Roadha Mihaaru
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި

އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ހޯލްސޭލް އަގު އިތުރަށް ހެޔޮކޮށްފި

16 މާޗް 2023

ރޯދައާ ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދައާ ދިމާކޮށް އެސްޓީއޯއިން ހޯލްސޭލްކޮށް ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު އިތުރަށް ހެޔޮކޮށްފި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އެސްޓީއޯއިން ހޯލްސޭލްކޮށް ފިޔާ އަދި އަލުވި ބަސްތާގެ އަގާއި ބިސް ކޭހުގެ އަގު ވަނީ ފަސް ޕަސެންޓް ހެޔޮކޮށްފައި ކަމަށެވެ.

ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު މިއަދުން ފެށިގެން ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ހޯލްސޭލް އަގު އިތުރަށް ހެޔޮ ކުރީ ކަސްޓަމަރުންނަށް ވީ އެންމެ ހެޔޮ އަގުގައި ފަސޭހަކަމާ އެކު މި ބާވަތްތައް ރޯދަ މަހު ލިބޭނެ ގޮތް ހެދުމަށެވެ.

އެސްޓީއޯ އިން ބުނީ ފިޔާ، އަލުވި ބިސް ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް އިންޑަސްޓްރިއަލް ޒޯނުން، އިންވޮއިސް ކޮށްގެން ވަގުތުން ގަނެވޭނެ ކަމަށެވެ.

އެސްޓީއޯ އިން އިންޑަސްޓްރިއަލް ޒޯނުގައި މުދާ ވިއްކަނީ.

އެސްޓީއޯ އިން އިންޑަސްޓްރިއަލް ޒޯނުގައި މުދާ ވިއްކަނީ.

އެ ތަކެތި ރީޓެއިލްކޮށް މި ވަގުތު ލިބެން ހުންނާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުންނެވެ. ވިޔަފާރިވެރިންނަށް ހާއްސަކޮށް، ހޯލްސޭލްކޮށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ވިލެޖުންނާއި ހުޅުމާލޭގެ ރޯދަ މާޓުން ލިބޭނެ އެވެ.

ފިޔާ، އަލުވި އަދި ބިސް ލިބެން ހުންނާނެ ރީޓެއިލް އަގުތައް:

- އަލުވި ކިލޯއެއް: 11ރ. އަށް - ފިޔާ ކިލޯއެއް: 9ރ. އަށް - ބިހެއް: 1.75ރ. އަށް

އެސްޓީއޯ އިން ވިއްކާ ފިޔާ، އަލުވި އަދި ބިހުގެ އަގު މި ފަހަރުގެ ރޯދަމަހަށް ބޮޑުވިޔަ ނުދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ނިންމާފައިވާ އިރު ހޯލްސޭލް ކަސްޓަމަރުންނަށް ފަސޭހައިން އެތަކެތި ލިބޭނެ ކަމަށް ބުންޏެވެ.

އަންނަ ހަފްތާގެ ބުރާސްފަތި ދުވަހަކީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހެވެ.

ރީޓެއިލްކޮށް ވިއްކާ ބާވަތްތަކުގެ ތެރެއިން އެސްޓީއޯ އިން ފިޔާ ވިއްކާ އަގަކީ މިދިޔަ ތިން އަހަރު ވެސް ފިޔާގެ އަގު ބާޒާރުގައި ދަށަށް ނުދާ ވަރެކެވެ. ފިޔާ ކިލޯއެއްގެ އަގު މިދިޔަ ތިން އަހަރު އެވްރެޖުކޮށް ހުރީ 12ރ. އާއި 20ރ. އާ ދެމެދުގެ އަގެއްގަ އެވެ. އަދި ކުރީ އަހަރުގެ ރޯދަ މަހު ފިޔާ ކިލޯއެއް ވިއްކީ 14ރ. އަށެވެ. ފިޔާގެ އިތުރުން އަލުވީގެ އަގު ވެސް ވަނީ މިދިޔަ އަހަރު ރޯދަ މަހަށް ވުރެ ދެ ރުފިޔާ ހެޔޮކޮށްފަ އެވެ.

ކޮންމެ ރޯދަ މަހަކު ވެސް ފިޔާ، އަލުވި އަދި ބިހަކީ ކަސްޓަމަރުންގެ އެންމެ ބޮޑު ޑިމާންޑް އުފުލޭ ތަކެއްޗެވެ. އެހެންވެ އޭގެ އަގު ބާޒާރުގައި އެއް ހަމައެއްގައި ހިފެހެއްޓުމަށް ވޭތުވެދިޔަ އަހަރުތަކުގައި ވެސް ރޯދަމަހަށް ހާއްސަ ސްޓޮކް ގެނެސް ގެން އެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރެ އެވެ.