Roadha Mihaaru
ރައީސްގެ ނަސޭހަތް: އެހީފޯރުކޮށްދިނުން އިތުރުކުރަންޖެހޭ

އެކަކު އަނެކަކަށް ހެޔޮ ފޯރުކޮށްދިނުން އިތުރުކުރަންޖެހޭ: ރައީސް

11 މާޗް 2024

ރޯދަމަހަކީ މާތް މައްސަރެއް ކަމުން، ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރޯދަމަހަކީ މާތް މައްސަރެއް ކަމުން، ހެޔޮ ފޯރުވުމުގެ އާދަ އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފެށި މި އަހަރުގެ ރޯދަމަހުގެ ތަހުނިޔާ ދިވެހިންނަށް ފޮނުއްވަމުން، ރައީސް ދެއްވި ހިތާބުގައި ވިދާޅުވީ، ދޭދޭ ހުރިހާ ގުޅުންތަކެއްގައި ހެޔޮ ފޯރުވުމުގެ މާތް ސިފަ އަށަގަންނެވުން ވަރަށް މުހިންމު ކަމަށާއި އެކަކު އަނެކަކަށް އިހުސާންތެރިވެ މަދަދުވެރިވާން ޖެހޭ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ހެޔޮ ފޯރުކޮށްދިނުމުގައި ނަމޫނާ ދެއްކޭތޯ ސަރުކާރުން މަސައްކަތް ކުރާނެ އެވެ. އެހެންވެ، މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބުމުގެ ހިތްދަތި މައްސަލަ ރޯދަމަހުގެ ކުރިން ހައްލުކޮށްދީ، ކުއްލި ހާލަތްތަކުގައި ވައިގެ މަގުން ބަލި މީހުން އުފުލުމުގައި ދިމާވާ ދަތިތަކަށް ވެސް ސަރުކާރުން ހައްލެއް ހޯދައިދީފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މަގުމަތީގައި ތޮއްޖެހުން ކުޑަކުރުމަށް ވެސް ފިޔަވަޅުތަކެއް މިހާރު ވަނީ އަޅަން ފަށައިފަ އެވެ. ކޮންމެ ގޭބިސީއަކަށް ސަރުކާރުގެ ފަރާތުން ހަދިޔާއެއް ދިނުމަކީ ވެސް ހެޔޮ ފޮރޯވުމާއި ދޭދޭ ގުޅުންތައް ބަދަހިކުރުމުގެ އާދަ އަށް ތަރުހީބު ދިނުމަށް ކުރާ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރޯދަމަހަކީ އަޅުކަމުގެ މަހަކަށް ވާތީ، އެ މަހުގެ ފަހު ދިހައެއްގައި ސަރުކާރުގެ އޮފީސްތައް ވެސް ބަންދުކުރީ ކަމަށެވެ.

އިސްލާމީ އުއްމަތަކީ އެއް ހަށިގަނޑެއް ފަދަ ބަދަހި އުއްމަތެއް ކަމަށާއި މުޅި އުއްމަތަށް ހެޔޮ ދުއާ ކޮށްދޭން ވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވަނީ ފަލަސްތީނުގެ ބިމުގައި ހަނގުރާމަ އާއި ބިރުވެރިކަމާއި ހައިހޫނުކަމުގައި ގެދޮރާއި އާއިލާ ގެއްލި، ބިކަވުމުގެ ހާލަތު ކުރިމަތިވެފައިވާ އެތައް ބަޔަކު ތިބުމުން އެ މީހުންގެ މަތިން ހަނދާން އާކުރުމަށް އެދިވަޑައިގެންފަ އެވެ.

"މުސްލިމުންގެ މުގައްދަސް އެއް މިސްކިތް ކަމުގައިވާ އަލްމަސްޖިދުލް އަގްސާ ހުރި ބަރަކާތްތެރި ވަތަނުގައި، އިސްލާމްދީނާ މިނިވަންކަމުގެ ހައްގުގައި ފަލަސްތީނުގެ އަހުލުވެރީން ކުރަމުންދާ ޖިހާދަށް ނަސްރު ދެއްވައި، އަނިޔާވެރީންގެ ކެހިވެރިކަމުން މިންޖުކުރައްވާށި،" ރައީސް މުއިއްޒުގެ ހިތާމުގައި ވެ އެވެ.

ރޯދަމަހަކީ ކެތްތެރިކަމުގެ މައްސަރެއް ކަމަށް ވާތީ މި މަހުގައި އެކަކު އަނެކެއްގެ ބުރަތައް ލުއިކޮށް ދިނުމަށާއި އަމިއްލަ ނަފްސު އިސްލާހުކުރުމަށް ފުރުސަތު ހޯދުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.