Roadha Mihaaru
ވާދޫ ކައުންސިލްގައި ޒާތީ ކޯޅުން ބޮޑުވެ ހުއްޓުމަކަށް!

ވާދޫ ކައުންސިލްގައި ޒާތީ ކޯޅުން ބޮޑުވެ ކައުންސިލް ހުއްޓުމަކަށް!

10 ޖެނުއަރީ 2024

ގދ. ވާދޫ ކައުންސިލްގައި ކައުންސިލަރުންނާއި އެހެން މުވައްޒަފުންގެ މެދުގައި ޒާތީ ކޯޅުން ބޮޑުވެ، އިދާރީ ހިންގުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގދ. ވާދޫ ކައުންސިލްގައި ކައުންސިލަރުންނާއި އެހެން މުވައްޒަފުންގެ މެދުގައި ޒާތީ ކޯޅުން ބޮޑުވެ، އިދާރީ ހިންގުން ހުއްޓުމަކަށް އަތުވެއްޖެ އެވެ.

އެ މައްސަލަ ހައްލުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ވެސް އިއްޔެ ވަނީ މަޝްވަރާކޮށްފަ އެވެ. އެ މަޝްވަރާތަކަށް ފަހު އެލްޖީއޭ އިން ނިންމީ ވާދޫ ކައުންސިލުގެ އިންކުއަރީއެއް ހަދަން ކަމަށް އެ އޮތޯރިޓީން މިއަދު ބުންޏެވެ.

އެލްޖީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ވާދޫ ކައުންސިލުގެ މައްސަލަތައް ހައްލުކުރަން އިދާރީ ގޮތުން އެކަށީގެންވާ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އެ މައްސަލަ އަދިވެސް ހައްލު ނުވާ ކަމަށެވެ.

ވާދޫ ކައުންސިލުގައި އަހްލާގީ އަދި ސުލޫކީ ގިނަ މައްސަލަތަކެއް ދިމާވެ މުޅި ކައުންސިލްގެ ހިންގުން ހުއްޓި، މަސައްކަތްކުރާނެ މާހައުލެއް ނެތި، އާންމުންނަށް ދޭން ޖެހޭ ހިދުމަތްތައް ވެސް ހުއްޓިފައިވާ ކަމަށް އެލްޖީއޭގެ ނޫސްބަޔާނުގައި ބުންޏެވެ.

މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ޓީމެއް ވެސް ވަނީ މިދިޔަ ހަފުތާގައި އެ ރަށަށް ގޮސް ތަހުގީގެއް ހިންގައިފަ އެވެ.

އެނގިފައިވާ ގޮތުގައި، ކައުންސިލްގެ މުވައްޒަފުން އެކަކު އަނެކަކަށް ޖެއްސުން ކުރުމާއި ހަޑިހުތުރު ބަސްތަކުން މުއާމަލާތްކުރުމާއި ޒާތީ ގޮތުން ޖައްސާލައި އެއްޗެހި ކިޔުން ކަހަލަ ގިނަ މައްސަލަތަކެއް ވަނީ ހިނގައިފަ އެވެ. އަދި ވާހަކަދައްކައިގެން ވެސް ކަންކަން ހައްލު ނުވާ ހިސާބަށް މައްސަލަތައް ހޫނުވެފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

ވާދޫ ކައުންސިލުގައި ފަސް މެމްބަރުން ތިބެ އެވެ. އޭގެ ތެރެއިން އެއް މެމްބަރު ފިޔަވާ އެންމެނަކީ އަމިއްލަ މެމްބަރުންނެވެ. ދެން ހުންނަވަނީ ޑިމޮކްރެޓްސްގެ މެމްބަރެކެވެ.