Roadha Mihaaru
ގަބޫލު ނުކުރެވުނަސް މިއީ އަސްލެއް!

ގަބޫލު ނުކުރެވުނަސް މިއީ އަސްލެއް!

20 ފެބުރުއަރީ 2017

މިއީ ހަދާފައި ހުރި މަންޒަރުތަކެއް ނޫނެވެ. މި ވީޑިއޯގައި ސްޕެޝަލް އިފެކްޓްސް ބޭނުންކޮށްފައެއް ނެތެވެ. ފުޅި އަނބުރާލައި ފަރުވާތެރިކަމާ އެކު ވައިގެ ތެރެއަށް ދޫކޮށްލީމާ ވެއްޓިގެން އައިސް ކޮޅަށް ޖެހެނީ އެވެ. އުސް ފާރެއް، ހަނި ދާރައެއް، ދުއްވާފައި ދާ ސައިކަލެއް އަދި މޫދު އަޑިއެއް ވެސް މި މީހުންގެ އަތްދަށުން ސަލާމަތެއް ނުވި އެވެ؛ އަޒުމް ވަރުގަދައީ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

މިއީ ހަދާފައި ހުރި މަންޒަރުތަކެއް ނޫނެވެ. މި ވީޑިއޯގައި ސްޕެޝަލް އިފެކްޓްސް ބޭނުންކޮށްފައެއް ނެތެވެ. ފުޅި އަނބުރާލައި ފަރުވާތެރިކަމާ އެކު ވައިގެ ތެރެއަށް ދޫކޮށްލީމާ ވެއްޓިގެން އައިސް ކޮޅަށް ޖެހެނީ އެވެ. އުސް ފާރެއް، ހަނި ދާރައެއް، ދުއްވާފައި ދާ ސައިކަލެއް އަދި މޫދު އަޑިއެއް ވެސް މި މީހުންގެ އަތްދަށުން ސަލާމަތެއް ނުވި އެވެ؛ އަޒުމް ވަރުގަދައީ އެވެ.

ރަށު ތެރޭގެ އެކި ތަންތަނުގައި ތިބެގެން ފުޅި އަނބުރައި، ކޮޅަށް ޖަހަން މި ޒުވާނުން ބޭނުންވީ ވީހާ ވެސް އުނދަގޫ ގޮތްގޮތަށެވެ. އެ މަންޒަރުތައް އެއްކޮށްލައިގެން މި ވީޑިއޯ ހެދީ 100 ޕްލަސް އިން ހުޅުވާލި މުބާރާތަކަށެވެ. ފޭސްބުކުން ވީޑިއޯ ބެލި އެތައް ބަޔަކު ހައިރާންވެ އަންތަރީސްވެފައި ތިބެގެން ސުވާލުކުރަމުން ގެންދިޔައީ "މިއީ ހަމަ އަސްލު" ހެއްޔެވެ؟ ސްޕެޝަލް އިފެކްޓްސް ހެއްޔެވެ؟ ނުވަތަ ކޮންމެވެސް ކަހަލަ މޮޅު އުކުޅެއް ބޭނުންކުރީ ހެއްޔެވެ؟

"މީގައި އިފެކްޓަކަށް ބޭނުންކޮށްފައި ހުންނާނީ ހަމައެކަނި ރާގުކޮޅާއި ޓެކްސްޓްކޮޅު އެކަނި. ފުޅި ފްލިޕްކޮށްފައި ލޭންޑްކުރުން އެއީ ހަމަ އަސްލު. އެއްވެސް ކަހަލަ ޓްރިކެއް ހަދާފައެއް ނުހުންނާނެ،" ވީޑިއޯ ހެދުމުގައި އިސްކޮށް އުޅުނު ވިޒާން އަބްދުލްވާހިދު، 23، ބުންޏެވެ.

މިހާ އުނދަގޫ ގޮތްގޮތަށް ފުޅި އަނބުރައި ކާމިޔާބުކުރުމުގެ ފަހަތުގައި އޮތް ހަމައެކަނި ސިއްރަކީ އަށެއްކަ ޒުވާނުންގެ މި ގްރޫޕުން ހުއްޓާނުލާ ކުރި ހިތްވަރެވެ. ބައެއް މަންޒަރުތައް ނެގީ ތަކުރާރުކޮށް އެތައް ފަހަރަކު މަސައްކަތްކޮށްގެންނެވެ.

