Roadha Mihaaru
ކައުންސިލްތަކުގެ އޮފީސް އިމާރާތް އެޅުމުގެ މަޝްރޫއެއް

ކައުންސިލްތަކުގެ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް ފަށަނީ

26 ފެބުރުއަރީ 2024

ގިނަ ރަށްރަށުގެ ކައުންސިލްތައް އަދިވެސް ހިންގަނީ ވަރަށް ބާ އިމާރާތްތަކުގައި ކަމަށް ވާތީ، އެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ ހދ. މަކުނުދޫން އިފްރާޒް އަލީ

ގިނަ ރަށްރަށުގެ ކައުންސިލްތައް އަދިވެސް ހިންގަނީ ވަރަށް ބާ އިމާރާތްތަކުގައި ކަމަށް ވާތީ، އެ އިދާރާތަކުން އާންމުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކައުންސިލްތަކުގެ އާ އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު ފަހު ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކާ ވެސް ބައްދަލުކުރެއްވުމަށް ކުރާ މި ދަތުރުފުޅުގައި އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ ގިނަ ރަށްރަށުގައި އަދިވެސް ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ވަރަށް ބާ އިމާރާތްތަކުގައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހދ. މަކުނުދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހދ. މަކުނުދޫން މަރުހަބާ ކިޔަނީ.-- ފޮޓޯ: ރައީސް އޮފީސް

ކައުންސިލްތައް އުފެއްދި ފަހުން މިދިޔަ 13 އަހަރުގެ ތެރޭގައި ވަރަށް މަދު ރަށެއްގައި ނޫނީ ކައުންސިލްތައް ހިންގަން ޒަމާނީ އޮފީސް އިމާރާތްތަކެއް އަޅާދީފައި ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެހެންވެ، ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ. އެއީ ބަޖެޓުގައި ނެތް މަޝްރޫއަކަށް ވާތީ، އެ މަސައްކަތް ކުރާނީ އިންވެސްޓާ ފައިނޭންސިން މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 50 ރަށެއްގައި ރަށު ކައުންސިލް އޮފީސް އަޅުގަނޑުމެން ގާއިމްކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭގައި އެއް ފަހަރާ 50 ރަށުގައި މަސައްކަތް ފަށާނަން."

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. މަކުނުދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާ.-- ފޮޓޯ: ރައީސް އޮފީސް

އެ 50 ރަށް ހިޔާރުކުރުމުގައި އިސްކަންދޭނީ މިހާރު އެންމެ ގިނަ ދުވަސްވެ، އިމާރާތް ބޮޑަށް ހަލާކުވެފައި ހުރި، ޖާގަ ކުޑަ އަދި ބޮޑު އާބާދީއަކަށް ހިދުމަތް ދޭން ޖެހޭ ކައުންސިލްތަކަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އެގޮތަށް ވިދާޅުވި އިރު މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ދުވަހެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ކައުންސިލްތަކަށް ހާއްސަ ސަމާލުކަމެއް ދޭނެ އެވެ. ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފައްދައި، އެ މިނިސްޓްރީގެ ދަށުން މުހިންމު މަސައްކަތްތަކެއް ފައްޓަވާފައި ވަނީ އެ މަގުސަދުގައި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.