Roadha Mihaaru
ބަޔާން ބާތިލް ކުރުމަށް އެލްޖީއޭ އިން އަންގައިފި

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރުމަށް އެލްޖީއޭ އިން އަންގައިފި

03 މާޗް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށާއި އެ ބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، ރަސްމީ ދަތުރުފުޅެއްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕެއިނެއް ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނީ ހަގީގަތާ ހިލާފު ބަޔާނެއް ކަމަށާއި އެ ބަޔާން ބާތިލުކުރުމަށް އެ ކައުންސިލަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ރައީސް ވަނީ މިދިޔަ ހަފްތާގައި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅު ކަމަށްވާ ހއ. އާއި ހދ. އާއި ށ. އަދި ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރައްޔިތުންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެމަނިކުފާނު މިހާރު ވަނީ ރ. އަދި ބ. އަތޮޅުގެ ރަށްރަށަށް ދަތުރުފުޅު ފައްޓަވައިފަ އެވެ.

ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްމީ ދަތުރުފުޅެއްގައި އެ ރަށަށް ރައީސް ވަޑައިގެން، އެ ކައުންސިލުން އިންތިޒާމުކުރި އިވެންޓުގައި ކައުންސިލުގެ ރުހުން ނެތި، އެއީ ސިޔާސީ ހަރަކާތެއް ކަމަށް ދޭހަވާ ގޮތަށް، މަޖިލިސް އިންތިހާބުގައި ސަރުކާރު ޕާޓީއަށް ތާއީދު ހޯދުމަށް ވާހަކަފުޅު ދެއްކެވި ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލު އިދާރާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކައުންސިލު މެމްބަރުންނާ ބައްދަލުކުރެއްވުން.

ކެނދިކުޅުދޫ ކައުންސިލު އިދާރާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު، ކައުންސިލު މެމްބަރުންނާ ބައްދަލުކުރެއްވުން.

އެ ބަޔާނާ ގުޅިގެން އެލްޖީއޭ އިން އެ ކައުންސިލުގެ ރައީސް، މުހައްމަދު ރައޫފަށް ފޮނުއްވި ސިޓީގައި ބުނީ ކައުންސިލްތަކަށް މަތިކޮށްފައި ވަނީ ދައުލަތުގެ ފަރާތުން ރައްޔިތުންނަށް ދިނުމަށް ސަރުކާރަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ޒިންމާގެ ތެެރެއިން ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ހިދުމަތްތަކާއި އެ ހިދުމަތްތައް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކުރުން ކަމަށެވެ.

"އެހެންކަމުން ކައުންސިލުގެ ނިންމުންތަކާއި ނޫސްބަޔާންތައް ވާން ވާނީ ކައުންސިލަށް މަތިކޮށްފައިވާ ހިދުމަތްތަކާއި ގުޅިގެން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދާއިރާއިން ނެރެވޭ ނޫސްބަޔާންތަކަކަށެވެ،" އެލްޖީއޭގެ ޗީގް އެގްޒެކްޓިވް އޮފިސަރު މަރިޔަމް ޒުލްފާ ސޮއި ކުރައްވައި ފޮނުއްވި ސިޓީގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ލޯކަލް ކައުންސިލުތަކަކީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ ކައުންސިލުތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭންވާނީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންވެ، ސަރުކާރުގެ ސިޔާސަތުތަކާއި ހާއްސަކޮށް ރައީސްގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ނިންމާ ނިންމުންތަކާ ދެކޮޅަށް ކައުންސިލުތަކުން ބަޔާން ނެރުމަކީ ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށް އެ ސިޓީގައިވެ އެވެ.

"ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެެއްވެސް ފަރާތަކުން އަމަލުތައް ބެލެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ހަމައެހެންމެ، ރައްޔިތުންގެ އަގުލަބިއްޔަތުން ރައީސަކު އިންތިހާބުކޮށް ދިވެހި ދައުލަތް ހިންގުމުގެ ޒިންމާމަތިިކޮށްފައިވާއިރު އެ ޒިންމާ އަދާކުރުމަށް ހުރަސް އެޅޭގޮތަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން ހާއްސަކޮށް ކައުންސިލަކުން ކަންކަން ކުރުމަކީ މި އޮތޯރިޓީން ކުށްވެރިކުރާކަމެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނީ ގާނޫނުގައިވާ ގޮތުން ކައުންސިލް މެމްބަރެއްގެ ވާޖިބުތައް އަދާކުރުމުގައި ކޮންމެ ފަރާތެއްގެ އިއްޒަތާއި ކަރާމާތަށް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށް އޮތަސް އެ ކައުންސިލުން ރައީސްގެ "އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅިގައި ހަގީގަތާއި ހިލާފު އިލްޒާމު އަޅުއްވާ" އެ ކައުންސިލުން ނޫސް ބަޔާން ނެރުމުން ކުށްވެރިކުރާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ނ. ކެނދިކުޅުދޫއަށް ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ.

އެހެންވެ، ކައުންސިލުގެ މެމްބަރުންގެ ސޮއި ނެތި، އަދި ކައުންސިލުން ނޫސް ބަޔާނަކަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ އެ ބަޔާނުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ. އެހެންވެ ބަޔާން ބާތިލުކޮށް އެކަން މާދަމާ މެންދުރު 2:00 ކުރިން އެލްޖީއޭއަށް އެންގުމަށް ބަޔާނުގައިވެ އެވެ.

ރައީސް، ކެނދިކުޅުދޫއަށް ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ރައީސަށް މަރުހަބާ ދެންނެވުމާއި ބައްދަލުވުމުގެ ހުރިހާ އިންތިޒާމެއް ކައުންސިލުން ހަމަޖެއްސުމާ އެކު އެ ބައްދަލުވުންތަކުގައި ވެސް ކައުންސިލުގެ މެމްބަރުން ބައިވެރިވި އެވެ.

ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމުން ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވާ މަޝްރޫއުތައް ކުރިއަށް ނުގެންދެވޭތީ ވައުދުތައް ފުއްދުމަށްް ސަރުކާރަށް މެޖޯރިޓީ ހޯދައިދިނުމަށް ރައްޔިތުންގެ ކިބައިން ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.