Roadha Mihaaru
ފިޔަވަޅު ނޭޅި ނަމަ ރާއްޖެ ބަނގުރޫޓުވީސް: ރައީސް

އަވަސް ފިޔަވަޅުތައް ނޭޅި ނަމަ ރާއްޖެ ބަނގުރޫޓުވީސް: ރައީސް

25 ފެބުރުއަރީ 2024

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ހީނަރުވެފައި އޮތް ރާއްޖޭގެ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅުއްވި ނަމަ މިއަދު މި ގައުމު އޮންނާނީ ބަނގުރޫޓު ވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހއ. ބާރަށުން އިފްރާޒް އަލީ

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ހީނަރުވެފައި އޮތް ރާއްޖޭގެ އިގުތިސާދީ ހާލަތުން އަރައިގަތުމަށް އަވަސް ފިޔަވަޅުތަކެއް ނޭޅުއްވި ނަމަ މިއަދު މި ގައުމު އޮންނާނީ ބަނގުރޫޓު ވެފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ބޮޑުތިލަދުއްމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވިދާޅުވީ އިގުތިސާދީ ހީނަރުކަމުން އަރައިގަތުމަށް ސިޔާސީ ގޮތުން އުނދަގޫ، އެހެން ނަމަވެސް ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކެއް އެޅުއްވީ އެ މަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް އެންމެ ފުރިހަމަ އަށް ފުއްދަވައި ދެއްވަން ބޭންފުޅު ވާތީ ކަމަށެވެ.

ހއ. ބާރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހއ. ބާރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ވައުދުތައް ފުއްދަން ޕްލޭންތައް ހަދަމުން އަންނަ ކަމަށާއި ފުރަތަމަ ދުވަހު ފެށިގެން ވެސް ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖެހުމުގެ މަސައްކަތް ސަރުކާރުން ފެށީ އެ ނިޔަތުގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"[އިގުތިސާދީ އަވަސް ފިޔަވަޅުތައް އެޅުމުގެ] އެ މަސައްކަތް ނުފަށައި މިއަދާ ހަމައަށް އައި ނަމަ، އަޅުގަނޑުމެން ތިބޭނީ ޑިފޯލްޓްވެފައި. މާނ އަކީ ބޭރުގެ ދަރަނިތައް ދެއްކުމުގައި އަޅުގަނޑުމެން ތިބޭނީ ފެއިލްވެފައޭ. އަޅުގަނޑުމެން ތިބޭނީ އަރައިނުގަނެވޭ ހިސާބަކަށް ގޮސްފައި،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން އެޅި އަވަސް އަދި މުހިންމު ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން ވެސް އެކަން ފާހަގަކޮށް، ތައުރީފު ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު، ހއ. ބާރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު، ހއ. ބާރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން.-- ފޮޓޯ: ރައީސް އޮފީސް

އެ ނިންމުންތަކުގެ މަތީގައި ދެމިތިބެ، ކުރިއަށް އޮތް ދުވަސްތަކުގައި ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދު ހަމަ މަގަށް އެޅޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިގުތިސާދީ މި ހާލަތުން އަރައިގަނެ، ބޭރުގެ އިންވެސްޓަރުންނާއި ބޮޑެތި ވިޔަފާރިތަކުގެ އިތުބާރު ހޯދަން ވެސް މި ފިޔަވަޅުތަކުގެ ސަބަބުން މަގުކޮށައިދޭނެ ކަމަށެވެ. ފަސޭހަ ގޮތް ހިޔާރުކޮށް، ކުރީގެ ސަރުކާރުން ކަން ކުރި ގޮތަށް ފައިސާ ޗާޕުކުރަމުން ދިޔަ ނަމަ، އެ މަގު ބަންދުވީސް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ފެށި މަގުން ދާތީވެ، ދެން އިރާދަކުރެއްވިއްޔާ އިންވެސްޓްމަންޓްތަކަށް ހުޅުވާލީމާ، [މި ސަރުކާރުން ޕްލޭންކޮށްފައިވާ] ބޮޑެތި މަޝްރޫއުތައް ނަގާނެ ފަރާތްތައް އަންނަނީ،" ރައީސް ވިދާޅުވި އެވެ.