Roadha Mihaaru
ލޭންޑް ޔޫސް ޕްލޭންގެ ބޮޑު ޝަކުވާއަށް ހައްލެއް

ލޭންޑް ޔޫސް ޕްލޭންގެ ބޮޑު ޝަކުވާއަށް ހައްލެއް

12 ސެޕްޓެމްބަރ 2022

ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ފެންވަރުގައި ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން އުނދަގޫވެ މަޝްރޫއުތައް ނުފެށި ލަސްވުމުގެ ބޮޑު ޝަކުވާއަށް ސަރުކާރުން ހައްލެއް ހޯދައިދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރަށުގެ ބިން ބޭނުންކުރާނެ ގޮތް ކަނޑައެޅުމަށް، ރަށު ފެންވަރުގައި ހަދަން ޖެހޭ ލޭންޑް ޔޫސް ޕްލޭން ފާސްކުރަން އުނދަގޫވެ މަޝްރޫއުތައް ނުފެށި ލަސްވުމުގެ ބޮޑު ޝަކުވާއަށް ސަރުކާރުން ހައްލެއް ހޯދައިދީފި އެވެ.

ލ. ގަމުގައި ދެކުނުުގެ އަތޮޅުތަކަށް ހާއްސަކޮށް ކުރިއަށްދާ "ވިއަވަތި ކޮންފަރެންސް" ގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މުޅި ލޭންޑް ޔޫސް ޕްލޭން އެއްކޮށް ފާސްކުރުމުގެ ބަދަލުގައި ބައިބަޔަށް ބަހާލައިގެން އެޕްރޫވްކުރުމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭނެ އެވެ. އެކަމަކު، މިހާރު އިންތިހާބުކޮށްފައިވާ ކައުންސިލްތަކަށް އަހަރަކަށް ވުރެ ގިނަ ދުވަސްވިއިރު ވެސް ފާސްވެފައިވާ ވަރަށް މަދު ކައުންސިލެއްގެ ޕްލޭނެކެވެ.

އެ ޕްލޭން ޕްލޭނިން މިނިސްޓްރީއަށް ހުށަހަޅައި ފާސްކުރުމަށް ފަހު، އެއަށް އަމަލުކުރަން ފެށޭނީ ރައްޔިތުންނާ އެކު ބާއްވާ ބައްދަލުވުމެއްގައި އެ ޕްލޭނަށް އަމަލުކުރުމަށް ފާސްވުމުންނެވެ. މި ޕްލޭނަށް އެއްވެސް ބަދަލެއް ގެންނަ، ކޮންމެ ފަހަރަކު ވެސް އެގޮތަށް އަމަލުކުރަންޖެހެ އެވެ.

ކައުންސިލަކުން ހުށަހަޅާ ލޭންޑު ޔޫސް ޕްލޭނުގައި ކުޑަ މައްސަލައެއް އޮތަސް، އެ ފާހެއް ނުކޮށްދެ އެވެ. އެ ޕްލޭނުގައި ދިމާވާ މައްސަލަތައް ހައްލުކުރަން ވަރަށް ގިނަ ވަގުތު ހޭދަވެ އެވެ. އަސްލަމް ވިދާޅުވީ، އެ ކަންބޮޑުވުންތައް ހައްލުކުރަން މިހާރު ނިންމާފައި ވަނީ ލޭންޑް ޔޫސް ޕްލޭނުގައި ރަނގަޅަށް ހުރި ބައިތަކަށް ހުއްދަ ދޭން ކަމަށެވެ.

އެކަމަކު އެއީ މުޅި ޕްލޭން ފާސްކޮށްދިނުން ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހުއްދައެއް މި ދެނީ ލޭންޑް ޔޫސް ޕްލޭނުން މަދުވާ އެއްޗަކީ މިއީ އޭ، އެ ހަމަކުރާށޭ. ދެން ހުރި އެއްޗެހި މައްސަލައެއް ނެތޭ, އެ ގޮތަށްދާ އެޕްރޫވަލެއް ތިޔަބޭފުޅުންނަށް ދާނީ," އަސްލަމް ވިދާޅުވި އެވެ.

ލޭންޑް ޔޫސް ޕްލޭން ފާސްނުވާތީ މަސައްކަތްތައް ނުފެށި، މަޑުޖެހިފައިވާ ކަމަށް ވިއަވަތި ކޮންފަރެންސްގައި "މިހާރު" އާ ވާހަކަދެއްކި ބައެއް ކައުންސިލްތަކުން ވެސް ބުންޏެވެ. މިއީ ކައުންސިލްތައް ބައިވެރިވާ ކޮންމެ ބައްދަލުވުމެއްގައި ވެސް އެންމެ ބޮޑަށް ފާހަގަކުރާ މައްސަލަ އެވެ.