Roadha Mihaaru
މިއަހަރު 100 މިލިއަން ސޮވަރިން ފަންޑަށް ޖަމާކުރެެވޭނެ

މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ސޮވަރިން ފަންޑަށް ޖަމާކުރެވޭނެ: ރައީސް

02 މާޗް 2024

މި އަހަރު ނިމޭއިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 100 މިލިއަން ޑޮލަރު ޖަމާ ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ރ. އަލިފުށިން ނާޒިމް ހަސަން

މި އަހަރު ނިމޭއިރު ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް 100 މިލިއަން ޑޮލަރު ޖަމާ ކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސޮވަރިން ޑިވެލޮޕްމެންޓް ފަންޑަށް ޑޮލަރު ޖަމާކުރުމުގެ މަސައްކަތް ވަރަށް އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމަށާއި މިހާރު ވެސް 30 މިލިއަން ޑޮލަރު އެ ފަންޑަށް ޖަމާކޮށްފައިވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު 100 މިލިއަނެއްހާ ޑޮލަރު ފަންޑަށް ޖަމާކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2026 ވަނަ އަހަރު ރާއްޖެއިން އަދާކުރަން ޖެހޭ ބޭރުގެ ދަރަނިތަކެއް ހުރިއިރު އިގުތިސޯދު ފުޅާކުރުމަކީ މި ވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އިންވެސްޓަރުންގެ ޔަގީންކަން ހޯދައި، އާމްދަނީ އިތުރު ކުރެވޭނެ ގިނަ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ ތެރެއިން ޓެކްސް ބޭސް ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނި އަދާކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު އުފެއްްދި އެސްޑީއެފްގައި ހުރި ޑޮލަރު ކޮވިޑާ ގުޅިގެން މާރުކުރުމުން، މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް އެ ފަންޑުގެ ބޮޑުބައި ހުރީ ރުފިޔާއިންނެވެ. ފަންޑުގައި ހުރި ހުރިހާ ފައިސާއެއް ޑޮލަރަށް ބަދަލު ކުރުމަކީ މި ސަރުކާރުގެ "ހަފްތާ 14" ގެ ދަށުން ކުރަން ނިންމާފައިވާ ކަމެކެވެ.

ފިނޭންސް އިން މީގެ މަހެއްހާ ދުވަސް ކުރިން ބުނެފައިވާ ގޮތުގައި މިހާރު ފަންޑަށް ފައިސާ ޖަމާކުރަނީ ޑޮލަރުންނެވެ.

އެސްޑީއެފްގައި ހުރި ފައިސާގެ ތެރެއިން 80 ޕަސެންޓް ހުރީ ޓީބިލުގައި އިންވެސްޓްކޮށްފަ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން މިއަހަރު އެސްޑީއެފަށް 1.2 ބިލިއަން ރުފިޔާ ޖަމާކުރާނެ އެވެ. ބަޖެޓު ފޮތުގައިވާ ގޮތުން ސޮވެރިން ޑިވެލޮޕްމެންޓަށް ޖަމާކުރާ ފައިސާގެ ތެރެއިން 3.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ބޭނުން ކުރާނެ އެވެ.

ރައީސް، ރ. އަލިފުށީގައި ވާހަކަފުޅު ދައްކަވަނީ: މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ސޮވަރިން ފަންޑަށް ޖަމާކުރެވޭނެ ކަމަށް ވިދާޅުވި --

ރައީސް، ރ. އަލިފުށީގައި ވާހަކަފުޅު ދައްކަވަނީ: މި އަހަރު ނިމޭއިރު 100 މިލިއަން ޑޮލަރު ސޮވަރިން ފަންޑަށް ޖަމާކުރެވޭނެ ކަމަށް ވިދާޅުވި --

