Roadha Mihaaru
ބޯންމެރޯ ހަދަން ހަ ކުއްޖަކަށް ލިޔުން ހަވާލުކޮށްފި

ޒަކާތު ފަންޑުން ބޯންމެރޯ ހަދަން ހަ ކުއްޖަކަށް ލިޔުން ހަވާލުކޮށްފި

30 ނޮވެމްބަރ 2016

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުގެ އެހީގައި އަންނަ މަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށްދާ ހަ ކުއްޖަކަށް ލިޔުން ހަވާލުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުގެ އެހީގައި އަންނަ މަހު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖޭން ބޭރަށްދާ ހަ ކުއްޖަކަށް ލިޔުން ހަވާލުކޮށްފި އެވެ.

އިސްލާމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަންހެން ހަ ކުދިންނަށް ލިޔުން ހަވާލުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމެވެ.

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިޖުތިމާއީ މައްސަލަތައް ހައްލު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެކަމުގެ ހެޔޮ ނަތީޖާ މުޖުތަމައުން ފެންނަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށާއި ސިއްހީ އެތައް މައްސަލަތަކެއް ދިމާވެފައި ތިބި ކުދިން، ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސްގެ އަނބިކަނބަލުން، ބޯންމެރޯ ހަދަން ރާއްޖޭން ބޭރަށް ފުރާ ކުއްޖަކަށް ލިޔުން ހަވާލުކޮށް ދެއްވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ރައީސްގެ އަނބިކަނބަލުން، ބޯންމެރޯ ހަދަން ރާއްޖޭން ބޭރަށް ފުރާ ކުއްޖަކަށް ލިޔުން ހަވާލުކޮށް ދެއްވަނީ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ޒަކާތް ދެއްކުމަކީ އިސްލާމް ދީނުގެ ރުކުނެއްކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ އެ ރުކުނަށް އަމަލު ނުކުރާނަމަ، އިސްލާމްވަންތަކަން ފުރިހަމަވެގެން ނުދާނެ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ޒަކާތް ދައްކާ މީހުންގެ ނިސްބަތަކީ 10 ޕަސަންޓު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ގިނަ ބަޔަކަށް އެހީތެރިވާއިރު، ޒަކާތް ފަދަ މުހިންމު އަޅުކަމެއް ފުރިހަމަ ކުރުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު އިލްތިމާސް ކުރަނީ މި މަތިވެރި މާތް ރުކުނަށް ހުރުމަތްތެރިކޮށް ހިތައި، ދިވެހި މުޖުތަމައުގައި އެކިއެކި އެހީތެރިކަމަށް ބޭނުންވެފައި ތިބި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ފަސް ޖެހިވަޑައިނުގަންނަވާށޭ،" މިނިސްޓަރު ޒިޔާދު ވިދާޅުވި އެވެ.

"މުޖުތަމައުގައި ހުރި މައްސަލަތައް ހައްލު ކުރެވޭނީ އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން،"

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވި ގޮތުގައި ސަރުކާރުން ވައުދުވި އެއް ކަމަކީ އެކި ގޮތްގޮތުން އެހީއަށް ބޭނުންވެފައި ތިބި ކުދިންނަށް އަޅާލުމާއި ލޯބި ފޯރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުމެވެ. އަދި ރައީސް ޔާމީން އުޅުއްވަނީ ވައުދު ފުއްދެއްވުމުގައި މާ ކުރީގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ބޯންމެރޯއާ ބެހޭ ގޮތުން ޕީޕީއެމް މެނިފެސްޓޯގައި އޮތީ ފަސް އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން ކޮންމެ އަހަރަކު 25 ކުދިން ބޭރަށް ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެކަމަކު ތިން އަހަރު ތެރޭގައި މި ވައުދު ފުއްދާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ވައުދު ފުއްދިޔަސް، ބޯންމެރޯ ހަދަން ބޭނުންވާ އެހެން ކުދިންނަށް ޒަކާތު ފަންޑުން ނުވަތަ އެހެން ގޮތް ގޮތަށް ފަރުވާ ކުރެވޭނެ ހަމަޖެއްސުމުގައި ސަރުކާރުން ދެމި ތިބޭނެ ކަމަށެވެ.

ތެލެސީމިއާ ބައްޔަކީ މައިންބަފައިންގެ ފަރާތުން ވާރުތަކުރާ ކަމެކެވެ. މި ބަލި ޖެހިގެން މިހާތަނަށް 849 ކުއްޖަކު ރަޖިސްޓްރީ ކުރެވިފައިވާއިރު، މި އަހަރު މިހާތަނަށް މި ބަލި 13 ކުއްޖަކަށް ވަނީ ޖެހިފަ އެވެ. ބޯންމެރޯ ޓްރާންސްޕްލާންޓަކީ މި ކުދިންނަށް އޮތް ހަމައެކަނި ދާއިމީ ފަރުވާ އެވެ.

މިހާތަނަށް ބޯންމެރޯ ހެދި 57 ކުދިންގެ ތެރެއިން ފަސް ކުއްޖެއްގެ ބޯންމެރޯ ކާމިޔާބުވެފައިނުވާއިރު، ބޯންމެރޯ ހެދުމަށްފަހު، 16 ކުއްޖަކު ވަނީ މި ދުނިޔެއާ ވަކިވެފަ އެވެ.

ބޯންމެރޯ ހަދަން ދާ ކޮންމެ ކުއްޖަކަށް ނުވަ ލައްކަ އާއި މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެ އެވެ. އަދި މި ކުދިން ފަރުވާ ކުރުމަށް ތިނެއް ނޫނީ ހަތަރު މަސް ހޭދަވެ އެވެ.