Roadha Mihaaru
ރޮހިންޖާ މުސްލިމުންނަށް އިތުރު އެހީ ބޭނުންވޭ: އދ

ރޮހިންޖާ މުސްލިމުންނަށް އެހީވާން މަދުވެގެން 850 މިލިއަން ޑޮލަރު ބޭނުންވޭ: އދ

14 މާޗް 2024

ބަންގްލާދޭޝްގެ ސަރަހައްދުގައި ހަދާފައިވާ ކޭމްޕުތަކުގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ބަންގްލާދޭޝްގެ ސަރަހައްދުގައި ހަދާފައިވާ ކޭމްޕުތަކުގައި ތިބި ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނަށް އިތުރު އެހީތެރިކަން ބޭނުންވާ ކަމަށާއި ނަމަވެސް އެކަމަށް ފައިސާގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ރޮހިންޖާ ރެފިއުޖީންގެ މައްސަލައާ ބެހޭ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ ކޭމްޕްތަކުގައި ތިބި ގިނަ ރެފިއުޖީންނަށް އެކަށީގެންވާ ވަރަށް ކާނާ އާއި ފެން ވެސް ނުލިބޭ ކަމަށާއި ކޮންމެހެން މި ވަގުތުން ވަގުތަށް ބޭނުންވާ އެހީ ފޯރުކޮށްދޭން ވެސް 852.4 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.

ވަކި ދައުލަތަކަށް ނިސްބަތްނުވާ އަދި އެންމެ ބޮޑަށް ބާކީ ވެފައިވާ ރެފިއުޖީންގެ ގޮތުގައި ބެލެވޭ ރޮހިންޖާ މުސްލިމުންގެ ތެރެއިން މިލިއަނެއްހާ މީހުން ބަންގްލާދޭޝްގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ގިނައީ 2017 ވަނަ އަހަރު މިއަންމާގެ އަސްކަރިއްޔާއިން އެ މީހުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތަކާ ހެދި ރައްކާތެރިކަން ހޯދަން ދިޔަ މީހުންނެވެ.

އދ.ގެ ރެފިއުޖީ އެޖެންސީން ބުނީ ބަންގްލާދޭޝްގައި ތިބި ރޮހިންޖާ މުސްލިމުން އުޅޭ 95 ޕަސެންޓް ގޭބިސީއަކީ އެ އެޖެންސީން ދޭ އެހީއަށް އެކަނި ބަރޯސާވާ ތަންތަން ކަމަށެވެ.

"މިއަންމާގެ ހާލަތު އަނެއްކާ ވެސް ގޯސްވަމުން ދާއިރު ރެފިއުޖީންގެ މައްސަލައިގައި ބައިނަލްއަގުވާމީ މުޖުތަމައުން ބަންގްލާދޭޝް އަދި ރެފިއުޖީންގެ ކަންކަން ބަލަހައްޓާ އިދާރާތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ކުރިއަށްވުރެ މިހާރު ވަނީ ބޮޑުވެފައި،" އެޖެންސީގެ ބަޔާނުގައި ބުންޏެވެ.

މިދިޔަ އަހަރު އދ. އާއި އެ އިދާރާއާ ގުޅިފައިވާ އެހެން ޖަމާއަތްތަކުން ރޮހިންޖާ މުސްލިމުންނަށް އެހީވާން 876 މިލިއަން ޑޮލަރުގެ އެހީއަށް އެދުނެވެ. އެކަމަކު އެކި ފަރާތްތަކުން ލިބުނީ 440 މިލިއަން ޑޮލަރެވެ. -- އޭއެފްޕީ