Roadha Mihaaru
އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއަށް ދެނީ

އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރަން މަޖިލީހުން ނިންމައިފި

18 ފެބުރުއަރީ 2024

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފްލެޓް ލިސްޓް، ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ފްލެޓް ލިސްޓް، ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިންނާ ހިއްސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިއަދު ނިންމައިފި އެވެ.

އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި، އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީގެ އިސްވެރިން ކަމަށްވާ ޕްލޭނިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފްއާ ހިއްސާކުރަން ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

އެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލާގައި މާދަމާ ބާއްވާ ބައްދަލުވުމަށް ކުރީގެ ފްލެޓް ކޮމިޓީގައި ތިބި އިސްވެރިން ޖަވާބުދާރީވުމަށް ވަޑައިގަންނަވާއިރު، އެ ބޭފުޅުންނަށް އޭސީސީ އިން އެކުލަވާލި ފްލެޓް ލިސްޓް ލިބިފައި ނެތް ކަމަށެވެ. އެހެންވެ، އެ ބޭފުޅުންނަށް ޖަވާބުދާރީވުމަށް އުނދަގޫވެވަޑައިގަންނަވާނެ ކަމަށް މެމްބަރު އަހުމަދު އަބްދުﷲގެ ހުށަހެޅުމުގައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މި ކޮމިޓީއަށް މިހާރު ވަނީ އެ މައުލޫމާތު [އޭސީސީގެ ފްލެޓް ލިސްޓް] ހޯދައިފައި. އެއީ ސިއްރު މައުލޫމާތު ކަމަށް ވާތީ، މާދަމާ ޖަވާބުދާރީވުމަށް ވަޑައިގަންނަވާ އެ ބޭފުޅުންނަށް މި މައުލޫމާތު ހިއްސާކުރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ،" ރޮޒެއިނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއާ ގުޅޭ ގޮތުން އެ ބޭފުޅުންނާ ސުވާލުކުރަންޏާ އެ ބޭފުޅުންގެ އަތުގައި މި މައުލޫމާތު ހުރެގެން އެ އަށް ޖަވާބު ދެވޭނީ. ނަމަވެސް ސިއްރު މައުލޫމާތެއް އެއްވެސް ބަޔަކާ ހިއްސާކުރެވޭނީ ކޮމިޓީން އެގޮތަށް ފާސްކޮށްގެން."

ކުރީ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް އުފެއްދި "ގެދޮރުވެރިންގެ ކޮމިޓީ"ގެ މެމްބަރުން ބައްދަލުވުމެއްގައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުރީ ސަރުކާރުގެ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓް ދިނުމަށް އުފެއްދި "ގެދޮރުވެރިންގެ ކޮމިޓީ"ގެ މެމްބަރުން ބައްދަލުވުމެއްގައި.-- ފޮޓޯ: ހައުސިން މިނިސްޓްރީ

އޭސީސީން އެކުލަވާލި ފްލެޓް ލިސްޓާ އެކު، އެ ކޮމިޝަނުން މަޖިލީހަށް ފޮނުވި ސިޓީގައި ވަނީ މި މައްސަލައަކީ އަދި ތަހުގީގުކޮށް ނުނިމޭ މައްސަލައަކަށް ވާތީ، މި ލިސްޓުގެ ސިއްރު ހިފަހައްޓައިދިނުމަށް އެދިފަ އެވެ.

އޭސީސީގެ ފްލެޓް ލިސްޓް ކުރީގެ ފްލެޓް ކޮމިޓީއާ ހިއްސާކުރަން ކޮމިޓީން މިއަދު ނިންމީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 8 މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ އިއްތިފާގުންނެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުރަތަމަ 4،000 ފްލެޓް ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން އޭސީސީން ވަނީ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ. މިހާރު ކުރިއަށް ގެންދާ އެ ތަހުގީގުގެ ހޯދުންތަކަށް ބަލައި އޭސީސީން ބުނެފައި ވަނީ ޝަރުތު ހަމަނުވާ ގިނަ ބަޔަކަށް ފްލެޓް ދޭން ކުރީގެ ސަރުކާރުން ނިންމި ކަމަށެވެ.

އޭސީސީން ވަނީ ފްލެޓަށް ޝަރުތު ހަމަވާ މީހުންނާއި ނުވާ މީހުންގެ ލިސްޓެއް ވެސް އެކުލަވާލައިފަ އެވެ. އެ ލިސްޓް މި ސަރުކާރުގެ ހައުސިން މިނިސްޓްރީއާ ވެސް ވަނީ ހިއްސާކޮށްފަ އެވެ.

އެ މައްސަލާގައި އޭސީސީ އާއި ހައުސިން މިނިސްޓްރީގެ އިސްވެރިން އެކި ފަހަރު މަތިން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އާއި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފަ އެވެ. މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން މިދިޔަ ހަފުތާގައި ބޭއްވި ބައްދަލުވުމުގައި ވަނީ ދެ ކޮމެޓީ ގުޅިގެން މި މައްސަލަ ބަލަން ނިންމައިފަ އެވެ. އަދި ދެ ކޮމެޓީ ގުޅިގެން ބާއްވާ ފުރަތަމަ ބައްދަލުވުމަށް އޭސީސީ އާއި ހައުސިން މިނިސްޓްރީ އާއި ކުރީގެ ފްލެޓް ކޮމެޓީގައި ތިބި އިސްވެރިން މާދަމާ ހާޒިރުކުރަން ވަނީ ނިންމައިފަ އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.