Roadha Mihaaru
ސިނގިރޭޓު ނުގަނެ ދެވަނަ ވިސްނުމަކަށްދާ ވަރު ކުރަންޖެހޭ

ސިނގިރޭޓް ނުގަނެ، ދެވަނަ ވިސްނުމަކަށްދާ ވަރު ކުރަން ޖެހޭ: އެޗްޕީއޭ

16 ފެބުރުއަރީ 2017

ސިނގިރޭޓް ގަންނަން ފިހާރަތަކަށް ދާ މީހާ، ސިނގިރޭޓް ނުގަނެ، ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރަށް އޭގެ އަގު ބޮޑު ކުރަން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިނގިރޭޓް ގަންނަން ފިހާރަތަކަށް ދާ މީހާ، ސިނގިރޭޓް ނުގަނެ، ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރަށް އޭގެ އަގު ބޮޑު ކުރަން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރާ އިގްތިސާދީ ކޮމެޓީގައި އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވީ ދުންފަތުގެ އިސްތިއުމާލް ކުރުން ކޮންޓްރޯލް ކުރުމަށް ކުރާ އެންމެ މުހިންމު މަސައްކަތަކީ އަގު ބޮޑު ކޮށްގެން، އަލަށް ސިނގިރޭޓު ބޯ މީހުން އެއާ ދުރު ކުރުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އަހަރުން އަހަރަށް ސިނގިރޭޓް އެތެރެކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ސިނގިރޭޓް ވިއްކާ އަގަށް ކުޑަ ބަދަލެއް ގެނެސްގެން ސިނގިރޭޓް ބުއިން ގިނަ ބަޔަކު ހުއްޓައެއް ނުލާނެ އެވެ. އަދި ސިނގިރޭޓްގެ އަގަށް ބަދަލު ގެންނަ ނަމަ، އެކަން ވާން ޖެހޭނީ ބޯ މީހުން ދެ ވަނަ ވިސްނުމަކަށް ދާން ޖެހޭ ފަދަ އަގަކަށް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިލްހާމް (ވ) އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިގްތިސާދީ ކޮމެޓީގެ މުގައްރިރު އިލްހާމް (ވ) އަދި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އާމިރު. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"މިސާލަކަށް 2ރ. އަށް ގަންނަ ސިނގިރޭޓް މާދަމާ 2ރ. 25ލ. އަށް ވިއްކަން ނިންމިއޭ ކިޔާފައި އެ ނުގަނެ ހުންނާނެތޯ؟ އަގު ބޮޑު ކުރާ އިރު، އެކަން ވާން ޖެހޭނީ ގަންނަން ދާ މީހާ އަގު އެނގުނީމަ ދެ ވަނަ ވިސްނުމަކަށް ގޮސް، ތިމަންނަ ކުރާވަރުގެ ކަމެއްތޯ، އެ މެސެޖް ލިބެން ޖެހޭ،" ހަސަން ވިދާޅުވި އެވެ.

"އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށްވުރެ މުހިންމު ކަމެއް ނޯންނާނެ،"

ހަސަން ފާހަގަކުރެއްވި ގޮތުގައި 2011 ވަނަ އަހަރު މަޖިލީހުން ނިންމި ތާރީހީ ނިންމުމަކީ ދުންފަތުން ނަގާ ޓެކްސް 200 ޕަސަންޓަށް ބޮޑު ކުރުމެވެ. އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލް ކުރުން ހުއްޓާލަން ވަރަށް ގިނަ އަދަދެއްގެ ބަޔަކު ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ވެސް މަޖިލީހުން ވަނީ ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ނިންމައިފަ އެވެ.

މިސާލަކަށް 2ރ. އަށް ގަންނަ ސިނގިރޭޓް މާދަމާ 2ރ. 25ލ. އަށް ވިއްކަން ނިންމިއޭ ކިޔާފައި އެ ނުގަނެ ހުންނާނެތޯ؟ އަގު ބޮޑުކުރާއިރު، އެކަން ވާން ޖެހޭނީ ގަންނަން ދާ މީހާ އަގު އެނގުނީމަ ދެވަނަ ވިސްނުމަކަށް ގޮސް، ތިމަންނަ ކުރާވަރުގެ ކަމެއްތޯ، އެ މެސެޖް ލިބެން ޖެހޭ، -- ހަސަން

ތައިލޭންޑް ފަދަ ދުނިޔޭގެ ބައެއް ގައުމުތަކުގައި ދުންފަތާއި ރަލުން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ދަނީ ވަކި ފަންޑަކަށް ކަން ފާހަގަ ކުރައްވައި ހަސަން ވިދާޅުވީ އެ ފަންޑަށް ލިބޭ ބައެއް ފައިސާއަކީ އާންމު ސިއްހަތަށް ހޭލުންތެރިކުރަން ބޭނުންކުރާ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ، މި ކަހަލަ އުސޫލެއް ރާއްޖޭގައި ގާއިމުކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރާ ވަރު ދަށްވާ ވަރަކަށް މީހުން ދުރުކުރަން ކުރާ މަސައްކަތް ވެސް ބޮޑުވެގެން ދާނެ،" ޓޮބެކޯ ކޮންޓްރޯލް ބޯޑު މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ހަސަން ވިދާޅުވި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް (ވ) ވާހަކަ ދައްކަވަނީ. މެމްބަރުން ވަނީ އެޗްޕީއޭ އާއި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުންނާ ގިނަ ސުވާލުތަކެއް ކުރައްވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް (ވ) ވާހަކަ ދައްކަވަނީ. މެމްބަރުން ވަނީ އެޗްޕީއޭ އާއި ޓޮބެކޯ ކޮންޓްރޯލް ބޯޑުގެ މެމްބަރުންނާ ގިނަ ސުވާލުތަކެއް ކުރައްވާފައި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެޗްޕީއޭ އިން ވަނީ ދުންފަތުގެ އިސްތިއުމާލް ފަދަ ނޭދެވޭ ކަންކަން ކުރާ މީހުން ހޭލުންތެރި ކުރުވުމަށް ބަޖެޓު ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރު އެ ތަނަށް ލިބުނު ބަޖެޓަކީ މިހާތަނަށް އެންމެ މަދުން ލިބުނު ބަޖެޓެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެޗްޕީއޭ ބަލަހައްޓަވަމުން ގެންދަވާ އައިޝަތު ރަމީލާ ވިދާޅުވީ އެޗްޕީއޭގެ މަސައްކަތްތަކަށް މި އަހަރު ލިބުނީ 3.5 މިލިއަން ރުފިޔާ ކަމަށާއި ކުޑަކުދިންނަށް ޖަހާ ވެކްސިނާއި އެކި ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސްތައް ގަތީމަ، ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށެވެ.

"ޕްރޮމޯޝަނަށް (އާންމުން ހޭލުންތެރި ކުރަން) މަސައްކަތެއް ކުރާނެ ފައިސާއެއް ނެތް،" ރަމީލާ ވިދާޅުވި އެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އެތެރެކުރި އިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސިނގިރޭޓަކުން 75ލ. ގެ ބޮޑުވުމެކެވެ. އަދި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކުން ލީޓަރަކަށް 4.60ރ. ނަގަން ވަނީ ކަނޑައަޅައިފަ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާ ކޮށްފައިވެ އެވެ. ޑިއުޓީ ބޮޑުކުރުމުން، މިހާރު 48ރ. އަށް ވިއްކާ ސިނގިރޭޓު ފޮއްޓެއްގެ އަގު 65ރ. އާއި 70ރ. އާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެ އެވެ.