Roadha Mihaaru
ފަޅު ރަށްތައް ކައުންސިލްތަކަށް 25 އަހަރަށް ދޫކުރަނީ

ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރު ކުރަނީ

02 މާޗް 2024

ލޯކަލް ކައުންސިލްތަކަށް ރަށުގެ އިހްތިސޯސް ބޭރުން ދޫކުރާ ފަޅު ރަށްތަކުގެ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ރ. މީދޫ އިން ނާޒިމް ހަސަން

ލޯކަލް ކައުންސިލްތަކަށް ރަށުގެ އިހްތިސޯސް ބޭރުން ދޫކުރާ ފަޅު ރަށްތަކުގެ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރު ކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ރ. މީދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ އިއުލާންގައި ފަޅު ރަށްތައް ދޫކުރާނީ 10 އަހަރަށް ބުނެފައިވީ ނަމަވެސް، އެ މުއްދަތު 25 އަހަރަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

"އޭރުން އެ ލިބޭ ފަޅު ރަށް ބޭނުން ކުރެވޭނެ ފުދޭ ވަރެއްގެ ބޮޑު އިންވެސްޓްމެންޓެއް ކުރަން. 25 އަހަރަށް ފަޅު ރަށްތައް ލިބޭނެ. އަދި ގާނޫނު އޮތް ގޮތުން އެއަށް ވުރެ ވެސް އިތުރު ކުރެވޭނެ. 50 އަހަރަށް ވެސް ގެންދެވޭނެ ފުރުސަތު ހޯދޭނެ،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް ވެސް ރައްޔިތުންގެ ފައިދާއަށްޓަކައި ކައުންސިލްތަކަށް ދޫކުރެވޭ ގޮތަށް އާންމުކުރި ގަވައިދުގައި ހުޅުވާލީ 26 ރަށަކަށް ކުރިމަތިލުމަށެވެ. ހުރިހާ ރަށަކަށް ވެސް އެ ފަޅު ރަށްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިތުރު ފަޅު ރަށްތަކަށް ވެސް ހުޅުވާލާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭ މިންވަރަށް ރަށްތަކަށް އެދެން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިގޮތަށް ރަށްތައް ދޫކުރާއިރު އެ ރަށްތަކަކީ އެހެން ވެސް މިނިސްޓްރީއަކަށް ނޫނީ އަމިއްލަ ބަޔަކަށް ދީފައި އޮތް ރަށެއް ނޫން ކަން ނުވަތަ ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރަށެއް ނޫން ކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ފަޅު ރަށްތައް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. އަދި ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.

ރައީސް މިރޭ މީދޫ ގައި ވާހަކަފުޅު ދައްކަވަނީ: ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރު ކުރާނެ ކަމަށް ވިދާޅުވި

ރައީސް މިރޭ މީދޫ ގައި ވާހަކަފުޅު ދައްކަވަނީ: ފަޅު ރަށްތައް ކައުންސިލްތަކަށް ދޫކުރާ މުއްދަތު 25 އަހަރަށް އިތުރު ކުރާނެ ކަމަށް ވިދާޅުވި

އެ ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅު ރަށްތައް ދޫކުރާނީ ޕްރޮޕޯސަލް ހުށައެޅުމުން ވަޒަންކުރުމަށް ފަހުގަ އެވެ. ފަޅު ރަށެއް ހޯދުމަށް ކައުންސިލްތަކުން ޕްރޮޕޯސަލް ހުށަހެޅުމުގެ ކުރިން ރަށުގެ ރައްޔިތުންނާ މަޝްވަރާކޮށް ރައްޔިތުންގެ ބައްދަލުވުމަކުން ފާސްކުރަން ޖެހޭނެ އެވެ. އަދި ކައުންސިލަށް ރަށް ދޫކުރަށް އެ އަތޮޅެއްގެ އަތޮޅު ކައުންސިލުގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ހަމައެކަނި ފަޅު ރަށްތައް ކައުންސިލަށް ދޫކުރީ ރައްޔިތުންނަށް އެ ރަށްރަށުގައި ކުރެވެނީ މަދު ކަންތައްތަކެއް ކަމަށް ވިޔަސް، އާ ގަވާއިދުގެ ދަށުން އެފަދަ ރަށްރަށުގައި ގިނަ ކަންތައްތަކެއް ކުރެވޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއީ:

- ގަސް ހެއްދުން ނުވަތަ ކާބޯތަކެތި ހެއްދުން

- ތަކެތި ގުދަންކުރުން

- ކުކުޅާއި ގެރިބަކަރި އަދި ދޫނި ގެންގުޅުން

- މަސް ކައްކައި ހިއްކުން

- ލޮނުމަހުގެ މަސައްކަތް ކުރުން

- ފަރުދީ ފެންވަރުގައި ހުއިފިލަނޑާ ކައްކައި ހިއްކުން

- އެކުއަކަލްޗާގެ މަސައްކަތް ކުރުން

- ފާނަކޮށިއެޅުމާއި ފާނައިގެ މަސްވެރިކަން ކުރުން/ ދިރޭމަސް ގެންގުޅުން

- އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރުން

- ފައިބަރާއި ވަޑާމާއި އެޅިގަލުގެ މަސައްކަތާއި ވޯކްޝޮޕްތައް ހެދުން

- ދަތުރުދިޔުމާއި މޫދުކުޅިވަރުގެ ހދުމަތް ދިނުން

- ލުއި ބުއިން ނުވަތަ ލުއި ކެއުން ތައްޔާރުކޮށް ވިއްކުން

ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުން އެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.