Roadha Mihaaru
ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލެއް ނުކުރި

އެލްޖީއޭއިން އެންގި ގޮތަށް ކެނދިކުޅުދޫ ކައުންސިލުން ބަޔާން ބާތިލެއް ނުކުރި

04 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިޔަސް އެކަން އެގޮތަށް ނުކުރަން އެ ކައުންސިލުން ނިންމައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބެހޭ ގޮތުން ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށް ބުނެ، އެ އެންގުން ބާތިލުކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެންގިޔަސް އެކަން އެގޮތަށް ނުކުރަން އެ ކައުންސިލުން ނިންމައިފި އެވެ.

އިދިކޮޅު އެމްޑީޕީ މެންބަރު ހިމެނޭ އެ ކައުންސިލުން ބަޔާން ނެރުނީ ރައީސް މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށް ސަރުކާރު ކެންޑިޑޭޓުންނަށް ކެމްޕެއިނުކުރާ ކަމަށް ބުނެ އެކަން ކުށްވެރިކޮށެވެ.

އެކަމާ ގުޅިގެން އެލްޖީއޭ އިން އެ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފަށް ފޮނުވި ސިޓީގައި ވަނީ ކައުންސިލްތަކަށް މަތިކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ޒިންމާގެ ތެެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހިދުމަތްތަކާއި އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ. އެހެންވެ، ސަރުކާރުން ނިންމާ ނިންމުންތަކާ ދެކޮޅަށް ބަޔާން ނެރުމަކީ ކައުންސިލްތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ.

އެލްޖީއޭ އިން އެ ކައުންސިލަށް އަންގާފައި ވަނީ އެ ބަޔާން ބާތިލުކުރާށެވެ. އެކަމަކު އެ ކައުންސިލުގެ ރައީސް ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ ބަޔާން ބާތިލުކުރަންޖެހޭ ގާނޫނީ ސަބަބެއް ނެތަތީ އެ ބަޔާން ބާތިލްނުކުރަން ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ވަކި މެމްބަރެއްގެ ސޮއެއް ވެސް ނެތެވެ. އެހެންވެ، އެ ބަޔާނުގެ ސައްހަކަމާ މެދު އެލްޖީއޭ އިން ފޮނުވި ސިޓީގައި ވެސް ސުވާލު އުފެއްދި އެވެ. އެކަމަކު ކައުންސިލް މެމްބަރުން މިއަދު އޮފީހަށް ވަޑައިގެން ހިއްސާކުރެއްވި ފޮޓޯއިން ފެންނަނީ އެ ފަސް ބޭފުޅުން ވެސް އަނގަމަތީގައި ޓޭޕު އަޅައިގެން ތިއްބެވި ތަނެވެ. އަދި އެ ޓޭޕުގަނޑުގައި އެލްޖީއޭ ޖަހާފައި އިނެވެ.

ރައީސް ވަނީ މިދިޔަ ހަފްތާގައި ކެނދިކުޅުދޫ ހިމެނޭ ގޮތަށް އުތުރުގެ ހަތަރު އަތޮޅަށް ވެސް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫއަށް ވަޑައިގަތުމުން އެ ރަށު ކައުންސިލުން ވަނީ ހޫނު މަރުހަބާއެއް ވެސް ރައީސާއި ޓީމަށް ދަންނަވައިފަ އެވެ. އަދި ރައީސްއާ ބައްދަލުކުރައްވައި ރަށަށް ދިމާވެފައިވާ ކަންބޮޑުވުންތައް ވެސް ހިއްސާކުރެއްވި އެވެ.

އެކަމަކު އެ ކައުންސިލުން ބަޔާން ނެރުނީ، ކައުންސިލު ބައްދަލުވުމަށް ފަހު ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް މަޖިލިސް އިންތިހާބުގައި ތާއީދުކޮށްދެއްވުމަށް އެދިވަޑައިގަތުމުންނެވެ.