Roadha Mihaaru
މާރުކޭޓުން ފެންނަނީ މުޅިން ވެސް ބޭރުގެ އުފެއްދުންތައް

މާރުކޭޓުން ފެންނަނީ މުޅިން ވެސް ބޭރުގެ އުފެއްދުންތައް

23 މާޗް 2023

ރޯދަ މަހު އެންމެ ބާރުބޮޑު އަދި އެންމެ ގިނަ ބަޔަކު ފެންނާނެ އެއް ސަރަހައްދަކީ ލޯކަލް މާރުކޭޓެވެ. ކޮންމެ ދުވަހެއްގެ ހެނދުނުން ހަވީރަށް، ލޯކަލް މާރުކޭޓުގައި ކާބޯތަކެތި ގަތުމުގައި މީހުން އުޅެ އެވެ. މިއަދު ވެސް އެ ސަރަހައްދުން ފެންނަނީ އެ މަންޒަރެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރޯދަ މަހު އެންމެ ބާރުބޮޑު އަދި އެންމެ ގިނަ ބަޔަކު ފެންނާނެ އެއް ސަރަހައްދަކީ ލޯކަލް މާރުކޭޓެވެ. ކޮންމެ ދުވަހެއްގެ ހެނދުނުން ހަވީރަށް، ލޯކަލް މާރުކޭޓުގައި ކާބޯތަކެތި ގަތުމުގައި މީހުން އުޅެ އެވެ. މިއަދު ވެސް އެ ސަރަހައްދުން ފެންނަނީ އެ މަންޒަރެވެ.

ލޯކަލް މާރުކޭޓުގައި ރޯދަ އަށް ހާއްސަކޮށް، ގިނަ ބާވަތްތަކެއް ލިބެން ހުރި އިރު ގިނައީ ރާއްޖެއިން ބޭރުން ގެންނަ ބާވަތްތަކެވެ. އެހެން ނަމަވެސް، ރާއްޖޭގެ ދަނޑުވެރިންގެ އަތުން ގިނައިން ގަންނަ ބާވަތްތައް ވެސް އެބަ ހުއްޓެވެ. ރާއްޖޭގައި ހައްދާ ބާވަތްތަކުގެ ތެރެއިން މިއަދު އެންމެ ގިނައިން ލިބޭ ހުރީ ކަރާ އާއި އަނބާއި މިރުހާއި ކިއުކަމްބާ އާއި ކޮޕީ ފަތެވެ.

ލޯކަލް މާރުކޭޓުގައި ކަރާތަކެއް ވިއްކަން ބަހައްޓާފައި. ކަރާ ލިބެން ހުރީ ކިލޯއެއް 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލޯކަލް މާރުކޭޓުގައި ކަރާތަކެއް ވިއްކަން ބަހައްޓާފައި. ކަރާ ލިބެން ހުރީ ކިލޯއެއް 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އާންމުންގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ ކަރާގެ އަގު މި ވަގުތު ހުރީ، 25ރ. އާއި 30ރ. އާ ދެމެދުގެ އަގެއްގަ އެވެ. ހުޅުމާލޭގެ މާރުކޭޓުގައި ކަރާ ކިލޯއެއް ލިބެން ހުރީ 50ރ. އަށެވެ.

މާރުކޭޓު ގޮޅިއެއް ހިންގާ ވިޔަފާރިވެރިއަކު ބުނީ، ކަރާ ލިބުމުގައި ދައްޗެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ތޮއްޑޫ އާއި ލ. އަތޮޅުން ދަނޑުވެރިން އަތުން ކަރާ ލިބޭ އަގު ބޮޑު ކަމަށެވެ. އެހެންވެ، އާންމުންނަށް އެ އަގުގައި ވިއްކަން މަޖުބޫރު ވަނީ ކަމަށް އޭނާ ބުންޏެވެ.

"ދަނޑުވެރިން މި ވިއްކަނީ ކިލޯއެއް 25ރ. އެހެންވީމަ އާންމުންނަށް މި ވިއްކަނީ ކަރާ ކިލޯއެއް 30ރ. އަށް. އަގު ހެޔޮކޮށް ލިބެން ފެށީމަ އަގު ހެޔޮކޮށް ވިއްކޭނީ،" އޭނާ ބުންޏެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ބަޔަކު މިރުސް ގަންނަނީ، މިރުހުގެ އަގު މިއަދު އުޅެނީ ސަތޭކަ ގްރާމް 30ރ އާއި 40ރ ދެމެދު--. ފޮޓޯ: ނިޝާން އަލީ | މިހާރު

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން ބަޔަކު މިރުސް ގަންނަނީ، މިރުހުގެ އަގު މިއަދު އުޅެނީ ސަތޭކަ ގްރާމް 30ރ އާއި 40ރ ދެމެދު--. ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ބުނީ، އަގަށް ބަދަލު އަންނާނެ ކަން އެނގޭނީ ހަފްތާއެއް ފަހުން ކަަމަށެވެ. ސަބަބަކީ ބާޒާރަށް ތަކެތި ގެންނަ މިންވަރު އޭރުން އަންދާޒާކުރެވޭނެތީ އެވެ.

