Roadha Mihaaru
ތަހުގީގަށް އެންމެންގެ ފޯމު ބަލަންޖެހޭނެ: އަކްރަމް

އޭސީސީގެ ތަހުގީގު ފުރިހަމަވާނީ ފްލެޓަށް ކުރިމަތިލި އެންމެންގެ ފޯމު ބަލައިގެން: އަކްރަމް

19 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގު ފުރިހަމަވާނީ އެ ފްލެޓްތަކަށް ކުރިމަތިލި އެންމެންގެ ފޯމުތައް އެ ކޮމިޝަނުން ބަލައިގެން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތަކުގެ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރަމުން އަންނަ ތަހުގީގު ފުރިހަމަވާނީ އެ ފްލެޓްތަކަށް ކުރިމަތިލި އެންމެންގެ ފޯމުތައް އެ ކޮމިޝަނުން ބަލައިގެން ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.

އަކްރަމް އެގޮތަށް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި ފުރަތަމަ 4،000 ފްލެޓް ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން އޭސީސީން ކުރާ ތަހުގީގާ ގުޅޭ މައުލޫމާތު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އާއި ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީ ގުޅިގެން މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމަށް ވަނީ ކުރީ ސަރުކާރުގައި ފްލެޓް ކޮމެޓީގައި އިސްކޮށް އުޅުއްވި އަކްރަމް އާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް އޮފިސަރު މުހައްމަދު އާރިފް ހާޒިރުކޮށްފަ އެވެ. އަދި އޭސީސީ އާއި މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ އިސް ވެރިން ވެސް މި ބައްދަލުވުމަށް ހާޒިރުކޮށްފައިވެ އެވެ.

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަޖިލިސް ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މުސާ | މިހާރު

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މަޖިލިސް ކޮމެޓީގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒް މުސާ | މިހާރު

އަކްރަމް ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓަށް ޝަރުތު ހަމަވާ ކަމަށާއި ނުވާ ކަމަށް އޭސީސީގެ ތަހުގީގުގައި ކެޓަގަރައިޒްކޮށްފައިވާ ކަންކަމަށް ބަލާ ނަމަ، މި ސްކީމަށް ކުރިމަތިލި އެންމެންގެ ފޯމު ބަލަން ޖެހޭނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ ބުރުގައި 21،000 މީހުން ފްލެޓަށް ކުރިމަތިލި އެވެ. އަދި އޭގެ ތެރެއިން 12،000 މީހުން ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީގެ ސަރުކާރުން ކަނޑައެޅި އެވެ. އަދި އެ 12،000 މީހުންގެ ތެރެއިން ފުރަތަމަ 4،000 ފްލެޓް ލިބޭނެ މީހުން ކަނޑައަޅައި، އެ މީހުންނަށް ވަނީ ފްލެޓް ލިބުނު ކަމުގެ ލިޔުން ވެސް ދީފަ އެވެ.

"މި 4،000 އެކަންޏެއް ނޫން ބަލަން ޖެހޭނީ މިގޮތަށް ކެޓަގަރައިޒްކުރާ އިރު، އަޅުގަނޑު ދެކޭ ގޮތުގައި މުޅި އެތި ބަލަން ޖެހޭނެ،" އަކްރަމް ވިދާޅުވި އެވެ.

މިއަދު ކޮމެޓީގައި އާންމުކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އޭސީސީ ވަނީ ގެދޮރުވެރިޔާ ސްކީމްގެ ފުރަތަމަ 4،000 ފްލެޓް ލިބޭ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ ފޯމުތައް 12 ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ؛

• 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ހުށަހަޅާފައި ނެތުން.

• 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ސިޓީ، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސްއިން، ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

• 15 އަހަރު މާލޭގައި ދިރިއުޅުކަން ސާބިތުކުރުމަށް ގޭގެއިންނާއި ކުންފުނިތަކުން ދޫކޮށްފައިވާ ލިޔެކިޔުންތައް، ގެދޮރުވެރިޔާ ޕޯޓަލްއާ އިންޓަގްރޭޓްކޮށްފައިވާ ޑޭޓާބޭސް އިން ލިބެންހުރި މައުލޫމާތުތަކާ ފުށުއެރުން.

• 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅުކަން ސާބިތުކުރެވޭ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނެތުން.

• މައި އެޕްލިކަންޓް ނުވަތަ ކޯ އެޕްލިކަންޓަށް ސޯޝަލް ހައުސިން ކުރިން ލިބިފައިވުން.

