Roadha Mihaaru
އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސްކަން ޝާހިދަށް

އިންތިހާބަކާ ނުލައި އެމްޑީޕީގެ ރައީސްކަން ޝާހިދަށް

20 ފެބުރުއަރީ 2024

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލެއްވުމުން، އިންތިހާބަކާ ނުލައި އެ މަގާމު އޭނާ އަށް ލިބިވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެމްޑީޕީގެ ރައީސް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެކަނި ކުރިމަތިލެއްވުމުން، އިންތިހާބަކާ ނުލައި އެ މަގާމު އޭނާ އަށް ލިބިވަޑައިގެންފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސްގެ މަގާމު ހުސްވީ، އެ މަގާމުގައި އެތައް އަހަރެއް ވަންދެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޫން 2023 ގައި އެމްޑީޕީން ވަކިވެވަޑައިގަތުމުންނެވެ. އެހެންވެ، ވަގުތީ ރައީސަކަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވި އެވެ.

އެ މަގާމަށް ކުރިމަތިލާން އެމްޑީޕީން ވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހުޅުވާލައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވިއިރު އެ މަގާމަށް ޝާހިދު އެކަނި ކުރިމަތިލެއްވުމުން އިންތިހާބަކާ ނުލައި އޭނާ ހޮވިފައިވާ ކަމަށް އެ ޕާޓީން ވަނީ އިއުލާންކޮށްފަ އެވެ.

އެމްޑީޕީގެ ރައީސްކަމަށް ވާދަކުރައްވާކަން އިއުލާން ކުރައްވައި ޝާހިދު މިދިޔަ އާދިއްތަ ދުވަހު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާ ފޯރިއަކާއި އާ ޖޯޝަކާ އެކު، އާ ބާރެއްގައި އެމްޑީޕީ ނުކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިއުމަށް އެންމެން އެކުވެ، އަތުގުޅާލަންވެއްޖެ ކަމަށެވެ. "އާ ފޯރިއަކާއި އާ ޖޯޝަކާ އެކު އާ ބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަން ވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.

"އާބާރެއް" ގެ ނަމުގައި އެމްޑީޕީގެ ރައީސް ކަމަށް ޝާހިދު ވާދަކުރައްވަން ނިންމެވިއިރު 2014 ވަނަ އަހަރު ޝާހިދު، ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ބޭއްވި އެ ޕާޓީގެ ޖަލްސާ އަށް ދިން ނަމަކީ ވެސް "އާބާރެއް" އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުންނަވައި ޝާހިދު އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް މުހައްމަދު ވަހީދާ އެކު ހުންނެވުމަށް ފަހު، ދެ ވަނަ ބުރުގައި އޭރުގެ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއިދު ކުރެއްވުމަށް ފަހު އެވެ.

އެމްޑީޕީގެ ދެ ވަނަ ސަރުކާރުގައި ފޮރިން މިނިސްޓަރު ކަން ޝާހިދު ކުރެއްވިއިރު އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަން ވެސް އޭނާ ވަނީ ކުރައްވައިފަ އެވެ.