Roadha Mihaaru
މެރަތަން ރެކޯޑްވެސް މުގުރާލައި ޔޫސުފް އެންމެ ކުރިއަށް

ރާއްޖޭގެ މެރަތަން ރެކޯޑް ވެސް މުގުރާލައި ޔޫސުފް ދިގުރާސްތާ ރޭހުގެ އެންމެ ކުރިއަށް

04 މާޗް 2024

މެރަތަންގެ ގައުމީ ރެކޯޑް ވެސް، މުގުރާލައި، ޔޫސުފް އިބްރާހިމް ދިގުރާސްތާ ރޭހުގައި ރާއްޖޭގެ އެންމެ ކުރީ ސަފަށް ޖެހިލައިފި އެވެ.

މެރަތަންގެ ގައުމީ ރެކޯޑް ވެސް، މުގުރާލައި، ޔޫސުފް އިބްރާހިމް ދިގުރާސްތާ ރޭހުގައި ރާއްޖޭގެ އެންމެ ކުރީ ސަފަށް ޖެހިލައިފި އެވެ.

ތުރުކީގެ އަނަޓޯލިޔާ މެރަތަންގައި އިއްޔެ ވާދަކޮށް، ޔޫސުފް، އެ ރެކޯޑް މުގުރާލުމުގެ ކުރިން އެ މަގާމުގައި ކުރިން އޮތީ މުހައްމަދު ޝިފާޒެވެ. ދުބާއީ މެރަތަންގައި 2019 ގައި ވާދަކޮށް، ޝިފާޒު، އޭނާގެ އަމިއްލަ ރެކޯޑް މުގުރާލީ 2:32:56 (2 ގަޑިއިރާއި 32 މިނެޓް 56 ސިކުންތު) އިންނެވެ.

ރާއްޖޭގެ ހާފް މެރަތަންގެ ރެކޯޑް ވެސް މިދިޔަ އަހަރު މުގުރާލި ޔޫސުފް، ޝިފާޒު ފަސް އަހަރު ވަންދެން ދެމެހެއްޓި ރެކޯޑް މުގުރާލީ 2 ގަޑިއިރާއި 29 މިނެޓް 48 ސިކުންތުންނެވެ.

އޮސްޓްރޭލިއާގެ ގޯލްޑްކޯސްޓްގައި މިދިޔަ އަހަރު ޖުލައި މަހު، 1 ގަޑިއިރާއި 9 މިނެޓް 58 ސިކުންތުން، ޔޫސުފް ހެދި ހާފް މެރަތަންގެ ރެކޯޑް ވެސް ކުރިން އޮންނަނީ ޝިފާޒު އަތުގަ އެވެ. އެ ރެކޯޑް ވެސް އޭނާ ހެދީ 2019 ގަ އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ރެކޯޑް ޓޭބަލުން ދައްކާ ގޮތުގައި ހާފް މެރަތަންގެ ރެކޯޑާ އެކު، ޔޫސުފް އަތުގައި ރާއްޖޭގެ ތިން ރެކޯޑް މިހާރު އެބައޮތެވެ. އެއީ ހާފް މެރަތަންގެ އިތުރުން 15 ކިޅޯމީޓަރުގެ ރެކޯޑެވެ. މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ބަންގްބަންދު މެރަތަންގައި އޭނާ އެ ރެކޯޑް ހެދީ 50 މިނެޓާއި 43 ސިކުންތުންނެވެ.

ޔޫސްފް އަށް ކޯޗުކޮށް ދޭ، ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ނަސްރުﷲ އަހްމަދު ވެސް ވަނީ އިއްޔެ އަނަޓޯލިއާ މެރަތަން ފުރިހަމަ ކުރުމަށް ފަހު އޭނާގެ 95 ވަނަ މެރަތަން ހަމަކޮށްފަ އެވެ. ނަސްރު ބުނީ އަނަޓޯލިޔާ މެރަތަން އަކީ އޭނާގެ ކްލަބަށް މެރަތަން ރަނާސްއަށް ކާމިޔާބު މެރަތަންއެއް ކަމަށެވެ.

"އަހަރެމެންގެ ހުރިހާ އެތުލެޓީން ވެސް ޕާސަނަލް ބެސްޓް ހެދި،" ނަސްރު ބުންޏެވެ.