Roadha Mihaaru
50 މިލިއަންގެ ލޯނު ނެގީ އެސްބީއައިއަށް ދެއްކުމަށް

އެމްއޭސީއެލް މެދުވެރިކޮށް 50 މިލިއަން ޑޮލަރު ނެގީ އެސްބީއައިގެ ލޯނު ދައްކަން

19 ފެބުރުއަރީ 2024

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލް މެދުވެރިކޮށް ބީއެމްއެލް އިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނެގީ، މިދިޔަ މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑެއް ދެއްކުމަށް ކަން އެނގިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ މައި އެއާޕޯޓު ހިންގާ ކުންފުނި އެމްއޭސީއެލް މެދުވެރިކޮށް ބީއެމްއެލް އިން 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ނެގީ، މިދިޔަ މަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ވިއްކި ބޮންޑެއް ދެއްކުމަށް ކަން އެނގިއްޖެ އެވެ.

އެ މުއާމަލާތާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ އިސް ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އެމްއޭސީއެލް މެދުވެރިކޮށް ސަރުކާރުން ލޯނު ނަގަން ޖެހުނީ، ސަރުކާރުން ބީއެމްއެލް މެދުވެރިކޮށް ނެގި ދަރަނީގެ ލިމިޓް ހަމަވެފައި އޮތުމުން ކަމަށެވެ. އެ ލޯނު ނެގީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ލޯނާ ގުޅޭ ގޮތުން އެމްއޭސީއެލް އިން ވާހަކައެއް ނުދައްކަ އެވެ. އަދި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާ ސުވާލު ކުރުމުން ވެސް އެކަމާ ގުޅޭ ގޮތުން ވަކި ޖަވާބެއް ނުދެއްވި އެވެ.

އެސްބީއައި އަށް އެ ބޮންޑު ވިއްކާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އެއް އަހަރު ދުވަހަށް ނެގި އެ ބޮންޑުގެ އިންޓްރެސްޓް ރޭޓަކީ 4.5 ޕަސެންޓެވެ.

އެސްބީއައި އިން ވިއްކި ބޮންޑު އަނބުރާ ދެއްކުމަށް ބީއެމްއެލް އިން ލޯނު ނެގި އިރު މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ވަނީ 550 މިލިއަން ޑޮލަރު (8.5 ބިލިއަން ރުފިޔާ) ހޯދަން އިއުލާނުކޮށްފަ އެވެ.

ސަރުކާރުން ބަޖެޓު ޑެފިސިޓްގެ ގޮތުގައި 14 ބިލިއަން ރުފިޔާ މި އަހަރު ހޯދަން ޖެހެ އެވެ. އޭގެ ތެރެއިން 3.9 ބިލިއަން ރުފިޔާ ހޯދަނީ ޑޮމެސްޓިކް މާކެޓުން ނުވަތަ ރާއްޖޭގެ މާލީ އިދާރާތައް މެދުވެރިކޮށް ނުވަތަ ބޮންޑާއި ޓީބިލް މެދުވެރިކޮށެވެ. ބާކީ 12.3 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ ބޭރުންނެވެ. ބޭރުން ހޯދަނީ ބަޖެޓް ސަޕޯޓު ލޯނާއި ގްރީން/ބްލޫ ބޮންޑާއި ޕްރޮޖެކްޓްތަކަށް ހޯދާ ލޯނުތަކެވެ.