ތިންހާހަށް ވުރެ ގިނަ ރިއެކްޝަން ލިބި 700 އަށް ވުރެ ގިނަ ފަހަރު ޝެއާކޮށްފައިވާ ވީޑިއޯގެ އެންމެ ތަންކޮޅަކަށް ގަޑި، ދެ ގަޑި އިރު ވެސް ނެގި އެވެ. އެންމެ އުނދަގުލުން ކާމިޔާބުކުރި "ފްލިޕް"އަކީ ތިން ދުވަހުގެ މަސައްކަތެވެ. އެއީ ބިންމަތީގައި ހުރެފައި ބާސްކެޓްބޯޅަ ރިންގެއްގެ ބޯޑު މައްޗަށް ފުޅި އެއްލާ ތަން ފެންނަ މަންޒަރެވެ.

އެކަމަކު ވަރަށް އާދަޔާޚިލާފު މަންޒަރެއް ވަރަށް ފަސޭހަ އިން ވެސް ނަގާފައި އެބަހުއްޓެވެ. ދުއްވާފައި ދާ ސައިކަލެއްގެ ވަށިގަނޑު މައްޗަށް ފުޅިއެއް ކޮޅަށް ޖެހީ އެންމެ ފަހަރަކު މަސައްކަތްކޮށްގެންނެވެ. ނަސީބު ރަނގަޅު ފަހަރެކެވެ.

ރައްޓެހިންނާ އެކު މަޖާ ވީޑިއޯތައް ހަދައި ފޭސްބުކް ޕޭޖު "ފްރިކިން ވައިންސް"ގައި ޝެއާކުރަމުން އަންނަ ވިޒާމް، 100 ޕްލަސްގެ ޗެލެންޖުގައި ބައިވެރިވީ ރަނގަޅު އުފެއްދުމެއް ހުށަހަޅައިދިނުމުގެ ބޭނުމުގަ އެވެ. މި ކަންތައް އައީ އޭނާ ކަމެއް ނެތި، ހުސްކޮށް ހުރި ދަނޑިވަޅެއްގަ އެވެ.

"އެހެން ތަނަކަށް ދާން ވެގެން ވަޒީފާ އިން ކެނޑިގެން، ފޫހިވެފައި ހުރި ދުވަސްކޮޅެއް މިއީ. ބައިވެރިކޮށްފައި ހުރި ވީޑިއޯތައް ބަލައިލި އިރު އެނގުނު އެ އެއްޗެއްސަށް ވުރެ ރަނގަޅު އެއްޗެއް ހެދިދާނެކަން. އެހެންވެ ހިތަށް އެރީ ޗެލެންޖެއް ކޮށްލާނަމޭ،" ވިޒާމް، 23، ކިޔައިދިނެވެ.

"ޔޫޓިއުބުގައި ހުރި ބޮޓްލް ފްލިޕް ވީޑިއޯތަކުގެ ތެރެއިން އެންމެ މަޝްހޫރު ވީޑިއޯ ބަލައިގެން ބައެއް އައިޑިއާތައް ހޯދީ. އޭގައި ހުރި މާ އުނދަގޫ އެއްޗެހި ވެސް. އެކަމަކު އޭތި ބަލައިލީމާ ހިތަށް އެރި ކުރެވޭނެއޭ. މޫދު އަޑީގައި ނަގާފައި ހުރި މަންޒަރުތަކަކީ އަމިއްލަ އައިޑިއާއެއް."

ވީޑިއޯގައި ވިޒާމް: އޭނާ ފަހަތަށް އެއްލި ފުއްޓި ކޮޅަށް ޖެހުމުން އެއާ ދިމާއަށް ބަލަހައްޓައިގެން

ވީޑިއޯގައި ވިޒާމް: އޭނާ ފަހަތަށް އެއްލި ފުއްޓި ކޮޅަށް ޖެހުމުން އެއާ ދިމާއަށް ބަލަހައްޓައިގެން

ހަފްތާއެއްގެ މަސައްކަތުން ހެދި ހަތަރު މިނިޓް 44 ސިކުންތުގެ ވީޑިއޯގެ ހުރިހާ މަންޒަރުތަކެއް ނެގީ ގޯޕްރޯ ކެމެރާއަކުންނެވެ.

"ވަރަށް ޒަމާން ވެއްޖެ ގޯޕްރޯއެއް ގެންގުޅޭތާ. އޭގެ ތިން ބެޓެރީ އޮތީމާ ތިން ގަޑި އިރު ވަންދެން ކެމެރާ ބޭނުންކުރެވޭ. ޗާޖު ހުސްވީމާ ގެ އަށް ގޮސް ޗާޖުކޮށްގެން އަނެއްކާވެސް ނުކުންނަނީ،" ވީޑިއޯ އާއި ފޮޓޯ ހެދުމުގެ އިތުރުން ފިޓްނެސް ޓްރެއިނަރެއްގެ މަސައްކަތް ވެސް ކުރާ ވިޒާމް ބުންޏެވެ.

