Roadha Mihaaru
ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް އެހީ ދީފި

ބޯންމެރޯ ހަދަން ފަސް ކުއްޖަކަށް ޒަކާތު ފަންޑުން އެހީދީފި

13 ފެބުރުއަރީ 2019

ތެލެސީމިއާ ކުދިންގެ ތެރެއިން މި އަހަރު ފަސް ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަރަދުކޮށްދޭން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ތެލެސީމިއާ ކުދިންގެ ތެރެއިން މި އަހަރު ފަސް ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ހަރަދުކޮށްދޭން ނިންމައިފި އެވެ.

ބޯންމެރޯ ހަދަން ކޮންމެ އަހަރަކު ވެސް ޒަކާތު ފަންޑުން އެހީވެ އެވެ. އެގޮތުން މިހާތަނަށް 27 ކުއްޖަކަށް އެހީވެފައިވެ އެވެ. މި އަހަރު އެހީ ލިބުނު ފަސް ކުދިން ބޯންމެރޯ ހަދަން މާދަމާ އިންޑިއާ އަށް ފުރާނެ އެވެ.

ބޯންމެރޯ ހަދަން އިންޑިއާގެ މަނިޕާލް ހޮޮސްޕިޓަލަށް ދާ ފަސް ކުދިންނާއި އެ ކުދިންގެ އާއިލާއާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ބައްދަލުކުރެއްވި އެވެ. އެ ކުދިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ އޮޕަރޭޝަން ކުރަން ޖެހޭ އިތުރު ކުދިންނަށް އެ ފުރުސަތު ދިނުމަށް މަސައްކަތް ކުރައްވަމުން އަަންނަ ކަމަށެވެ.

ސަރުކާރުގެ ޚަރަދުގައި މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ބައެއް ކުދިންނާ އެކު ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން އަދި އެ ކުދިންގެ ބެލެނިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ސަރުކާރުގެ ޚަރަދުގައި މި އަހަރު ބޯންމެރޯ ޓްރާންސްޕްލާންޓް ހަދާ ބައެއް ކުދިންނާ އެކު ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން އަދި އެ ކުދިންގެ ބެލެނިވެރިން ގުރޫޕް ފޮޓޯއެއް ނަގަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަރުވާ ބޭނުންވާ ކުދިންނާ އެކު ބޯންމެރޯ ޑޮނާ އާއި އެ ކުދިންގެ ބެލެނިވެރިން އިންޑިއާއަށް ދާނެ އެވެ. ފަރުވާއަށް ހަތަރު މަސް ދުވަހު އިންޑިއާގައި މަޑުކުރަން ޖެހޭނެ އެވެ. މިކަމަށް ކޮންމެ ކުއްޖަކަށް ޒަކާތް ފަންޑުން ނުވަ ލައްކަ ރުފިޔާ ހަރަދު ކުރެ އެވެ. އިތުރު ހަރަދުތައް ކުރަން ނިންމާފައި ވަނީ އެންސްޕާ އާއި ސޯޝަލް ވެލްފެއާ ފަންޑު މެދުވެރިކޮށެވެ.

މިފަހަރު ފޮނުވާ ކުދިންނަކީ އެ ކުދިންނާއި ޑޯނަރުންގެ މެދުގައި 100 ޕަސެންޓު މެޗުވެފައިވާ ކުދިންނެވެ.

ބޯންމެރޯ ހެދުމަށް ފަހު އެއްކޮށް ރަނގަޅުވާން ގިނަ ދުވަސްތަކެއް ނަގާނެ އެވެ. އެހެންވެ އެ ކުދިން އަނބުރާ ރާއްޖެ އައުމަށް ފަހު ވެސް އެއް އަހަރު ދުވަސް ވަންދެން ވަރަށް ފަރުވާތެރިވާތެރިކަމާ އެކު ބަލަން ޖެހޭނެ ކަމަށް މޯލްޑިވްސް ބްލަޑް ސާވިސް (އެމްބީއެސް) ގެ ޑައިރެކްޓަރު ނިޔާޒު އަހްމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ކުދިންގެ ފަރުވާގައި ބެލެނިވެރިންގެ މަސްއޫލިޔަތު ވަރަށް ބޮޑެވެ.

ތެލެސީމިއާ 881 ކުދިން ރާއްޖޭގައި ރަޖިސްޓްރީ ވެފައިވެ އެވެ. ހެލްތު މިނިސްޓްރީ އާއި އެމްބީއެސް ގުޅިގެން، އެ ކުދިންނަށް ބޭނުންވާ ފަރުވާ އާއި ވަސީލަތްތައް އެ ކުދިން އުޅޭ ތަނަކުން ފަސޭހައިން ލިބޭ ނިޒާމު ވަނީ މިދިޔަ ޑިސެމްބަރު މަހު ހަމަޖައްސާފަ އެވެ.