Roadha Mihaaru
ޝަމްހާ 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް އާކޮށްފި

ޝަމްހާ 10 ކިލޯމީޓަރު ދުވުމުގެ ގައުމީ ރެކޯޑް އާކޮށްފި

27 މާޗް 2023

އިއްޔެ އޮތް ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރެތަންގެ 10 ކިލޯމީޓަރު ރޭހުގައި ދުވެ ރާއްޖޭގެ ޝަމްހާ އަހުމަދު އެ އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

އިއްޔެ އޮތް ނެދަލެންޑްސްގެ ވެންލޫޕް ހާފް މެރެތަންގެ 10 ކިލޯމީޓަރު ރޭހުގައި ދުވެ ރާއްޖޭގެ ޝަމްހާ އަހުމަދު އެ އިވެންޓުން ގައުމީ ރެކޯޑް އާކޮށްފި އެވެ.

މިދިޔަ އަހަރު ނޯވޭގެ އޮސްލޯ މެރެތަންގައި 40:39 މިނެޓުން ހެދި 10 ކިލޯމީޓަރު ދުވުމުގެ ރެކޯޑް ޝަމްހާ އާކުރީ އިއްޔެ 39 މިނެޓު 33 ސިކުންތުން ދުވެގެންނެވެ. ރޭހުގެ ފުރަތަމަ ފަސް ކިލޯމީޓަރުގެ ރާސްތާ އޭނާ ނިންމީ 19 މިނެޓު 39 މިނެޓުންނެވެ.

ހަ ޑިގްރީ ސެލްސިއަސްގެ ފިނީގައި އަދި ބޯވާރޭގައި ދުވެ ޝަމްހާ ވަނީ ރޭހުގެ އުމުރުފުރާ އިން އެއް ވަނަ ވެސް ހޯދައިފަ އެވެ.

ތަޖުރިބާކާރު މެރެތަން ދުވުންތެރިޔާ ނަސްރުﷲ އަހުމަދު (ނަސްރު) ގެ ކޯޗުކަމުގައި ޝަމްހާ، 40، މިހާރު ތައްޔާރުވަމުން އަންނަނީ މި އަހަރު މަޑަގަސްކަރައިގައިި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށެވެ.

މި އަހަރަކީ ޝަމްހާ އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އެގޮތުން އޭނާ ވަނީ މި މަހު ޖަރުމަނުގައި އޮތް ފަސް ކިލޯމީޓަރު ދުވުމެއް، 19 މިނެޓު 15 ސިކުންތުން ނިންމައި، އެ ރާސްތާގެ ދުވުމެއް 20 މިނެޓަށް ވުރެ އަވަހަށް ނިންމި ފުރަތަމަ ދިވެހި އަންހެން ދުވުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ.

އޭނާ ވަނީ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު މެރަތަންގައި، 1 ގަޑިއިރާއި 26 މިނެޓާއި 41 ސިކުންތުން ދުވެ ހާފް މެރަތަންގެ ރެކޯޑް އާކޮށްފަ އެވެ. މިދިޔަ އަހަރު މަރިޔަމް އަބްދުލްކަރީމް (މަރީ) ހެދި ރެކޯޑް ޝަމްހާ އެންމެ ފުރަތަމަ މުގުރާލީ މިދިޔަ އަހަރުގެ އޮސްލޯ މެރެތަންގަ އެވެ.

އޭނާ ވަނީ މިދިޔަ އަހަރުގެ ބާލިން މެރެތަންގައި، މެރެތަން ރެކޯޑް ވެސް މުގުރާލައިފަ އެވެ. ސައުތު އޭޝިއަން ގޭމްސްގައި މަރީ ހެދި ރެކޯޑް ޝަމްހާ އެ ފަހަރު މުގުރާލީ، 20 މިނެޓު އަވަހަށް، 3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތުންނެވެ.

ޝަމްހާ އަކީ އެންމެ ކުރިން ސްޕްރިންޓް ދުވުންތެރިއެކެވެ. އަމީނިއްޔާ ސްކޫލުން ވިދާލި ޝަމްހާ 2001 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގައި 100 މީޓަރު ދުވުމުން ގައުމީ ރެކޯޑް ހެދި އެވެ. ފަހުން ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށް، ދުވުމާ ކުޑަކޮށް ދުރުގައި ހުރުމަށް ފަހު 2014 ގައި އޭނާ އެނބުރި އައީ ދިގު ރާސްތާ ދުވުންތެރިއެއްގެ ގޮތުގަ އެވެ.