Roadha Mihaaru
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް

ރޯދަމަހުގެ ތައްޔާރީތައް: އެސްޓީއޯ އިން ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ސްޓޮކް ބާޒާރަށް ނެރެފި

29 ފެބުރުއަރީ 2024

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް، އެސްޓީއޯ އިން ގެނައި ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ސްޓޮކް ބާޒާރަށް ނެރެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރިއަށް އޮތް ރޯދަ މަހަށް ހާއްސަކޮށް، އެސްޓީއޯ އިން ގެނައި ފިޔާ، އަލުވި އަދި ބިހުގެ ފުރަތަމަ ސްޓޮކް ބާޒާރަށް ނެރެފި އެވެ.

އެ ކުންފުނިން މިއަދު ބުނީ، ރޯދަމަހަށް ފިޔާ ވިއްކަނީ ކިލޯއެއް 20ރ. އަށް ކަމަށެވެ. އަލުވި ކިލޯއެއް 15ރ. އަށް ވިއްކާ އިރު ބިހެއް ވިއްކަނީ 1.75 ރުފިޔާ އެވެ.

އަންނަ މަހުގެ 11 ގައި ފަށާ ރޯދަމަހަށް އެއްވެސް ދަތިކަމެއް ނެތި، އެ ބާވަތްތައް ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެސްޓީއޯގެ ފިހާރަތަކުން ރީޓެއިލްކޮށް އަދި ހޯލްސޭލްކޮށް ވެސް ފިޔާ އާއި އަލުވި އަދި ބިސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ފިހާރައިންނާއި ހޯލްސޭލް ސެންޓަރުން އެ ތަކެތި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޓީއޯގެ ކޯޕަރޭޓް ބްރޭންޑިން އޮފިސަރު ޔޫސުފް ޝާހު ވިދާޅުވީ، ރޯދަމަހަށް ހާއްސަކޮށް، އާންމުކޮށް އެންމެ ބޭނުންވާ އެހެން ބައެއް ތަކެތި ވެސް ގެނައުމަށް މަސައްކަތް ކުރާ ކަމަށެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލައި ބޮޑަށް ބާޒާރުގައި އަގު އުފުލޭ ބާވަތްތައް ގެންނަން ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ކެރެޓާއި ލުބޯ އާއި ފިނިކުރި ކުކުޅުގެ އަގު ވެސް ވަނީ އުފުލިފަ އެވެ. އެހެންވެ، ކުރިއަށް އޮތް ތަނުގައި ރޯދަމަހަށް ހާއްސަކޮށް އެ ބާވަތްތައް ވެސް އެސްޓީއޯ އިން ބާޒާރަށް ނެރުމުގެ ފުރުސަތު ބޮޑެވެ.