Roadha Mihaaru
ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް މި މަހު 15 ގައި

ސީޕްލޭން އެމްބިއުލާންސްގެ ހިދުމަތް މި މަހުގެ 15 ގައި ފަށަނީ

03 މާޗް 2024

ސީ ޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭން މި މަހުގެ 15 ގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސީ ޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭން މި މަހުގެ 15 ގައި ފަށާނެ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ބަލި މީހުން ގެންދިއުމަށް ހާއްސަކުރާ މޫދަށް ޖައްސާ ބޯޓު، އެމްބިއުލާންސެއްގެ ގޮތަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތްތައް ނިންމައި މި މަހުގެ މެދު ތެރޭގައި ހިދުމަތް ދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހެވެ. ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމަށް ސީޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭށެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ.

ހެލްތު މިނިސްޓްރީން ކުރިން ނެރުނު ބަޔާނުގައި ބުނީ އެއާ އެމްބިއުލާންސްގައި މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ލިބެން ހުރި އެންމެ ކައިރީ ޓާޝަރީ ހޮސްޕިޓަލުތަކަށް ބަލި މީހުން އުފުލާނެ ކަމަށާއި އެ ބޯޓުގައި އަވަސް ސިއްހީ ފަރުވާ ދެވޭގޮތަށް ވަސީލަތްތަކާއެކު ތަމްރީން ކޮށްފައިވާ 15 ސިއްހީ ހިދުމަތްތެރިއަކު ވެސް ތިބޭނެ ކަމަށެވެ. އެއީ ފަސް ޑޮކްޓަރަކާއި ފަސް ނަރުހުންގެ އިތުރުން އިމަޖެންސީ މެޑިކަލް ޓެކްނީޝަނުންނެވެ.

މިނިސްޓްރީން ބުނި ގޮތުގައި އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް 8-200 މަރުކާގެ ބޯޓުގައި ފަށާ އެ ހިދުމަތާ އެކު ރާއްޖޭގެ ހުރިހާ ހިސާބަކަށް 24 ގަޑިއިރު އެ ހިދުމަތް ލިބޭނެ އެވެ.

އެއާ އެމްބިއުލާންސްގެ މަތިންދާ ބޯޓުގައި އެއް ފަހަރާ ދެ ބަލި މީހުން އުފުލޭނެ ކަމަށެވެ. އެކަމަކު، ސީއެމްބިއުލާންސްގައި އުފުލެނީ އެންމެ ބަލި މީހެކެވެ.

އެއާ އެމްބިއުލާންސްގައި ރާއްޖެއިން ބޭރަށް ބަލި މީހުން އުފުލުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އެކަމުގެ މަޝްވަރާތައް ވަނީ ސްރީލަންކާއާ އެކު ކޮށްފަ އެވެ. މިހާރު ވަނީ ދެ ގަޑިއިރުން ބަލި މީހުން އުފުލުމަށް ލިބެން ޖެހޭ ހުއްދަތައް ލިބޭނެ އިންތިޒާމު ހަމަޖައްސައިފަ އެވެ. ކުރިން އެކަމަށް ގާތްގަނޑަކަށް އެއް ދުވަސް ނަގަ އެވެ.