Roadha Mihaaru
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް

ސިނގިރޭޓާއި އެނާޖީ ޑްރިންކުގެ އަގު ބޮޑުކުރާ އިސްލާހަށް މާދަމާ ވޯޓަށް އަހަނީ

28 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

ޖަލްސާގެ އެޖެންޑާގައި އޮތީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާ ކުރި ކޮމެޓީގެ ރިޕޯޓު ހުށަހެޅުމެވެ. ބިލް ދިރާސާކުރި އިގްތިސާދީ ކޮމެޓީ އާއި މުޅި މަޖިލީހުގެ ކޮމެޓީން ވަނީ ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ އަދަދު ދެ ގުނަ އަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.

މި ބާވަތްތަކުގެ އަގު ބޮޑުވާ ގޮތަށް އިސްލާހު ގެނެސްފައި ވަނީ ސޮފްޓް ޑްރިންކުން ޑިއުޓީގެ ގޮތުގައި ލިޓަރަކަށް 4.60ރ. ނެގުމަށާއި އެނާޖީ ޑްރިންކުން ލިޓަރަކަށް 33.64ރ. ނެގުމަށެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ވެސް ލިޓަރަކަށް 4.60ރ. ނަގާ ގޮތަށެވެ.

މީގެ އިތުރުން ކޮންމެ ސިނގިރޭޓަކުން 75ލ. ޑިއުޓީ ބޮޑުކޮށް، ސިނގިރޭޓްގެ ކޮންމެ އިންވޮއިސްގެ ޖުމުލަ އަގުން 25 ޕަސެންޓް ނެގުމަށް ވަނީ ހިމަނައިފަ އެވެ. މި އިސްލާހު މަޖިލީހަށް ހުށަހެޅިއިރު އޮތީ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި 2ރ. ނަގާ ގޮތަށެވެ.

ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގަނީ 1.25ރ. އެވެ.

ސިނގިރޭޓް ފޮއްޓެއް މާލޭގައި މިހާރު އެވްރެޖްކޮށް ވިއްކަނީ 50ރ. އަށެވެ. އަދި ވަކިން ސިނގިރޭޓެއް 2.50ރ. އަށް ވިއްކާއިރު، މިގޮތަށް ފާސްކޮށްފި ނަމަ ވަކި ސިނގިރޭޓެއްގެ އަގު 3.50ރ. އަށް ބަދަލުވެގެން ދާނެ އެވެ. އެއީ ސިނގިރޭޓް ފޮއްޓަކުން 20ރ. ގެ ބޮޑުވުމެކެވެ. އަދި އެނާޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑުވާނެ އެވެ.

ސިނގިރޭޓުން ނަގާ ޓެކްސް ބޮޑުކޮށްގެން 200 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވެ އެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އެތެރެކުރިއިރު، ސިނގިރޭޓު އިމްޕޯޓްކޮށްގެން އާމްދަނީގެ ގޮތުގައި 622 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު 460 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެތެރެކުރި އެވެ.