Roadha Mihaaru
ޑިއުޓީ ފައިސާއިން ހޭލުންތެރިކަމަށް ހޭދަކުރަން ދެކޮޅު

ސިނގިރޭޓުގެ ޑިއުޓީ ފައިސާއިން ހޭލުންތެރިކަން އިތުރުކުރުވަން ސަރުކާރު މެމްބަރުން ދެކޮޅު

22 ފެބުރުއަރީ 2017

ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން ދެކޮޅު ހައްދަވައިފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި ކޮމެޓީގައި ގަމު ދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއިލް ވަނީ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ދުންފަތުން އާންމުން ދުރުކުރަން ހަރަކާތްތައް ހިންގަން ހުށަހަޅުއްވައިފަ އެވެ.

ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ އަޣުލަބިއްޔަތުން އެ އިސްލާހު ވަނީ ބޭރުކޮށްލައިފަ އެވެ.

ފައްޔާޒް މިއަދު ވިދާޅުވި ގޮތުގައި އެ އިސްލާހު ކޮމެޓީން ފާސްނުކޮށް، ބޭރުކޮށްލި ނަމަވެސް، މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން އިސްލާހު ފާސްކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހަކީ އިސްލާހުގެ ބޭނުމަކީ ސިއްހަތަށް ގެއްލުންދޭ އެއްޗެހި ވީހާ ވެސް މަދުކުރަން ބާރު އެޅުން ކަމަށްވާއިރު، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ސަރުކާރުން އުޅެނީ ޓެކްސްގެ ގޮތުގައި ފައިސާ ހޯދަން ނޫން ކަމަށް ބުނާއިރު، އާންމުން ހޭލުންތެރިކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ގަބޫލުކުރަނީ،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް މިހެން ވިދާޅުވިއިރު، ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ވަނީ ދުންފަތުގެ އިސްތިއުމާލް ފަދަ ނޭދެވޭ ކަންކަން ކުރާ މީހުން ހޭލުންތެރި ކުރުވުމަށް ބަޖެޓު ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި އަހަރު އެ ތަނަށް ލިބުނު ބަޖެޓަކީ މިހާތަނަށް އެންމެ މަދުން ލިބުނު ބަޖެޓެވެ.

މިދިޔަ ބުރާސްފަތި ދުވަހު އިގްތިސާދީ ކޮމެޓީގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އެޗްޕީއޭ ބަލަހައްޓަވަމުން ގެންދަވާ އައިޝަތު ރަމީލާ ވިދާޅުވީ އެޗްޕީއޭގެ މަސައްކަތްތަކަށް މި އަހަރު ލިބުނީ 3.5 މިލިއަން ރުފިޔާ ކަމަށާއި ކުޑަކުދިންނަށް ޖަހާ ވެކްސިނާއި އެކި ބަލިތަކުގެ މީހުންނަށް ބޭނުންވާ ބޭސްތައް ގަނެ ނިމޭއިރު ބަޖެޓު އެއްކޮށް ހުސްވާނެ ކަމަށެވެ. "ޕްރޮމޯޝަނަށް (އާންމުން ހޭލުންތެރި ކުރަން) މަސައްކަތެއް ކުރާނެ ފައިސާއެއް ނެތް،" ރަމީލާ ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި އިސްލާހުގައި ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި މިހާރު ނަގާ 1.25ރ. ގެ ބަދަލުގައި 2ރ. އަށް ބޮޑުކުރަން ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސިނގިރޭޓަކުން 75ލ. ގެ ބޮޑުވުމެކެވެ.