Roadha Mihaaru
1.8 މިލިއަން ރުފިޔާ ފޭރުމުގައި އުޅުނީ ކާފަދަރިފުޅު

1.8 މިލިއަން ރުފިޔާ ފޭރުނީ 70 އަހަރުގެ މީހެއްގެ އެކައުންޓުން, ލަނޑު ދިނީ ކާފަދަރި

19 ފެބުރުއަރީ 2024

ނުވަ ދުވަހުގެ ތެރޭގައި 1.8 މިލިއަން ރުފިޔާ ފޭރުނީ 70 އަހަރުގެ ފިރިހެނެއްގެ އެކައުންޓުން ކަމަށާއި އެކަމުގެ މެދުވެރިއަކަށް ހުރީ ކާފަ ދަރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނުވަ ދުވަހުގެ ތެރޭގައި 1.8 މިލިއަން ރުފިޔާ ފޭރުނީ 70 އަހަރުގެ ފިރިހެނެއްގެ އެކައުންޓުން ކަމަށާއި އެކަމުގެ މެދުވެރިއަކަށް ހުރީ ކާފަ ދަރި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ، މިދިޔަ އަންގާރަ ދުވަހުގެ ހަވީރު ފުލުހުންނަށް ހުށަހެޅި އެ މައްސަލައިގައި ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވަނީ ފޯނާއި އެމްއައިބީ އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެން ކަމަށް ވިދާޅުވެފަ އެވެ.

އެކަމުގެ އިތުރު މައުލޫމާތެއް ނުދިނަސް ފުލުހުން ވަނީ އެ މުއާމަލާތްތައް ހިންގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

އެ ފޭރުމުގައި ބައިވެރިވުމުގެ ތުހުމަތު ހަތަރު މީހަކަށް ކުރާއިރު، މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ؛

- އުމުރުން 24 އަހަރުގެ އަންހެނެއް

- އުމުރުން 24 އަހަރުގެ ފިރިހެނެއް

- އުމުރުން 23 އަހަރުގެ ފިރިހެނެއް

އެކަމުގައި 16 އަހަރުގެ ފިރިހެން ކުއްޖަކަށް ތުހުމަތުކުރިޔަސް، އެ ކުއްޖާ އަދި ހައްޔަރެއް ނުކުރެ އެވެ.

އެނގިފައިވާ ގޮތުގައި، އެ ފިރިހެން މީހާގެ ފޯނުގެ މޮބައިލް އެކައުންޓުން، މި މައްސަލައިގެ ތުހުމަތުކުރެވޭ ތިން މީހެއްގެ އެކައުންޓަށް ރުފިޔާ ފޮނުވުމުގައި ބައިވެރިވެފައިވަނީ، ގެއްލުން ލިބުނު މީހާގެ 16 އަހަރުގެ ކާފަ ދަރި އެވެ. މާލެއަށް އުފަން އެ ކުއްޖާ ދިރިއުޅެމުން އަންނަނީ ވެސް ވިޔަފާރިކުރާ ކާފައާއެކު އެއްގެއެއްގައި ކަމަށް ވެސް ވެ އެވެ.

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ގެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު (މ)، ހެޑް އޮފް ފްރޯޑް ޑިޕާޓްމަންޓް، އިންސްޕެކްޓާ އޮފްޕޮލިސް މަރިޔަމް ރަޝީދާ އަދި އިންވެސްޓިގޭޝަން އޮފިސަރު ސާޖަންޓް އަބްދުﷲ ނަދީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ފުލުހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ގެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު (މ)، ހެޑް އޮފް ފްރޯޑް ޑިޕާޓްމަންޓް، އިންސްޕެކްޓާ އޮފްޕޮލިސް މަރިޔަމް ރަޝީދާ އަދި އިންވެސްޓިގޭޝަން އޮފިސަރު ސާޖަންޓް އަބްދުﷲ ނަދީމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ފޯނުން، އެހެން އެކައުންޓުތަކަށް އެކި ދުވަސް މަތިން ފައިސާ ފޮނުވިއިރު ވެސް އެއް ގޮތް ކަންތައްތަކެއް ހުރި ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެގޮތުން، ގެއްލުން ލިބުނު މީހާ މިސްކިތަށް ނަމާދަށް ދާ ވަގުތުތަކުގައި ޓްރާންސެކްޝަންތައް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅިތާ 48 ގަޑިއިރުގެ ތެރޭގައި ވަނީ ގެއްލުނު 1.6 މިލިއަން ރުފިޔާ ހޯދައިފަ އެވެ.

އެ ތަނުން އެކެއްގެ އެކައުންޓަށް ފަސް ފަހަރެއްގެ މަތިން އެއް މިލިއަން ރުފިޔާ ޖަމާކޮށްފައި ވެ އެވެ. އެ މީހާ ވަނީ އޭނާގެ ނަމުގައި ހުރި އެހެން އެކައުންޓްތަކަށް އެ ފައިސާ އެކި ފަހަރު މަތިން އެކި ދުވަސްތަކުގައި ޓްރާންސްފާ ކޮށްފަ އެވެ.

އެހެން އެކައުންޓަކަށް ފައިސާ ފޮނުވުމުގެ އިތުރުން ބައެއް ތަންތަނުން ވިޔަފާރި ވެސް ވަނީ ކޮށްފަ އެވެ. އިލެކްޓްރޯނިކް ސާމާނާއި ދޫނި ފަދަ ތަކެތި ގަތުމަށް ގާތްގަނޑަކަށް 90،000 އެއްހާ ރުފިޔާ ބޭނުންކުރި އެވެ. އޭނާގެ ހަރަދަށް އެކައުންޓްގައި ހަތް ލައްކަ ރުފިޔާ ބަހައްޓާފައި ހުރި ކަމަށް ފުލުހުން ބުންޏެވެ.

ދެ ވަނަ މީހާގެ އެކައުންޓަށް ވިކްޓިމްގެ އެކައުންޓުން ޓްރާންސްފާކުރީ އަށް ލައްކަ ރުފިޔާ އެވެ. އެއާއެކު، ފުރަތަމަ މީހާގެ އެކައުންޓުން، ދެ ވަނަ މީހާގެ އެކައުންޓަށް އިތުރު ފައިސާއާއެކު ޓްރާންސްފާ ކުރި އެވެ. އޭނާ ވެސް ވަނީ އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، ރޯލްކޮށްފަ އެވެ. ތިން ވަނަ މީހާއަށް ފައިސާ ޓްރާންސްފާކޮށްފައިވަނީ ދެ ވަނަ މީހާ އެވެ. ތިންވަނަ މީހާގެ އެކައުންޓަށް ޖަމާކޮށްފައިވަނީ، އެކި އެކައުންޓުތަކުން ޖުމްލަ 1.5 މިލިއަން ރުފިޔާ އެވެ.

މި މައްސަލައިގައި ދެން ހިމެނެނީ ހއ. ހޯރަފުށީ އަންހެނަކާއި އެ އަތޮޅު މޮޅަދޫ އަދި ގދ. ހޯނޑެއްދޫ މީހެކެވެ. އެ އެންމެންނަކީ ވެސް، 16 އަހަރުގެ ފިރިހެން ކުއްޖާއާ ގާތް ގުޅުމެއް އޮންނަ ބައެއް ކަމަށްވެ އެވެ.