ބާޒާރުގައި ކަރާ ތިޔާގި ނަމަވެސް، މިހާރު ވިއްކާ އަގަކީ މިދިޔަ އަހަރުގެ ރޯދަ މަހަށް ވުރެ ބޮޑު އަގެކެވެ.

ލޯކަލް މާރުކޭޓު ގޮޅިތައް ހިންގާ ފަރާތްތަކަށް އަހަރުގެ ގާތްގަނޑަކަށް ތިން މަހުގެ އާމްދަނީ މި މަހު ލިބެ އެވެ. އެހެންވެ، ވީ އެންމެ ގިނައިން ތަކެތި ގެނެސް ގޮޅީގައި ބަހައްޓަ އެވެ. ލޯކަލް މާރުކޭޓުގެ ވިޔަފާރިވެރިއަކު ބުނީ، އެންމެ ބޮޑު އާމްދަނީ ލިބޭ މަހަށް ތައްޔާރު ކަމަށެވެ. އެކަމަކު ހަމައެކަނި ރާއްޖޭގައި ހައްދާ ދަނޑުވެރިން ވިއްކާ ތަކެއްޗަށް ބަރޯސާވެގެން ގޮޅިން ބޭނުންވާ ފައިދާ ނުނެރެވޭނެ ކަމަށް އޭނާ ބުންޏެވެ.

ދަތުރުވެރިންގެ މާރުކޭޓު ހަލަބޮލިކޮށް: ރޯދަ އަށް ބޭނުންވާ ގިނަ މުދާ ބާޒާރުން ލިބެން އެބަހުރި -- ފޮޓޯ:ނިޝާން އަލީ / މިހާރު

ދަތުރުވެރިންގެ މާރުކޭޓު ހަލަބޮލިކޮށް: ރޯދަ އަށް ބޭނުންވާ ގިނަ މުދާ ބާޒާރުން ލިބެން އެބަހުރި -- ފޮޓޯ:ނިޝާން އަލީ / މިހާރު

ލޯކަލް މާރުކޭޓުގައި އާލަފާއި އޮރެންޖު އުޅެނީ އުޅެނީ 6-8ރ. އާ ދެމެދުގެ އަގެއްގަ އެވެ. މޭބިސްކަދުރު 170ރ. އާ ކިލޯއެއް އުޅޭ އިރު ޕެއާޒް އުޅެނީ ކިލޯއެއް 60ރ. އަށް ކިލޯ އެކެެވެ. އަދި ދޮންކެޔޮ ކިލޯއެއް ހުރީ 70ރ.އަށެވެ. މާރުކޭޓުގައި އެންމެ މަދުން ލިބެން ހުރި އެއް ބާވަތަކީ ވެސް ދޮންކޭލެވެ.

އެހެން ރޯދަ މަސްތަކާ ހިލާފަށް މި ރޯދަ މަހު މާރުކޭޓުން ދިވެހި އަނބު ވެސް ލިބެން ހުއްޓެވެ. އަނބު ކިލޯއެއް ލިބެން ހުރީ 70ރ. އާއި 120ރ. އާ ދެމެދުގެ އަގެއްގަ އެވެ.

މާރުކޭޓުގައި ކިއުކަމްބާ ކިލޯއެއް ލިބެނީ 70ރ. އަށެވެ. މިރުސް ކިލޯއެއް 330ރ. އަށް އުޅޭ އިރު ކޮފީފަތް ބޮނޑިއެއް 10ރ. އަށް ލިބެން އެބަ ހުއްޓެވެ. އަދި ލުބޯ ކިލޯއެއް ލިބެން ހުރީ 70ރ. އާއި 90ރ. އާ ދެމެދުގެ އަގެއްގަ އެވެ.

އެހެން ރޯދަ މަސްތަކާ އެއްގޮތަށް މިއަހަރުގެ ރޯދަ މަހު ވެސް މާރުކޭޓުން އާންމުން ދިވެހިން އެންމެ ގިނައިން ބޭނުން ކުރާ ބާވަތްތަކުގެ އަގު ވަނީ އުފުލެން ފަށައިފަ އެވެ.