Roadha Mihaaru

ރޯދަމަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ރަށްރަށުގައި ބަހަން ފަށައިފި

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ނިންމި މަސްދަޅު ކޭސް ރަށްރަށުގައި ބަހަން ފަށައިފި އެވެ.

ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

10 ފެބުރުއަރީ 2025

ކުރިއަށް އޮތް ރޯދަމަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ނިންމި މަސްދަޅު ކޭސް ރަށްރަށުގައި ބަހަން ފަށައިފި އެވެ.

ލޯކަލް ގަވަނެންސް މިނިސްޓްރީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމުގެ ދަށުން، ރޯދަމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ މަސްދަޅު ކޭސްތައް ބަހަން ހދ. އަތޮޅުގައި މިއަދު ފަށާފައިވާ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރު އަލީ ޝަމީމް "ސަރުކާރު" ވެބްސައިޓަށް ވިދާޅުވީ ހދ. ކުޅުދުއްފުއްޓާއި އެ އަތޮޅު ނޮޅިވަރަންފަރާއި ހަނިމާދު އަދި ކުރިނބީގެ ގެތަކަށް މަސްދަޅު ކޭސް ބަހައި މިހާރު ނިންމާފައިވާ ކަމަށެވެ.

މަސްދަޅު ކޭސް ނުލިބި ހުރި ހދ. އަތޮޅުގެ ރަށްތަކަށް މި ހަފުތާގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށްރަށުގެ ގޭބިސީތަކަށް މަސްދަޅު ބަހަނީ އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށެވެ.

ހދ. ގެ ރަށްރަށަށް ރޯދަ ހަދިޔާ ހިފައިގެން ދަތުރުކުރާ ދޯނި މިއަދު ވެސް އެ މަސައްކަތުގައި އުޅޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މާލެ ސަރަހައްދަށް މަސްދަޅު ކޭސް ބަހަނީ އެސްޓީއޯ އިންނެވެ. އެ މަސައްކަތް ފަށަން އެސްޓީއޯ އިން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެކަމަކު ބަހަން ފަށާނެ ދުވަހެއް އަދި އިއުލާން ނުކުރެ އެވެ.

މި ފަހަރުގެ ރޯދަމަހަށް ކޮންމެ ގެއަކަށް 48 ދަޅުގެ މަސް ކޭހެއް ދިނުމަކީ ރައީސް މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވެވަޑައިގެންފައިވާ ވައުދެކެވެ.

މި ރޯދަމަހު މަސްދަޅު ކޭސް ގޭގެ އަށް ބަހާއިރު، މިދިޔަ އަހަރުގެ ރޯދަމަހު ސަރުކާރުން ވަނީ 82،000 ގޭބީސީއަކަށް 1.6 މިލިއަން ކިލޯގެ ކާޑުގެ ބާވަތްތައް ހިލޭ ދީފަ އެވެ. އަދި ކަރަންޓާއި ފެނުގެ ބިލުން 142 މިލިއަން ރުފިޔާގެ ޑިސްކައުންޓް ދީފައިވެ އެވެ.