Roadha Mihaaru
އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދޭން ސޮއިކޮށްފި

ޒަކާތު ފަންޑުން އަހަރަކު 10 ކުދިންގެ ބޯންމެރޯ ހަދައިދޭން ސޮއިކޮށްފި

21 ފެބުރުއަރީ 2024

އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަހަރަކު 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޒަކާތު ފަންޑުން އެހީ ދިނުމަށް ހެލްތު މިނިސްޓްރީއާ އެކު މިއަދު ސޮއިކޮށްފި އެވެ.

އިސްލާމިކް މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައި، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ތެލެސީމިއާ 50 ކުދިންގެ ބޯންމެރޯ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ޝުޖާއު އަބްދުލްހަކީމް އަދި ހެލްތުގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޝިރުނާ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ބޯންމެރޯ ހަދަން ކޮންމެ ކުއްޖަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް އެހީދޭނެ ކަމަށެވެ.

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް އަދި ހެލްތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް އަދި ހެލްތުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ތެލަސީމިއާ ފަރުވާ ދިނުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ ބޯންމެރޯ ޓްރާންސްޕްލާންޓޭޝަން ހެދުން ކަމަށްވާއިރު, އެ ފަރުވާ ހޯދުމުގައި ދިގު މުއްދަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކުއްޖާ ބަލަހައްޓަން ޖެހެ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓްކުރުމަށް ފަހު ވެސް ގަވާއިދުން ހަދަންޖެހޭ ޓެސްޓުތައް ހަދައި ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަންޖެހެ އެވެ. ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން މީގެ ކުރިން ވެސް ކުދިން ބޭރަށް ފޮނުވި އެވެ. އެކަމަކު، އެކަށީގެންވާ ގޮތެއްގައި އެކަން ކުރިއަކަށް ނުދެ އެވެ. ނަމަވެސް، ހެލްތާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު ސޮއިކުރި އެއްބަސްވުމުގެ ދަށުން ހަރުދަނާގޮތެއްގައި މިކަން ކުރިއަށްދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

ރާއްޖޭގައި މި ވަގުތު ތެލެސީމިއާގެ 659 ކުދިން އެބަތިއްބެވެ.