Roadha Mihaaru

މަޑުއްވަރިއަށް އުފުލަންދޫ އަދި މީދު އަށް ތާވަތާ ދޭން ނިންމައިފި

ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ދެ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި މީދު އަށް ތާވަތާ ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޑުއްވަރިއަށް އުފުލަންދޫ އަދި މީދުއަށް ތާވަތާ ދެނީ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

22 ޖެނުއަރީ 2025

ރ. މަޑުއްވަރި އަށް އެ އަތޮޅުގައި އޮންނަ ދެ ފަޅުރަށެއް ކަމަށްވާ އުފުލަންދޫ އަދި މީދު އަށް ތާވަތާ ދޫކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑުއްވަރި އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވަނީ މީދު އާއި މަޑުއްވަރީގެ އިހްތިސާސްގެ ތެރެއިން ފަޅުރަށް ދެއްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ ވެސް ޖާގައިގެ ދަތިކަން އޮތް ދެ ރަށެވެ. އެހެންވެ، އެ ދެ ފަޅު ރަށް، މީދު އާއި މަޑުއްވަރި އަށް ހަމަޖެއްސުމުން، އެ ތަނުގައި އިގްތިސާދީ މަސައްކަތްތައް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ އެކު ރަށަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ވެސް ކުޑަ ހައްލެއް ލިބޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ތިބޭފުޅުންގެ ހުރިހާ މައްސަލައެއް ހައްލު ކުރެވޭ ގޮތަށް އުފުލަންދޫ [މަޑުއްވަރީ ރައްޔިތުންނަށް] މި ރަށުގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދޭން އަޅުގަނޑު ނިންމި ވާހަކަ އިރާދަކުރެއްވިއްޔާ އެކަމާ ގުޅޭގޮތުން ގާނޫނީ ހުރިހާ ކަމެއް ނިމޭނެ. އޭރުން ދިރިއުޅޭ ތަނުގައި ހުންނަން ނުޖެހޭ ހުރިހާ ކަމެއް އެ ތަނަށް ބަދަލުކުރުމަކީ އަޅުގަނޑު އެދޭ ކަމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޑުއްވަރިއަކީ ޖާގަ ފުރިފައިވާ ރަށެއް ކަމަށާއި އެ ރަށުން ހައެއްކަ ހެކްޓަރުގެ ބިން ހިއްކެން އޮތުމުން އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ. އެކަން ކުރާނީ ހިއްކެން އޮތް އެންމެ ބޮޑު މިނެއްގައި ކަމަށް ވިދާޅުވި އެވެ.

އެކަން މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ވައުދުވި ގޮތަށް އެ މަޝްރޫއު ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މަޑުއްވަރީގެ ގިރާ ސަރަހައްދު ހައްލުކުރުމުގެ މަސައްކަތާއި ބަނދަރުގެ އެކި މަސައްކަތްތަކުގެ އިތުރުން 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ވަަރަށް އަވަހަށް ފައްޓަވައި ދެއްވަނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަޑުއްވަރީގެ ޖާގައިގެ ދަތިކަމާ ހުރެ، ފައިބަރު މަސައްކަތް ފަދަ ކަންކަން ވެސް ކުރަމުން ގެންދަނީ ރަށުގެ މީހުން އުޅޭ ސަރަހައްދުގަ އެވެ. އޭގެ ސަބަބުން ކެންސަރު ފަދަ ބަލިތަކުގެ ނުރައްކާ އެރަށަށް ބޮޑުވެފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވަނީ މަޑުއްވަރީގެ އިހުތިސާސްގެ ތެރޭގައި އުފުލަންދޫ ހިމަނައި އެ ތަނަށް އެކަންކަން ބަދަލުކުރުމުން ރައްޔިތުންގެ އެ ޝަކުވާތަކަށް ނިމުމެއް އަންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖޭގެ ކޮންމެ ރަށަކަށް ފަޅު ރަށެއް ލިބޭ މިންވަރަށް ރަށްތަކަށް އެދެން ހުޅުވާލާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. މިގޮތަށް ރަށްތައް ދޫކުރާއިރު އެއީ އެހެން ވެސް މިނިސްޓްރީއަކަށް ނޫނީ އަމިއްލަ ބަޔަކަށް ދީފައި އޮތް ރަށެއް ނޫން ކަން ނުވަތަ ގާނޫނީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ރަށެއް ނޫން ކަން ސަރުކާރުން ޔަގީން ކުރާނެ ކަމަށް ކުރިން ރައީސް ވިދާޅުވި އެވެ.

ފަޅު ރަށްތައް ދޫކުރުމުގެ ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކުގެ އިހްތިސާސުން ބޭރުގައި ހިމެނޭ ފަޅު ރަށްތައް އާންމު ފައިދާއަށްޓަކައި ކައުންސިލްތަކަށް ދިނުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ. ކައުންސިލްތައް ނޫން އަމިއްލަ ފަރާތްތަކަށް ވެސް މިގޮތަށް ފަޅު ރަށްތައް ދޫކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.