Roadha Mihaaru

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި އިތުރު ލޯންޗެއް އަޑިއަށް ދަނީ

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އަޑިއަށް ދާން ފެށުމުން ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ޓޫރިސްޓުން ގޮވައިގެން ދިޔަ އިތުރު ލޯންޗެއް އަޑިއަށް
އިފްރާޒް އަލީ
އިފްރާޒް އަލީ

02 މާޗް 2025

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ފަޅައިގެން ގޮސް، އަޑިއަށް ދާން ފެށުމުން ކޯސްޓް ގާޑުން މިއަދު އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ ކ. ތިލަފުއްޓާ ދިމާލުން ބޭރުން ދަތުރުކުރަމުން ދިޔަ "ސުވެނިއާ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެހެންވެ، މާލެ އޭރިއާގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެ އުޅަނދަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ އުޅަނދުގައި 38 މީހަކު ތިބި ކަމަށާއި އެއީ 34 ޓޫރިސްޓުންނާއި ހަތަރު ފަޅުވެރިން ކަމަށެވެ.

ޓޫރިސްޓުން ގޮވައިގެން އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް ވެސް މިއަދު ވަނީ ދިޔަވެގެން އަޑިއަށް ގޮސްފަ އެވެ.

އެ އުޅަނދުގައި ކުޑަކުދިން ހިމެނޭހެން ޖުމްލަ 48 މީހަކު ތިއްބެވެ. އެއީ ހަތަރު ފަޅުވެރިންނާއި 48 ފަސިންޖަރުންނެވެ. އެ ލޯންޗުގައި ތިބި ހުރިހާ ފަސިންޖަރުންނަކީ ވެސް ޓޫރިސްޓުންނެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްގެން ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.