Roadha Mihaaru
ސީޕްލޭންގެ އެއާ އެމްބިއުލާންސްގައި ފުރަތަމަ ދަތުރުކޮށްފި

ސީޕްލޭންގެ އެއާ އެމްބިއުލާންސްގައި ފުރަތަމަ ދަތުރުކޮށްފި

19 މާޗް 2024

ސީ ޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ މިއަދު އުފުލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސީ ޕްލޭން އެމްބިއުލާންސްގައި ފުރަތަމަ ބަލި މީހާ މިއަދު އުފުލައިފި އެވެ.

ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމަޖެންސީ ފަރުވާ ބޭނުންވި މީހަކު، ދ. ކުޑަހުވަދޫން މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ، ސީޕްލޭންގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަށް އެ ބޯޓު މިދިޔަ ހުކުރު ދުވަހަށް ތައްޔާރުކޮށް ހިދުމަތް ދޭން ފެށި ފަހުން އުފުލި ފުރަތަމަ ބަލި މީހާ އެވެ.

ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ފަށާފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. ނަމަވެސް، ސަރުކާރުން ނިންމާފައިވަނީ އެއާޕޯޓު ނެތް ރަށްރަށުން ވެސް ބަލި މީހުން އުފުލުމަށް ސީޕްލޭންގައި އެމްބިއުލާންސްގެ ހިދުމަތް ދޭށެވެ.

ސީޕްލޭންގެ އެއާ އެމްބިއުލާންސް، ކުޑަހުވަދޫގައި މަޑުކޮށްގެން.-- ފޮޓޯ: ސޯޝަލް މީޑިއާ

ސީޕްލޭންގެ އެއާ އެމްބިއުލާންސް، ކުޑަހުވަދޫގައި މަޑުކޮށްގެން.-- ފޮޓޯ: ސޯޝަލް މީޑިއާ

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ އައިލެންޑް އޭވިއޭޝަނުގެ މަތިންދާ ބޯޓަކާއި ސީޕްލޭނެކެވެ. އެ ދެ ބޯޓު އެކީ ބަދަލުކޮށްފައި ވަނީ އިމަޖެންސީ ހާލަތުގައި ބަލި މީހާއަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް އޭގެ ތެރެއިން ލިބޭ ގޮތަށެވެ. މޯލްޑީވިއަން އިން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ދުވަހާ ހަމައަށް މެޑިކަލް 25 ދަތުރު ކޮށްފައިވާ ކަމަށެވެ.

ސަލާމަތީގޮތުން ރައްކާތެރި އަދި އިތުބާރު ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ޑީއެޗްސީ-6 ޓްވިން އޮޓާގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައްޔިތުންނަށް ސިއްހީ ގޮތުން ލިބިފައިވާ ބޮޑު ކުރިއެރުމެއް ކަމަށާއި އެ ސީޕްލޭންގައި ރާއްޖޭގެ ރަށްތަކަށް އޮޕަރޭޓްކުރުމުގެ ގާބިލްކަން ލިބުމުގެ އިތުރަށް ޒަމާނީ އިމަޖެންސީ މެޑިކަލް ވަސީލަތް ހަރުކޮށްފައިވާ ކަމަށް ބުންޏެވެ.