Roadha Mihaaru
ބިލަށް އަމަލުނުކުރާ ނަމަ އީސީގެ މެންބަރުން ވަކިކުރަނީ

އިންތިހާބުގެ ބިލަށް އަމަލުނުކުރާ ނަމަ އީސީގެ މެންބަރުން ވަކިކުރާނަން: އެމްޑީޕީ

28 ފެބުރުއަރީ 2024

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ދެ ވަނަ ފާސްކުރި ނިންމުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިހުތިރާމް ނުކުރާ ނަމަ އެ ކޮމިޝަންގެ މެންބަރުން ވަކި ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީން މިއަދު ދީފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސްކޮށް، ރޯދަމަސް ތެރޭގައި އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ދެ ވަނަ ފާސްކުރި ނިންމުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން އިހުތިރާމް ނުކުރާ ނަމަ އެ ކޮމިޝަންގެ މެންބަރުން ވަކި ކުރާނެ ކަމުގެ އިންޒާރު އިދިކޮޅު އެމްޑީޕީން މިއަދު ދީފި އެވެ.

ރައްޔިތުންގެ މަޖިލިހުގައި އަޣުލަބިއްޔަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލަށް އަމަލު ނުކުރާ ނަމަ އިލެކްޝަން ކޮމިޝަންގެ މެންބަރުން މަޖިލިހުގެ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީކުރުވާނެ ކަމަށެވެ.

"އެކަން އެ ގޮތަށް ވާ ތަން ނުފެންނަ ކަމަށްވާ ނަމަ އަޅުގަނޑުމެން މި ތިބީ ތައްޔާރަށް އިލެކްޝަން ކޮމިޝަންގެ އިތުބާރު ނެތް ކަމުގެ ވޯޓަކާ ހަމައަށް ދާން ވެސް،" ސަލީމް ވިދާޅުވި އެވެ.

އެއީ ގައުމު ހަމަ މަގަށް އެޅުމަށްޓަކައި ސަލީމް ވިދާޅުވި ގޮތުގައި، ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ބުނެފައި ވަނީ މަޖިލީހުން ދެ ވަނަ ފަހަރަށް ބިލް ފާސްކޮށްފި ނަމަ އެ އަށް އަމަލު ކުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބިލް އަނބުރާ ފޮނުވައިލެއްމުން އެއްވެސް ބަދަލެއް ނުގެނެސް އަލުން ފާސްކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލިހަށް ލިބެ އެވެ. އެގޮތަށް ދެ ވަނަ ފަހަރަށް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ބިލު ފާސް ކޮށްފި ނަމަ ރައީސް އެ ބިލް ތަސްދީގު ކުރައްވަން ޖެހިވަޑައިގަންނަވަ އެވެ. އެކަމަށް ވަކި މުއްދަތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައެއް ނެތެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި މަޖިލީހުން ދެ ވަނަ ފަހަރަށް ފާސްކުރި ބިލެއް ތަސްދީގު ނުކޮށް ލަސްކުރުމުން ރައީސް މުއިއްޒުގެ މިހާރުގެ ސްޕެޝަލް އެޑްވައިޒަރު އަދި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވި އެވެ. އެ މައްސަލާގެ ހުކުމްގައި ބުނެފައިވަނީ އިންސާނީ ބާރު ނުފޯރާ ފަދަ އިހުތިޔާރުން ބޭރު ސަބަބެއް މެދުވެރިވެގެން މެނުވީ ލަސްކުރުމަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީގު ކުރަން ވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ އަންނަ މަހުގެ 17 ގައި މަޖިލިސް އިންތިހާބު ބާއްވާށެވެ. އެކަމަކު، އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސް ޕާޓީން ބޭނުންވަނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން އިންތިހާބު ބާއްވާށެވެ. އެހެންވެ، އެ ދެ ޕާޓީން ބޭނުންވާ ގޮތަށް ގާނޫނަށް އިސްލާހު ގެނެސް އެ ބޭފުޅުންގެ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލިހުން ފާސްކުރީ އެވެ.

އެ ބިލް ތަސްދީގު ނުކުރަން ރައީސް ނިންމެވީ މައިގަނޑު ފަސް ސަބަބެއްގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. އެ ބިލް މިހާރު އޮތް ގޮތުން ގާނޫނުއަސާސީގެ ބައެއް މާއްދާތަކާ ފުށުއަރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު އެމްޑީޕީން އިންތިހާބާ ބެހޭ ގާނޫނަށް ގެނައި އިސްލާހު އޮތީ ރޯދަމަހުގެ ފަހުން އިންތިހާބު ބާއްވާ ގޮތަށެވެ. ރޯދަމަހު އިންތިހާބުތައް ނުބާއްވާ ގޮތަށް ގާނޫނަށް އެ އިސްލާހު ގެނައީ ވެސް މަޖިލިސް އިންތިހާބު ފަސްކުރުމަށެވެ. އިދިކޮޅުން ގާނޫނަށް މި އިސްލާހު ގެނައީ، ގައުމީ ލަފާ ދޭ ކޮމިޓީގެ މަޝްވަރާއާ އެކު އިންތިހާބުގެ ތާރީހުތައް ކަނޑައަޅައި ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އިންތިހާބު ބާއްވަން އީސީން ތައްޔާރުވެފައި ވަނިކޮށެވެ.

ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން އިންތިހާބު ބާއްވަން ޖެހޭނީ މި އަހަރުގެ އޭޕްރީލް 20 ގަ އެވެ. ރައީސް މުއިއްޒު އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންތިހާބާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކުގައި އިންތިހާބު ލަސްނުކުރައްވާނެ ކަމުގެ އިޝާރާތެއް ވަނީ ދެއްވައިފަ އެވެ.

ރޯދަމަސް ތެރޭގައި އިންތިހާބު ބޭއްވުމަކީ އީސީގެ ވެސް ކަންބޮޑުވާ މައްސަލައެކެވެ. އެއީ، އެ ކޮމިޝަންގެ މެންބަރުން މަޖިލީހުގައި ވިދާޅުވި ގޮތުގައި ރޯދަމަސް ތެރޭގައި އިންތިހާބު ބާއްވައިފި ނަމަ ވޯޓު ލާން ނުކުންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދު ވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ. އޮފިޝަލުން ހޯދުމާއި ތަމްރީން ކުރުމާއި އެހެނިހެން މަސައްކަތްތަކަށް ވެސް ވަރަށް އުނދަގޫ ވާނެ ކަމަށް އެ ކޮމިޝަނުން ގަބޫލު ކުރެ އެވެ.