Roadha Mihaaru
ޣައްޒާއިން ނެރެންޖެހޭ 8،000 ބަލިމީހުން އެބަތިބި

ޣައްޒާއިން ނެރެންޖެހޭ 8،000 ބަލިމީހުން އެބަތިބި

06 މާޗް 2024

އިޒްރޭލުން ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާއިން ބޭރަށް ގެންދަންޖެހޭ ގާތްގަނޑަކަށް 8،000 ބަލިމީހުން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ އިން އިއްޔެ ބުނެފި އެވެ.

އިޒްރޭލުން ހަމަލާ ދެމުން ގެންދާ ފަލަސްތީނުގެ ޣައްޒާއިން ބޭރަށް ގެންދަންޖެހޭ ގާތްގަނޑަކަށް 8،000 ބަލިމީހުން އެބަތިބި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯ އިން އިއްޔެ ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިފަދަ ބަލިމީހުން ޣައްޒާއިން ބޭރަށް ގެންދެވިއްޖެ ނަމަ ހަނގުރާމައިގެ ސަރަހައްދުގައި މަސައްކަތްކުރާ ސިއްހީ އޮފިޝަލުންނަށް ލުއި ލިބި ހޮސްޕިޓަލްތަކަށް ކުރިމަތިވެފައިވާ ބައެއް ބުރަތަކަށް ވެސް ލުއި ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި ޣައްޒާގެ 8،000 މީހުން ޣައްޒާއިން ބޭރަށް ގެންދަންޖެހޭ،" ފަލަސްތީނަށް ކަނޑައަޅާފައިވާ ޑަބްލިޔުއެޗްއޯގެ މަންދޫބު ރިކް ޕީޕަކޯން ޖެނީވާގައި ހުންނަވައިގެން ވީޑިއޯ ލިންކް މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އޭގެ ތެރެއިން ގާތްގަނޑަކަށް 6،000 މީހުންނަކީ ހަމަލާތަކުގައި ބޮޑެތި އަނިޔާ ލިބުނު މީހުން ކަމަށް ޕީޕަކޯން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އޭގެ ތެރޭގައި ޓްރޮމާ އިންޖަރީތަކާއި ފިހިފައިވާ މީހުންނާއި އަތްފައި ބުރިވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

އަނެއް 2،000 މީހުންނަކީ ކުރިން ވެސް ބަލިމީހުން ކަމަށާއި ހަމަލާތައް ފެށުމުގެ ކުރިން ދުވާލަކު 50 އާއި 100 އާއި ދެމެދުގެ އަދަދަކަށް ޣައްޒާއިން އިރުމަތީ ގުދުސް އާއި ހުޅަނގު އައްސޭރިއަށް ޑޮކްޓަރަށް ދައްކަން ގެންދާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުންޏެވެ. އަދި މި އަދަދުގެ ދެބައިކުޅަ އެއް ބަޔަކީ ކެންސަރު ބަލީގެ މީހުން ކަމަށް ވެސް ބުންޏެވެ.

ޣައްޒާއަށް މިފަހަރު ހަމަލާދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން ދިން ހަމަލާގެ ސަބަބުން އިސްރާއީލުގައި ގާތްގަނޑަކަށް 1،160 މީހުން މަރުވުމާ އެކުގަ އެވެ. އަދި 250 މީހަކު ރަހީނު ވެސް ކުރި އެވެ.

އިޒްރޭލުން ބަދަލު ހިފުމުގެ ގޮތުން ޣައްޒާއަށް ވަޔާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި 30،600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. -- އޭއެފްޕީ