• 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި ކައުންސިލްގެ ލިޔުމެއް ހުށަހަޅާފައިވުން.

• 15 އަހަރު މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ހަމައެކަނި މާލޭގެ ގޭގޭގެ ލިޔުން ހުށަހަޅާފައިވުން.

• ރިސޯޓުގައި މަސައްކަތްކުރި ނަމަވެސް މެދުނުކެނޑި 15 އަހަރު މާލޭގައި އުޅުނު ކަމުގެ ލިޔުން ހުށަހަޅާފައިވުން.

• ޝަރުތު ހަމަވާ ކަމަށް ބަލާ މުއްދަތުގެ ތެރޭގައި ތައުލީމު ހާސިލުކުރަމަށް ރާއްޖެއިން ބޭރަށް ދިޔަ މީހުން މެދުނުކެނޑި މާލޭގައި އުޅުނު ކަމަށް ލިޔުން ހުށަހަޅާފައިވުން.

• ކުންފުނި ވުޖޫވުމުގެ ކުރިން ކުންފުނީގައި މަސައްކަތްކުރާ ކަމަށް ބުނެ ދޫކޮށްފައިވާ ލިޔުން ހުށަހަޅާފައިވުން.

• މަހެއްގެ މައްޗަށް ލިބޭ ޖުމްލަ އާމްދަނީ 60،000ރ. އަށް ވުރެ ބޮޑުވުން.

• ޝަރުތު ފުރިހަމަވި ނަމަވެސް، ޕޮއިންޓް ދިނުމުގައި އިތުރު މައްސަލަތައް ހުރި ކަމަށް ފާހަގަވާ ފޯމުތައް.

އޭސީސީގެ ރައީސް އާދަމް ޝާމިލް މަޖިލިސް ކޮމެޓީގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މުސާ | މިހާރު

އޭސީސީގެ ރައީސް އާދަމް ޝާމިލް މަޖިލިސް ކޮމެޓީގައި ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މުސާ | މިހާރު

އަކްރަމް ވިދާޅުވި ގޮތުގައި، ފްލެޓް ދިނުމުގެ ކަންކަން ކޮށްފައި އޮތީ ގޯސްކޮށް ކަމަށް ވަންޏާ، ގޯސްކޮށް ކުރި ބަޔަކަށް ފިޔަވަޅު އަޅައި ފްލެޓްތައް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި މީހުންނަށް ފްލެޓްދިނުމުގެ ކަންކަން މި ސަރުކާރުން އަވަސްކުރަން ޖެހެ އެވެ.

"އޭސީސީން މި ކުރައްވާފައި އޮތް މަސައްކަތް އަޅުގަނޑަށް ރަނގަޅޭ، މި މަސައްކަތް ކުރައްވާފައި އޮތް ކުރެއްވުން. އެކަމަކު އެ ގެންނަންވާ ގޮތަކަށް ނޫން ކަމަށް އަޅުގަނޑަށް ފެންނަނީ. ރަނގަޅު އޮޑިޓެއް ކުރެވެން ޖެހޭނެ، ކޮށްފައި ނޫނީ މިވަރުގެ ތަހުމަތެއް އަޅުވައި ބަޔަކު ފެއިލްކޮށްލުން އެއީ ރަނގަޅު ކަމެއް ނޫން. ރަނގަޅު އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ޖެހޭނެ. ޖިނާއީ ވިޔަސް އަދި ކޮންމެ ގޮތަކަށް ވިޔަސް، ދެފަރާތް ހާޒިރުކޮށްގެން،" އަކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅު އިންވެސްޓިގޭޝަނެއް ނުކޮށް އޭސީސީން މިވަރުގެ ރިޕޯޓެއް ނެރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ކުރީގެ ސަރުކާރަކުން ނިންމާފައި އޮތް ނިންމުމަކަށް އާ ސަރުކާރުން ވެސް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

"އަޅުގަނޑު ކެރިގެން މި ދަންނަވަނީ ނޯންނާނެއޭ ގޯހެއް ހަދާފައެއް. ބައެއްގެ އަތުން ފައިސާ ނަގައިގެން ވެސް ނޯންނާނެ މީހުންނަށް އެއްޗެހި ދީފައެއް، ގޮނޑި ވިއްކާލާފައެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތަކުގެ މައްސަލާގައި ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެވެ.