Roadha Mihaaru
ޑިޖިޓަލް މީޑިއާގައި ކެމްޕެއިން ކުރާނެ ޒުވާނުން ހޯދަނީ

މައްސަލަތަކާ ދެކޮޅަށް ޑިޖިޓަލް މީޑިއާގައި ކެމްޕެއިން ކުރާނެ ޒުވާނުން ހޯދަނީ

13 ޖެނުއަރީ 2021

އިޖުތިމާއީ އެކި މައްސަލަތަކާ ދެކޮޅަށް ޑިޖިޓަލް މީޑިއާގެ އެކި ޕްލެޓްފޯޯމުތަކުގައި ކެމްޕެއިން ކުރާނެ ޒުވާނުން ހޯދުމަށް ޔޫއެންޑީޕީން އިއުލާންކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިޖުތިމާއީ އެކި މައްސަލަތަކާ ދެކޮޅަށް ޑިޖިޓަލް މީޑިއާގެ އެކި ޕްލެޓްފޯޯމުތަކުގައި ކެމްޕެއިން ކުރާނެ ޒުވާނުން ހޯދުމަށް ޔޫއެންޑީޕީން އިއުލާންކޮށްފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޔޫއެންޑީޕީ ގުޅިގެން މިހާރު އަންނަނީ، ޝައުގުވެރިވާ ޒުވާނުން އެ ކަމަށް ތަމްރީނު ކުރުމަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް ތައްޔާރުވަމުންނެވެ. މި މަހުގެ 18 އިން އަންނަ މަހުގެ 12 އިގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

ޔޫއެންޑީޕީގެ މަގްސަދަކީ، ނަފުރަތު އުފެދޭ ޒާތުގެ ވާހަކަ އާއި ތަފާތުކުރުމާއި ބައިބައިވުން އުފެއްދުން ފަދަ އެކި ކަހަލަ އިޖުތިމާއީ މައްސަލަތައް ނައްތައިލުމަށް، ސޯޝަލް މީޑިއާގައި ނުފޫޒު ގަދަ ޒުވާން މޫނުތަކުގެ ބޭނުން ހިފުމެވެ. އެ މީހުންގެ ދައުރަކީ، އެ ޖަމިއްޔާ އިން ދެކޭގޮތުގައި، ސުލްހަ ގާއިމް ކުރުމެވެ.

"ފޭސްބުކާއި ޓްވިޓާ އާއި ޓިކްޓޮކާއި ޔޫޓިއުބް ފަދަ އެ މީހަކު ބޭނުންވާ މީޑިއަމެއްގައި މި ކެމްޕޭން ހިންގިދާނެ. މިއީ މި މައްސަލަތަކާ ގުޅޭގޮތުން ޒުވާނުން ބޭނުންކޮށްގެން ހޭލުންތެރިކުރުމަށް އަޅުގަނޑުމެން އަލަށް ފަށާ ކަމެއް،" ޔޫއެންޑީޕީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެމްޕެއިނަށް ޒުވާނުން ތައްޔާރުކުރުމުގެ ގޮތުން ޕްރޮގްރާމް ހިންގާނީ ޔޫއެންޑީޕީއާ ފޭސްބުކްގެ ހާއްސަ ޓީމަކުންނެވެ. ޝައުގުވެރިވާ ޒުވާނުންގެ ތެރެއިން 40 މީހަކަށް އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ އެވެ.

އޮފިޝަލް ވިދާޅުވީ އެ ޕްރޮގްރާމްގެ މަގްސަދަކީ ވީހާ ވެސް އަސަރުގަދަކޮށް، މީހުންގެ ސިކުނޑިއާ ކުޅެލާ ފަދަ ގޮތަކަށް މައްސަލަތައް ތިލަ ކުރުން ކަމަށެވެ. އެ ޒުވާނަކު ހާއްސަ، ސޯޝަލް މީޑިއާގެ ކޮންމެ ޕްލެޓްފޯމެއްގައި، ކޮންމެ ގޮތަކަށް ވެސް އެ މައްސަލަތައް ގެނެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.