ދަރަނި އަދާކުރަން ސީދާގޮތުން 2025 ވަނަ އަހަރު 8.2 ބިލިއަން ރުފިޔާ ހޭދަކުރާ އިރު، އެސްޑީއެފް އިން 3.8 ބިލިއަން ރުފިޔާ އެ އަހަރު ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 2026 ވަނަ އަހަރުގެ ބޮޑު ދަރަނީގެ ގޮތުގައި ސީދާ ގޮތުން 9.8 ބިލިއަން ރުފިޔާ ދައްކަން ޖެހޭ އިރު އެސްޑީއެފް އިން ބޭނުން ދަރަނި ދެއްކުމަށް ނަގާ 3.8 ބިލިއަން ރުފިޔާގެ އިތުރުން އެ އަހަރު ވެސް އިތުރު ބޮންޑެއް ނުވަތަ ސުކޫކެއް ވިއްކައިގެން، ދަރަނި ރީފައިނޭންސް ކުރަން ވަނީ ނިންމައިފަ އެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމޭ އިރު އެ ފަންޑުގައި 9.7 ބިލިއަން ރުފިޔާ ހުރުމެވެ. ދަރަނި އަދާކުރަން އެސްޑީއެފްގެ ބޮޑު ބައި 2025 އާއި 2026 ގައި ބޭނުން ކުރާ އިރު މިވަގުތު ދައުލަތުގެ ދަރަނި ހުރީ 120 ބިލިއަން ރުފިޔާގަ އެވެ.

އިގުތިސާދު ފުޅާކުރަމުން މަޝްރޫއުތައް ނިންމައިދޭނަން: ރައީސް

އަލިފުށީގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ރައްޔިތުންނަށް ވީ ހުރިހާ ވައުދެއް ފުއްދުމަށް އެމަނިކުފާނު ވަރަށް އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ރައްޔިތުން ތިބި ނާއުއްމީދުގެ ތެރެއިން އުއްމީދެއް ގެނެސްދިނުމަކީ ލިބޭނެ ބޮޑު ފަހުރު ކަމަށެވެ.

ރައްޔިތުން އެންމެ އެދޭ ކަމަކީ، އަލިފުށީ އެއާޕޯޓް މަސައްކަތް އަވަހަށް ނިންމުން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެއާޕޯޓްގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް އެކަން ނިންމައިދޭނެ ކަމަށެވެ. އަދި އެއާޕޯޓާ އެކު ހިއްކާ ބިން އިތުރުކޮށް ސިނާއީ ސަރަަހައްދެއް ވެސް ގާއިމްކޮށް ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަލިފުށީ ސިއްހީ މަރުކަޒު، ޒަމާނީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދު ފުއްދަވާނެ ކަމަށް ވެސް މިއަދު ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ހުރިހާ މަޝްރޫއުއެއް ކުރިއަށް ގެންގޮސް ނިންމައިދޭނަން. މި އަހަރު ފަށަން ހުރި ހުރިހާ ކަމެއް މި އަހަރު ފަށާނަން. އިގުތިސޯދު ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް މި ގެންދަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސަށް އަލިފުށިން މަރުހަބާ ދަންނަވަނީ: މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި

ރައީސަށް އަލިފުށިން މަރުހަބާ ދަންނަވަނީ: މަޝްރޫއުތައް ކުރިއަށް ގެންގޮސް ނިންމައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި

ރައީސް. ވިދާޅުވީ މި އަހަރަށް ލަފާކުރި ބަޖެޓް މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ހުށަހަޅައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މީގެކުރިން ދުވަހަކު ވެސް ރާއްޖޭގައި އަމަލުކޮށްފައިވާ ގޮތަކަށް ނޫން ކަމަށެވެ. އެމަނިކުފާނު ވައުދުވި މަޝްރޫއުތައް ބަޖެޓްގައި ހިމަނާފައިވަނީ ނަމަކަށް ކަމަށާއި އެ މަޝްރޫއުތައް ފެށޭ މިންވަރަށް ވެސް ބަޖެޓް ކޮށްދީފައި ނެތް ކަމަށް ވިދާޅުވި އެވެ.

"ބައެއް ރަށްތަކުގައި އެބަހުރި ނަމަކަށް، މިސާލަކަށް ބަނދަރުގެ މަޝްރޫއު ހިމެނިޔަސް، އެއް މިލިއަން ރުފިޔާ ޖަހާފައި ބަޖެޓް ފާސްކޮށްފައި. ހިނގަމުންދާ މަޝްރޫއެއް ނިންމަން އެކަށީގެންވާ ފައިސާ ޖަހާފައެއް ނެތް. މިއީ މީގެކުރިން ރާއްޖޭގައި ބަޖެޓް ފާސްކުރި ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެހެންނަމަވެސް، އިތުރު ގޮތްތައް ހޯދައިގެން، އާމްދަނީ އިތުރުކޮށްގެން ވިޔަސް މި ސަރުކާރުން ރައްޔިތުން ބޭނުންވާ މަޝްރޫއުތައް ފަށައި، ނިންމައިދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތްތައް ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވި އެވެ.