Roadha Mihaaru
ކާޑު ލިމިޓު ބޮޑު ކުރަން ދަތިތައް އެބަހުރި: ފިނޭންސް

ފިނޭންސުން ބުނީ ކާޑު ލިމިޓް އިތުރުކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށް!

01 ފެބުރުއަރީ 2024

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ލިމިޓު އިތުުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ޑޮލަރު ލިމިޓް ބޮޑުކޮށްދޭން ދަތިތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ލިމިޓު އިތުުރު ކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި އެހެން ބުނީ، ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުން މިހާރު ކޮންމެ މަހަކު 750 ޑޮލަރު ނެގޭ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެ އަދަދު މިއަދުން ފެށިގެން 1،200 ޑޮލަރަށް ބޮޑުކުރަން މިދިޔަ ޑިސެމްބަރު މަހު ކެބިނެޓުން ނިންމި ނިންމުމަށް އެކި ސަބަބުތަކާ ހެދި އަމަލު ނުކުރެވުމުންނެވެ.

އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ވެސް ބުނެފައިވަނީ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ބީއެމްއެލް އާއި އެމްއެމްއޭއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖެ އިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ކޮންމެ މަހަކު ބީއެމްއެލް އިން ނެގޭ ޑޮލަރުގެ އަދަދު މަތިކުރަން މި ސަރުކާރުން ނިންމި ތާރީހަށް އެކަން ނުވުމުން ނެރުނު ނޫސްބަޔާނުގައި ފިނޭންސް މިނިސްޓްރީން ބުނީ، ރާއްޖޭގައި ޑޮލަރުގެ ޑިމާންޑު އޮތް ގޮތާއި ހުރި ހުރަސްތައް ވެސް ދެނެގަންނަމުން އަންނަ ކަމަށެވެ.

ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ޑޮލަރު ލިމިޓް އިތުރު ކުރުމުގެ ނިޒާމެއް އެކުލަވައިލުމުގެ މަސައްކަތް ބީއެމްއެލް އާއި އެމްއެމްއޭ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން އަންނަނީ ކުރަމުންނެވެ. އަދި ބުނީ އެ ސިޔާސަތު ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން ވެސް އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.

"މި ސިޔާސަތު މި ވަގުތު ތަންފީޒު ކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެ، ދިވެހިރާއްޖޭގައި މި ވަގުތު ޑޮލަރު ޑިމާންޑް އަދި ހުރަސްތައް މިދަނީ ދެނެގަންނަމުންނެވެ. އަދި ކާޑު ލިމިޓް އިތުރު ކުރުމުގެ ފައިދާ ސީދާ ދަރިވަރުންނަށް ލިބޭކަން ޔަގީން ކުރުމަށްޓަކައި، ރާއްޖެ އިން ބޭރުގައި މަތީ ތައުލީމު ހާސިލް ކުރަމުންދާ ދަރިވަރުންގެ އަދާހަމަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ކުރަމުން ގެންދާ ކަމުގައި ވެސް ދަންނަވަމެވެ،" ސަރުކާރުގެ ބަޔާނުގައި ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވު އިތުރު ކުރުމަށާއި ބޭންކިން ނިޒާމަށް މާރުކުރެވޭ ޑޮލަރުގެ ނިސްބަތް އިތުރު ކުރުމަށްޓަކައި މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ބޭންކުތަކުން ގުޅިގެން ވެސް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.