Roadha Mihaaru
އިގުތިސާދު އަނދަވަޅަކަށް ވެއްޓުނީ ދަރަނީގެ ސަބަބުން

ކުރިމަތި ކޮށްފައި އޮތީ ކުރީގެ ސަރުކާރުގެ އިގުތިސާދީ ހާލަތު: ރައީސް

20 ފެބުރުއަރީ 2024

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި ސަރުކާރަށް އެންމެ އުނދަގޫ ވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ހާލަތުގެ އުނދަގޫ ކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، މި ސަރުކާރަށް އެންމެ އުނދަގޫ ވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދަރަނިތަކާ ހެދި ކުރިމަތިވި އިގުތިސާދީ ހާލަތުގެ އުނދަގޫ ކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ، ދެކުނުގެ ހަތަރު އަތޮޅަށް މިދިޔަ އާދިއްތަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ގދ. ފަރެސްމާތޮޑާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނު މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވިއިރު، 120 ބިލިއަން ރުފިޔާގެ ބޭރުގެ ދަރަނި އޮތް ކަމަށެވެ. އެ 120 ބިލިއަން ރުފިޔާގެ އިތުރުން ދައުލަތުގެ އެކި ކުންފުނިތަކުން އަމިއްލަ އެކި ފަރާތްތަކަށް ގާތްގަނޑަކަށް ނުވަ ބިލިއަން ނުދައްކާ އޮތް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނާ ދިމާވި ހާލަތު. ރާއްޖެ އިން ބޭރަށް ދައްކަން އަޅުގަނޑުމެން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ 120 ބިލިއަންގެ އިތުރަށް ނުވަ ބިލިއަން ރުފިޔާ. އެ ފައިސާތައް ދެއްކުމުގެ މަސައްކަތް ފަށައިގެން މި ތިން މަހު މި ދިޔައީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މިއީކީ އެހެންވީމާ އަޅުގަނޑުމެން [ވެރިކަމަށް] އައިސްގެން އަލަށް ދައްކަން ޖެހިފައި ހުރި ފައިސާއެއް ނޫން."

ރައީސް ވިދާޅުވީީ، ބައެއް ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ވާހަކަތަކުން ދޭހަވަނީ އެއީ މި ސަރުކާރު އައި ފަހުން ދައްކަން ޖެހޭ ފައިސާ ކަމަށެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން ހުވަދު އަތޮޅަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި. ފަރެސްމާތޮޑާ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގެނީ އިގްތިސާދުގައި ބުންވަރު ހުރެގެން ކަމަށާއި އެކަމަކު މިދިޔަ ސަރުކާރު ނިމުނުއިރު އޮތީ ސަރުކާރުގައި ބޮޑު ދަރަންޏެއް އެޅިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވިއިރު މުޅި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތީ ކުރީގެ ސަރުކާރު ނިމިގެން ދިޔައިރު ކުރިމަތި ކޮށްފައިވާ އިގްތިސާދީ ހާލަތު،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

"މި ދެންނެވި ފައިސާ ނުދައްކައި އޮތީމާ ރާއްޖޭގެ އިގުތިސާދު އެހާ ބޮޑަށް އަނދަވަޅަކަށް ވެއްޓިފައި އޮތީ."

ރައީސް ވިދާޅުވީ އެ ފައިސާ ދެއްކުމުގެ މަސައްކަތް ކުރަމުން ދަނީ އިތުރަށް ފައިސާ ޗާޕުނުކޮށް ކަމަށެވެ. ފައިސާ ޗާޕުކޮށްގެން އެ ފައިސާ ދެއްކުމަކީ މި ސަރުކާރަށް ވެސް ވަރަށް ފަސޭހަ ކަމެއް ކަމަށާއި އެކަމަކު އެގޮތަށް ހަދައިފި ނަމަ، އިގްތިސާދު އިތުރު އަނދަވަޅަކަށް ވެއްޓޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަނެއްކާ އިތުރު އަނދަވަޅަކަށް ވެއްޓޭނީ ދުވަހަކު ސަލާމަތްނުވާނެ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވެ، އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ބޭނުން ނަމަ، ފައިސާ ޗާޕުކުރުން ހުއްޓާލުމަކީ ކުރަން މަޖުބޫރު ކަމަކަށް ވާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގައި ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ވަނީ މިދިޔަ ސާޅީހަކަށް އަހަރު ނުކުރުވާ ވަރަށް ފައިސާ ޗާޕުކޮށްފަ އެވެ. އެހެންވެ، ފައިސާގެ އަގު ވެއްޓި އެތައް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި އެތައް މިލިއަން ޑޮލަރު ކުރީގެ ސަރުކާރުން މާރުކުރި ކަމަށާއި އެކަމަކު، ލޯނުތައް ދެއްކުމަށް އެ ފަންޑަށް އަލުން ޑޮލަރު ޖަމާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އިގުތިސާދީ ދަތިތަކާ އެކު ވެސް ތަރައްގީގެ އެތައް ކަމެއް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއާޕޯޓުތައް ހަދަން ފެށުމާއި ނުނިމި ހުރި ރިސޯޓުތައް ހުޅުވޭނެ މަގުފަހި ކުރުމާއި ސްޕެޝަލް އިކޮނޮމިކް ޒޯން ތަރައްގީ ކުރުން ފަދަ ކަންކަން ހިމެނޭ ކަން ރައީސް ފާހަގަކުރެއްވި އެވެ. އެއާ އެކު، ބޭކާރު ހަރަދުތައް ވެސް ހުއްޓާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.