

މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރި އިއުލާނުގައި ބީލަން ހުށަހަޅަން ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ.