Roadha Mihaaru
ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި

27 މައްސަލައެއް ބަލައި، ވާދޫގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑްކޮށްފި

29 ފެބުރުއަރީ 2024

ގދ. ވާދޫ ކައުންސިލްގެ ހާއްސަ އިންކްއަރީއެއް ހެދުމަށް ފަހު ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ގދ. ވާދޫ ކައުންސިލްގެ ހާއްސަ އިންކްއަރީއެއް ހެދުމަށް ފަހު ފިޔަވަޅެއްގެ ގޮތުން އެ ކައުންސިލްގެ ހުރިހާ ކައުންސިލަރުން މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކުރަން ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމައިފި އެވެ.

އެލްޖީއޭ އިން ހެދި އިންކްއަރީގައި 27 މައްސަލައެއް ބަލައިފައިވެ އެވެ. މައްސަލަތައް ބެލުމުގައި މުވައްޒަފުންގެ ބަޔާން ނަގައި، ލިޔެކިޔުންތައް ހޯދާފައިވެ އެވެ. އަދި ޖަވާބުދާރީވާން ކައުންސިލަރުންނަށް ފުރުސަތު ވެސް ދީފައިވެ އެވެ.

އިންކްއަރީން ހާމަވީ، އެލްޖީއޭ އިން ބުނި ގޮތުގައި ކައުންސިލަރުން މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ ގޮތަކަށް އަދާނުކުރާ ކަމާއި ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމެވެ. އަދި ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚީލާފަށް ކައުންސިލަރުންގެ ޢަމަލުތައް ބަހައްޓާފައިވާ ކަން ކަމަށް އެލްޖީއޭއިން ބުންޏެވެ.

"..އޭގެ ތެރެއިން ބައެއް އަމަލުތައް ތަކުރާރުކޮށްފައިވާކަން އެނގެން އޮތަތީ، މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ކުޑަބޮޑު މިނާއި، ގދ. ވާދޫ ކައުންސިލަރުންނާ ގުޅޭގޮތުން މި އިންކުއަރީން ފާހަގަކުރެވިފައިވާ ކަންކަމުގެ ސަބަބުން ކައުންސިލަށާއި ލާމަރުކަޒީ ނިޒާމަށް ނުހަނު ގެއްލުން ލިބޭނެ،" އިންކްއަރީއަށް ފަހު އެލްޖީއޭ އިން ގެޒެޓްކުރި ލިޔުމުގައިވެ އެވެ.

އެލްޖީއޭ ކައުންސިލަރުންގެ މައްޗަށް އަޅާ ފިޔަވަޅެއްގެ ގޮތުން ވާދާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި ކައުންސިލް މެންބަރު މުހައްމަދު ޝިފާގް ތިން މަހަށް، ހާޝިރު މުހައްމަދާއި ސާރާ މުހައްމަދު ދެ މަހަށް އަދި މާރިޔަތު އިބްރާހީމް އެއް މަސް ދުވަހަށް ސަސްޕެންޑް ކުރަން ވަނީ ނިންމައިފަ އެވެ.

ކައުންސިލް އިދާރާގެ އިދާރީ މުވައްޒަފުންގެ މައްސަލަ ބަލާ، މުވައްޒަފުންގެ އިހުމާލެއްވާ ނަމަ އެކަންކަމަށް ޒިންމާވާ މުވައްޒަފުންނަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާ ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭ އިން ވަނީ ނިންމައިފަ އެވެ.