"މިސާލަކަށް ހަތަރު ކުދިން އެއްކޮށް ފުޅި ފްލިޕް ކުރި އިރު އެންމެން އެއްވަރަކަށް ލޭންޑް ނުކުރެވިގެން ވެސް ވަރަށް ގިނަ އިރު ނެގި. ބޯޅަ މަތީގައި ފުޅި ބަހައްޓައިގެން ލޭންޑްކުރަން ވެސް ވަރަށް އުނދަގޫވި. ކާމިޔާބު ނުވީމާ އަނެއްކާވެސް ޓްރައިކުރަނީ."

ކުރިން ވެސް މަޖަލަކަށް މި ގޮތަށް ފުޅި އުކައި އުޅޭތީ މި ކަމުގެ ތަޖުރިބާ ކޮންމެވެސް ވަރަކަށް ހުރީ ލިބިފަ އެވެ. ވިޒާމް ބުނީ ފުޅި ކޮޅަށް ޖަހަން އެންމެ ފަސޭހައީ އެއިން ތިން ބައިކުޅަ އެއްބައި ހުސްކޮށްފައި ކަން ކުރިންސުރެ އެނގޭ ކަމަށެވެ.

"މި ވީޑިއޯ ހެދި އިރު އެ ގޮތަށް ބަލައިގެން އެނގުނީ 100 ޕްލަސް ފުޅީގައި ޖަހާފައި އިންނަ 'އެޖްގެ 'ޑީ' އަކުރާ ހިސާބަށް ބޭންދީމާ ކަން ފަސޭހަ ވާނީ. އެހެންވެ އެ ވަރަށް ބޯލާފައި ދެން ޓާގެޓްކުރަނީ ލޭންޑްކުރަން،" އޭނާ ކިޔައިދިނެވެ.

ޖެނުއަރީ 26 އިން ރޭގެ ނިޔަލަށް ވީޑިއޯ ހުށަހަޅަން ހުޅުވާލި މުބާރާތުގައި ދެ ކެޓެގަރީއަކުން އިނާމު ދެ އެވެ. އެއީ އެންމެ ގިނަ ލައިކްސް ލިބޭ ވީޑިއޯއަކަށް 7،000 ރުފިޔާ އަދި އެންމެ މޮޅަށް ފުޅި އަނބުރާލާ "މޯސްޓް ކްރިއޭޓިވް ފްލިޕް" އަށް 3،000 ރުފިޔާ އެވެ. ވިޒާމް ބުނިގޮތުގައި އޭނާ ވީޑިއޯ ހެދީ އެ ދެ ކެޓެގަރީ ވެސް ކާމިޔާބުކުރަން އަމާޒު ހިފައިގެންނެވެ. އެކަމަކު އެންމެ ގިނަ ލައިކްސްގެ ބައި ކާމިޔާބެއް ނުވި އެވެ.

ވީޑިއޯ ހުށަހެޅުމުގެ މުއްދަތު ރޭ 12 ޖެހި އިރު ހަމަވި އިރު 100 ޕްލަސް އިން އިއުލާންކުރި ގޮތުގައި އެންމެ ގިނަ ލައިކްސް ލިބުނީ މުބާރާތުގައި ބައިވެރިވި ބައްސާމް ވަހީދުގެ ވީޑިއޯ އަށެވެ. ފެބްރުއަރީ 1ގައި ޕޯސްޓްކުރި 33 ސިކުންތުގެ އެ ވީޑިއޯ އަށް 3،800 ރިއެކްޝަން ލިބުނު އިރު ފެބްރުއަރީ 14ގައި ވިޒާމް އަޕްލޯޑްކުރި ވީޑިއޯ އަށް ލިބުނީ 3،200 ރިއެކްޝަނެވެ.

އެންމެ މޮޅު ފްލިޕް 100 ޕްލަސް އިން ކަނޑައަޅާނީ އެންމެ ގިނަ ލައިކްސް ހޯދާ ފަސް ވީޑިއޯ ޕޯލްއަކަށް ހުޅުވާލައިގެންނެވެ. ވަނަ ހޮވައި އިނާމް ދޭނީ މާޗް 4ގަ އެވެ.

100 ޕްލަސްގެ ޗެލެންޖުގައި ވިޒާމް ބައިވެރިކުރި ވީޑިއޯ