Roadha Mihaaru
4 އަހަރަށް ފަހު އައިޖީއެމްއެޗުގެ މިސްކިތް ހުޅުވައިފި

ހަތަރު އަހަރަށް ފަހު އައިޖީއެމްއެޗުގެ މިސްކިތް އަލުން ހުޅުވައިފި

10 މާޗް 2024

އައިޖީއެމްއެޗުގެ މިސްކިތް ހަތަރު އަހަރަށް ފަހު މިއަދު އަލުން ހުޅުވައި، ބޭނުންކުރަން ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޖީއެމްއެޗުގެ މިސްކިތް ހަތަރު އަހަރަށް ފަހު މިއަދު އަލުން ހުޅުވައި، ބޭނުންކުރަން ފަށައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ވެސް އެ މިސްކިތް ހުރި ތަނުގައި ކުރިއަށް ވުރެ ޖާގަ ބޮޑުވާ ގޮތަށް ތަން ބަދަލުކޮށް، ރަސްމީކޮށް ހުޅުއްވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އައިޖީއެމްއެޗުގެ ޒަމާންވީ މިސްކިތް ބަންދުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ސެޕްޓެމްބަރު 2019 ގަ އެވެ. އެކަމަކު، އޭރު ބުނެފައި ވަނީ އެ މިސްކިތް ބަންދުކުރީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ދެ ކޮޓަރިއެއް އަންހެނުންނާއި ފިރިހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ގޮތަށް ބަދަލުކުރުމަށް ފަހު ކަމަށެވެ.

އެހެންވެ، މިސްކިތް ހުރި ބިން މިހާތަނަށް ބޭނުންކުރީ އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލްގެ ބާ ސާމާނުތައް ބަހައްޓާ ތަނެއްގެ ގޮތުގަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، "މިހާރު" އަށް ވިދާޅުވީ އަލުން މިސްކިތް ހުޅުވިއިރު އެއްފަހަރާ 280 މީހުންނަށް އެ ތަނުގައި ނަމާދުކުރެވޭނެ ކަމށެވެ.

"މިހާރު މިސްކިތުގެ އެއްބައިގައި ހުންނާނީ އޭސީ ހަރުކޮށްފައި. ބޭރަށް އޮންނަ ބައިގެ ޖާގަ ވެސް ވަރަށް ބޮޑުވާނެ. މި ރޯދަމަހު ތަރާވީހު ނަމާދުކުރަން ބޭނުންވާ މީހުންނަށް އެ ޖާގަ ވެސް ފަހިވާނެ. އަނެއްކޮޅުން ފިރިހެނުންނާއި އަންހެނުންނަށް ވަކިން ނަމާދު ކުރެވޭނެ ޖާގަ ހުންނާނެ. އަންހެނުންނާއި ފިރިހެންނަށް ވުލޫއު ކުރެވޭނެ ގޮތަށް ވަކި އިސްކުރުބަރިއެއް ވެސް ހުންނާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލުން މިސްކިތް ހެދީ ދީލަތި އެކި ފަރާތްތަކުގެ އެހީތެރިކަމާ އެކު އެވެ. އަދި އައިޖީއެމްއެޗުގެ ފަންޑުން ވެސް އެހީތެރިވި ކަމަށް ހަލީމް ވިދާޅުވި އެވެ.

"އައިޖީއެމްއެޗުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދޭ. ތަން ބެލެހެއްޓުމުގެ ކަންކަން ކުރާނީ އައިޖީއެމްޗުގެ ފަރާތުން. އިސްލާމިކް މިނިސްޓަރު ވެސް މިއަދު ވިދާޅުވި އެ މިސްކިތަށް އެ މިނިސްޓްރީން އެހީތެރިކަން ވެދޭނެ ކަމަށް،" ސީއީއޯ ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ، މިސްކިތެއް ނެތުމުން އައިޖީއެމްއެޗުގެ މުވައްޒަފުންނާއި ހޮސްޕިޓަލަށް ދާ އާންމުން ނަމާދުކުރީ އެކިއެކި ވޯޑުތަކާ އިންވެގެން ހުންނަ ވެއިޓިން އޭރިއާ ފަދަ ހުސް ތަންތަނުގައި ކަމަށެވެ.

އައިޖީއެމްއެޗުގެ މިސްކިތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި ހެލްތު މިނިސްޓަރު ހަލީލް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމާއި އެހެން ބައެއް ވެރިން.

އައިޖީއެމްއެޗުގެ މިސްކިތް އަލުން ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމާއި ހެލްތު މިނިސްޓަރު ހަލީލް އަދި ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ ހަލީމާއި އެހެން ބައެއް ވެރިން.

އައިޖީއެމްއެޗު ތެރޭގައި މިސްކިތެއް ނެތުމުން އޭގެ ކަންބޮޑުވުން މިދިޔަ ފަސް އަހަރު ވެސް އައީ ކުރަމުންނެވެ.